އިބްރާހިމް ޒަކީ
މިއަދު އަވަހާރަވި، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ދަރިކަނބަލުން، އަންނަބީލާ އަމީނާ މުހައްމަދު އަމީނަކީ، ރާއްޖޭގެ ކުޅިވަރާއި، އަންހެނުންނާއި، ޒުވާނުންގެ ކުރިއެރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ބޭކަނބަލެއް ކަަމަށާއި، ރާއްޖޭގެ ތަރައްގީގެ އެކި ކަންކަމުގައި އަމީނާ އަދާކުރައްވާފައިވާ ދައުރު ދިވެހި އުއްމަތް ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ރައީސް ވިދާޅުވެއްޖއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ އުމުރުފުޅުން 85 އަަހަރުގައި އަމީނާ މުހައްމަދު އަމީން މިއަދު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެން އަމީނާގެ ހަނދާތަން އުފަލާއެކީގައި އާކުރާއިރު އެނގިވަޑައިގަންނަވާނެ، ކުޅިވަރުގެ ކުރިއެރުމަށް، އަންހެނުންގެ ކުރިއެރުމަށް، ޒުވާނުންގެ ކުރިއެރުމަށް، ރާއްޖޭގެ ތަރައްގީގެ އެކިއެކި ރޮނގު ރޮނގުގައި، އަމީނާ އަދާކުރައްވާފައިވާ ދައުރު އަޅުގަނޑުމެން މި ދިވެހި އުއްމަތް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އަމީނާ މުހައްމަދު އަމީންގެ ހަޔާތްޕުޅަށް އަލިއަޅުއްވާލައްވައި، މަޖިލިސް ރައީސް ވިދާޅުވީ، އަމީނާގެ ހަޔާތް ބިނާވެގެންއައި ގޮތަކީ، ރާއްޖޭގެ ތަރައްގީގެ ހަޔާތުގައި، ދިވެހިިންގެ ހަޔާތުގައި، ދިވެހި އަންހެނުންގެ ހަޔާތުގައި، އަދި މިދިވެހި ގައުމުގެ ހަޔާތުގައި ފެނިގެންދިޔަ އަސަރުގަދަ ދުވަސްތަކެއް ކަމަށެވެ.
"މުހައްމަދު އަމީން ކޮޅުނބުން މާލެ ވަޑައިގެންނެވިއިރު އަމީނާ ހުނެނެވީ، ކޮޅުނބުގައި ކިޔަވާ ވިދާޅުވާ.ން މުހައްމަދު އަމީން އެފަހަރު ރާއްޖެ ވަޑައިގެންނެވުމުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ނެގި ފޮނުވާލެވުނީ ދޫނިދޫއަށް، އަމީނާ މާލެ ވަޑައިގެންނެވިއިރު މުހައްމަދު އަމީން ހަވަރަށް ދެވި އޭގެ ފަހުން ގާފަރަށް ފޮނުވާލެވި، ގާފަރުގައި އޮންނަވައި ހާލުކޮޅު ދަށްވެ ވިހަމަނާފުށްޓަށް ބޭސްފަރުވާއަށް ގެންދެވި، ވިހަމަނާފުށީގައި އޮންނަވަނިކޮށް، އަމީނާގެ އުމުރުފުޅުުން 17 އަހަރުގައި ބައްޕާފުޅު އަވަހާރަ ވުމުގެ ކުޑަވަގުތުކޮޅެއް ކުރީގައި އަޅުގަނޑަށް އެނގިފަ އޮތް ގޮތުގައި އަމީނާ އާއި މުހައްމަދު އަމީނާ ބައްދަލުވި، އަވަހާރަވެދިއުމާއި އެއަށްފަހު އަމީނާގެ ހަޔާތް ބިނާވެގެން އައިގޮތް އެއީ އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ތަރައްގީގެ ހަޔާތުގައި، ދިވެހިިންގެ އަންހެނުންގެ ހަޔާތުގައި، މިދިވެހި ގައުމުގެ ހަޔާތުގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔަ އަސަރުގަދަ އަދި ކިތަންމެ ފަހަރަކު އުފާވެރި މަޖާ ހިތްގައިމު ދުވަސްތަކެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އަމީނާގެ ހަޔާތަކީ "އަޅުގަނޑުމެންގެ ހަޔާތެއް ނޫން، އަމީނާ މުހައްމަދު އަމީންގެ ހަޔާތަކީ، އަޅުގަނޑުމެންގެ މައިންބަފައިންގެ ހަޔާތެއް ނޫން، މި އިއްއޒަތްތެރި މަޖިލީހުގައި އަޅުގަނޑު ކެރިހުރެ ދަންނަވަން އެންމެ އިއްޒަތްތެރި މެންބަރަކުވެސް ނީންނަވާނެ އެބޭފުޅާގެ އާއިލާއާ އަމީނާ މުހައްމަދާ ގާތް ގުޅުމެއް ނެތް އެންމެ އިއްޒަތްތެރި މެންބަރަކުވެސް،" ކަމަށެވެ.
އަމީނާ މުހައްމަދު އަމީން ވަނީ ދެ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވައިފައެވެ.