ޗައިނާ

ޗައިނާގެ ވޫހާންގައި 57000 އަށްވުރެ ގިނަ ދަރިވަރުން ސްކޫލަށް ދާން ފަށައިފި

މިންހާ ފާއިޒް ރަޝާދު

ކޮވިޑް19 އެންމެ ފުރަތަމަ ފެތުރެން ފެށި ގައުމު ޗައިނާގެ ވޫހާން ސިޓީގައި އެތައް ހާސް ދަރިވަރުންނެއް މިއަދު ސްކޫލަށް ދާން ފަށައިފިއެވެ.

ޖެނުއަރީއިން ފެށިގެން ވޫހާން ލޮކްޑައުންގައި އޮތުމަށްފަހު ލުއިތައް ދޭން ފެށީ މިދިޔަމަހުން ފެށިގެންނެވެ. އެގޮތުން މިހާރު ބޯޑަރުތައް ހުޅުވާފައިވާއިރު، އެތެރޭގެ އުދުހުންތައްވެސް ކުރަމުންދެއެވެ. އަދި ބައެއް ވިޔަފާރިތައް ވަނީ ފަށާފައެވެ.

އެ ސިޓީގެ 121 ސްކޫލެއް މިއަދު ހުޅުވޭއިރު 57800 ދަރިވަރުން ސްކޫލަށް ނުކުންނާނެ ކަމަށް ކަމާބެހޭފަރާތްތަކުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 83 ހައި ސްކޫލަކާއި 38 ވޮކޭޝަނަލް ސްކޫލު ހިމެނެއެވެ.

މިއީ ޖުލައި ހަތެއް އަށެއްގައި ޔުނިވާސިޓީ ޓެސްޓު ހަދަން ޖެހޭ ހައި ސްކޫލު ދަރިވަރުންނެވެ. ކުރިން އެ ޓެސްޓު ޖޫންގައި ބާއްވަން ނިންމާފައި އޮތް ނަމަވެސް ލޮކްޑައުނާ ގުޅިގެން ޖުލައިއަށް ފަސް ކުރީއެވެ. އެއަށްވުރެ ދަށް ގްރޭޑުތަކުގެ ދަރިވަރުންގެ ކްލާސްތައްވެސް ކުރިޔަށްއޮތްތަނުގައި މަޑުމަޑުން ފަށާނެ ކަމަށް ޗައިނާއިން ބުނެއެވެ.

ސްކޫލުތައް ހުޅުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ހުރިހާ ދަރިވަރުން ކޮވިޑަށް ޓެސްޓު ކޮށްފައި ނޫނީ ސްކޫލަށް ނުދެވޭއިރު، އިޖުތިމާއީ ގައިދުރުކަން ކަށަވަރުކުރުމަށްވެސް ވަނީ ފިޔަވަޅުތައް އަޅާފައެވެ. ކެންޓީނުގައި ދެމޭޒު ދޭތެރޭގައި ޕާޓިޝަންވެސް ޖަހާފައިވާނެ ކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. 

ޗައިނާގެ ހުބޭއި ޕްރޮވިންސަކީ ކޮވިޑް19 މިދިޔަ ޑިސެމްބަރުގައި އެންމެ ފުރަތަމަ ފެނުނު ހިސާބެެވެ. ނަމަވެސް އެ ޕްރޮވިންސުން ބައްޔަށް ޕޮޒިޓިވް މީހަކު ނުފެންނަތާ މިއަދަށް 32ދުވަސް ވެފައިވާ ކަމަށް އެގައުމުން ބުނެއެވެ. އަދި މުޅި ޗައިނާއިންވެސް މިއަދު ފެނިފައިވަނީ އެންމެ ދެ ކޭސްކަމަށް ބުނެއެެވެ.

ޗައިނާގައި ކޮވިޑަށް ޕޮޒިޓިވް ވީ 82883 މީހުނެވެ. އޭގެ ތެރެއިން 4633މީހަކު މަރުވިއެވެ.