އަލުން ޕްރިމިއަލީގް ފަށާއިރު 90 މިނެޓް ނުކުޅުމުގެ އިތުރުން ބަދަލުކުޅުންތެރިންގެ ގޮތުގައި މިހާރު ބޭނުންކުރާ އަދަދަށް ބަދަލުތަކެއް ގެނައުމަށް ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ)ގެ ޗީފް، ގޯޑަން ޓެއިލާ ޕްރޮޕޯސަލެއް ހުށަހަޅުއްވައިފިއެވެ.
ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގާއި ގުޅޭގޮތުން ޕީއެފްއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް މިފަދަ ބަދަލުތައް ގެންނާނީ ކުޅުންތެރިންނާއި މެނޭޖަރުންގެ ވެސް ހިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ.
މާޗް 13 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލާފައިވާ ލީގު ޖޫންގެ މެދެއްހާތާނގައި އަލުން ފަށަން ވާހަކަތައް ދެކެވެމުން އަންނައިރު ކުޅުންތެރިންނާއި އޮފިޝަލުން އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ޕީއެފްއޭއިން ވަކާލާތު ކުރާނެ އެންމެ އިސްކަން ކަމަށް ޓެއިލާ ވަނީ ވިދާޅުވެފައެވެ.
ބީބީސީ ރޭޑިއޯ ފޯ އެސް އަށް ދެއްވި އިންޓަވިއުއެއްގައި ޓެއިލާ ވިދާޅުވީ އޭނާ ގަބޫލުކުރައްވަނީ ލީގު ރާވައި ހިންގާ މީހުންނަކީ ނުވިސްނޭ ބައެއް ނޫން ކަމަށާއި އެގޮތުން އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން ކަންކަން ނިންމާނީ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާފައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިފަދަ ކަންކަމުގައި އަމަލުކުރަން ޖެހޭ ވަކި އުސޫލުތަކެއް އޮންނަ ކަމަށާއި އެހެންކަމުން ހުރިހާކަމެއްވެސް ނިންމާނީ ސިއްހީ މާހިރުންނާއި ސަރުކާރުގެ އިދާރާތަކުގެ މާހިރުންގެ ބައިވެރިވުމާ އެކުގައި ކަމަށެވެ.
ޓެއިލާ ވިދާޅުވީ މިކަމާ ގުޅިގެން އަންނަ ހުކުރު ދުވަހު ޕްރިމިއާ ލީގުގެ ހިއްސާދާރުންނާއެކު ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އެބައްދަލުވުމަގައި ޕްރޮޕޯސަލް ހުށަހަޅައި ފައިނަލްކުރުމަށްފަހު އަންނަ ހަފުތާގައި ހުރިހާ ޓީމްތަކަށް ޕްރޮޕޯސަލް ފޮނުވާނެ ކަމަށެވެ.
މީގެ އިތުރުން ޓެއިލާ ވިދާޅުވީ ބާކީ ހުރި މެޗްތައް ނިންމައި ނުލެވިއްޖެނަމަ ބައެއް ޓީމްތަކަށް ފައިދާވާނެ ކަމަށާއި އެހެންކަމުން މުބާރާތް ކުރިޔަށް ނުގެންދެވޭނެ ހާލަތެއް މެދުވެރި ވެއްޖެނަމަ ކުރިން ކުޅެފައިވާ މެޗްތައް ކެންސަލް ކުރަން ޖެހުން ވެސް އެކަށީގެންވާ ކަމަށެވެ. ނަމަވެސް މިކަމުގައި ވާނެ ގޮތެއް ނޭނގޭ ކަމަށާއި ވަކިގޮތެއް ނިންމޭނީ މެނޭޖަރުންނާއި ކޯޗުން އަދި ކުޅުންތެރިންގެ ހިޔާލު ހުރިގޮތެއް ބެލުމަށްފަހުގައި ކަމަށްވެސް ޓެއިލާ ވިދާޅުވިއެވެ.