އިބްރާހިމް ޒަކީ
އުމުރުފުޅުން 85 އަަހަރުގައި މިއަދު އަވަހާރަވި، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީިންގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން އަވަހާރަވުމާ ގުޅިގެން، ތައުޒިޔާގެ ފޮތެއް އިންޓަނެޓް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގައި ހުޅުވާލަން ނިންމައިފިއެވެ.
އަމީނާ އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަމީނާ އަކީ، ރާއްޖޭގެ ކުޅިވަރާއި، އަންހެނުންނާއި، ޒުވާނުންގެ ކުރިއެރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ބޭކަނބަލެއް ކަަމަށާއި، ރާއްޖޭގެ ތަރައްގީގެ އެކި ކަންކަމުގައި އަމީނާ އަދާކުރައްވާފައިވާ ދައުރު ދިވެހި އުއްމަތް ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. އަދި އަމީނާ ވަނީ ދެފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އަމީނާގެ ހަނދާނުގައި ލިޔާނެ ފޮތެއް މަޖިލީހުގައި ބާއްވަވާނެ ކަމަށާއި، މިއީ ކޮވިޑް 19 ގެ ރޯގާގެ ހާލަތުކަމުން، އެފޮތުގައި ލިޔުމުގެ ފުރުސަތު ހުޅުވާލައްވާނީ ވާޗުއަލްކޮށް އިންޓަނެޓް މެދުވެރިކޮށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މިހާލަތުގައިވެސް ވީހާވެސް ގިނަ ދިވެހި ރައްޔިތުން އެ ފޮތުގައި ލިޔުއްވުމަށް މަޖިލިސް ރައީސް ވަނީ އެދިވަޑައިގެންނެވިއެވެ.
އަމީނާ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވަނީ 1985 އިން 1989 އާއި ދެމެދުގައެވެ. މިއީ ރާއްޖޭގެ ރައީސެއްގެ ބޭފުޅަކު ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރެއްވި ފުރަތަމަ ފަހަރެވެ.
އަމީނާ އަވަހާރަވި އިރު ދުނިޔޭގައި އެކަމަނާގެ ފިރިކަލުން އަދި ހަތަރު ބޭފުޅުން އެބަތިއްބެވިއެވެ.
އެ ހަތަރު ބޭފުޅުންނަކީ އިބްރާހީމް ފައިސަލް އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އާއި މިހާރު އިނގެރޭސި ވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލްގެ އިތުރުން ޝުވޭކާރް ހަމީދު އެވެ.
އަމީނާގެ 14 މާމަ ބޭފުޅުން އެބަތިއްބެވި އެވެ. އެއީ އިބްރާހީމް ފައިސަލްގެ 4 ބޭފުޅުންނާއި އަމީން ފައިސަލްގެ 6 ބޭފުޅުންނާއި ފަރަހަނާޒް ފައިސަލްގެ އެއް ބޭފުޅެއް އަދި ޝުވޭކާރް ހަމީދުގެ ތިން ބޭފުޅުންނެވެ.