ރިޕޯޓް

އޭޖީ ފޮނުއްވި ބިލް އެއްފަރާތްކޮށްލައި ހުށަހެޅި ބިލާމެދު ހިޔާލުތަފާތުވެ އެންމެފަހުން އޭޖީގެ ލަފާހޯދަން ޖެހިފައި

އިބްރާހިމް ޒަކީ

ހުސްވި އޭޕްރީލްމަހުގެ 4 ގައި ބާއްވަން ޖެހޭނެކަމަށް ގާނޫނުގައި ބުނެފައިވާ ލޯކަލް ކައުންސިލް އިންތިހާބު، ކޮވިޑް 19 ގެ ސަބަބުން އެމަހުގެ 18 އަށް އިލެކްޝަންސް ކޮމިޝަނުން ފަސްކުރިއެވެ.

ނަަމަވެސް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމާއި، ކޮވިޑް 19 ގެ ނުރައްކާ އިތުރަށް ބޮޑުމުން އެމުއްދަތުގައިވެސް އިންތިހާބު ބޭއްވޭގޮތެއް ނުވިއެވެ. ންތިހާބު އެއަށްވުރެ ފަސް ކުރުމުގެ ގާނޫނީ ބާރެއް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ލިބިފައި ނުވާ ކަމަށް އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އޭރު ވިދާޅުވިއެވެ.

އެހެންކަމުން އެކަމުގައި ޝަރުއީ ދާއިރާއިން ގޮތެއް ހޯދުމަށް މާޗް 15 ގައި އެމައްސަލަ އީސީން ހައިކޯޓަށް ހުށަހެޅިއެވެ.

ނަމަވެސް މިހާރު އިންތިހާބުކޮށްފައި މަގާމުގައި ތިއްބެވި ކައުންސެލަރުންގެ މަގާމުގެ މުއްދަތު ޖޫން 3 އަށް ހަމަވާއިރުވެސް އިންތިހާބު ނުބޭއްވި، ގާނޫނީ ހުސްކަމަަކަށްދާނެތީ، އެކަމަށް ބޭނުންވަނީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއްކަމަށް ފެންނާތީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅި ދުވަސްނޫން ޖެހިގެން އައިދުވަހު އެ ކޯޓުން މައްސަލަ ނަގައި ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އެމައްސަލަ އީސީން ސުޕްރީމް ކޯޓަށް ހުށަހެޅީ، މީގެ ކުރިންވެސް އެފަދަ މައްސަލަތަކަށް ސުޕްރީމްކޯޓުން ފަރުވާ ހޯދައިދީފައިވާތީއެވެ. އެގޮތުން ރިޔާސީ އިންތިހާބުން ފެށިގެން ވަރަށްގިނަ އިންތިހާބުތަކަށް، އެފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަނީ ފަރުވާ ހޯދައިދީފައެވެ.

އެ މައްސަލަ އީސީން ކޯޓަށް ހުށަހެޅުމާއެކު، އިްނތިހިާބަށް ކުރިމަތިލި ސިވިލްސާވަންޓުންގެ ހައްގަުތައް ހޯދުމަށް ސީއެސްސީން އެ މައްސަލައިގެ ތެރެއަށް ވަންނަންވެސް ނިންމިއެވެ.

ސިވިލްސާވިސް މުވައްޒަފުން އިންތިހާބަށް ކުރިމަތިލައިފިނަަމަ، ވަޒީފާއިިން ސަސްޕެންޑް ވާނެ ގޮތާއި، ނުހޮވިއްޖެނަމަ އެ ސަސްޕެންޝަން އުވޭނެ ގޮތް، ކައުންސިލް އިންތިހާބުގެ ގާނޫނާއި، ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، މިހާރު މިއޮތްފަދަ ހާލަތެއް މެދުވެރިވެގެން އިންތިހާބު ނުބޭއްވިއްޖެނަމަ ދެން ވާނެ ގޮތެއް ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައިވެސް އަދި ގަވާއިދުގައިވެސް ބުނެފައެއް ނުވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނެފައި ވަނީ، ސިވިލްސާވިސްގައި ހިމެނޭ މީހަކު ލޯކަލް ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލައިފިނަމަ، އެ އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެމީހަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން ސަސްޕެންޑްވީ ކަމަށެވެ. އަދި އެމީހެއްގެ ނަން އަނބުރާ ގެނެސްފިނަމަ، ނުވަތަ އިންތިހާބަށް ކުރިިމަތިލީ ގޮނޑިއަށް އެމީހަކު ނުހޮވިއްޖެނަމަ، އެމީހަކު ސިވިލްސާވިސްގައި އަދާކުރަމުންދިޔަ ވަޒީފާއަކަށް އެނބުރި ރުޖޫއަވުމުގެ ފުރުސަތު ދޭންވާނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އިންތިހާބު ކާމިޔާބުވެއްޖެނަމަ ސިވިލްސާވިސްގެ މަގާމުން އެމީހަކު ވަކިވީ ކަމަަށްވެސް ބުނެފައި ވެއެވެ.

މިފަދަ ހާލަތެއް ދިމާވެ، އިންތިހާބު ނުބޭވެނީސް މިހާރު ތިއްބެވި ކައުންސިލަރުންގެ މުއްދަތު ހަމަވެއްޖެނަމަ ދިމާވެދާނެ ގާނޫނީ ހުސްކަމަށްވެސް މީގެން އެއްވެސް ގާނޫނަކުން ފަރުވާއެއް ހޯދައިދީފައެއް ނުވެއެވެ. އެހެންކަމުން އީސީގެ މައްސަލައަށް ވަނުމަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އިންވެސް އޮތީ ތައްޔާރަށެވެ. ނަމަވެސް އީސީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ދެން ފެނުނީ މުޅިން އެހެން މަންޒަރެކެވެ.

އެއީ އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ އޮތް ކަންބޮޑުވުމެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ގާނޫނު ހެދުމާއި ގާނޫނު އިސްލާހު ކުރުމުގެ ބާރަކީ ހަމައެކަނި އެ މަޖިލީހަށް އޮންނަ ބާރެއް ކަމަށެވެ. އަދި ކައުންސިލް އިންތިހާބާ ގުޅުންހުރި ހުރިހާ ގާނޫނަކީވެސް އެ މަޖިލީހުން ހަދާފައިވާ ގާނޫނަތެއްް ކަމަށް ވެފައި، އެގާނޫނުތަކަށް ބަދަލު ގެނައުމުގެ ހަަމައެކަނި ބާރު މަޖިލީހަށް އޮއްވައި، އެ މައްސަލައިގައި އީސީން ޝަރުއީ ދާއިރާގެ އެހީތެރިކަން ހޯދަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް މަޖިލީހުން ބުންޏެވެ.

އެންމެ ފަހުން އެ މައްސަލައިގައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަދި މެންބަރުން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށްވެސް ހާޒިރުކުރިއެވެ.

އެ ކަމަށް ފަރުވާއެއް ހޯދުމަށް ޝަރުއީ ނިޒާމު ހިޔާރު ކުރެއްވި މައްސަލައިގައި މެންބަރުންގެ ވަރުގަދަ ސުވާލުތަކަކާވެސް ކޮމިޝަނުގެ ރައީސްގެ އިތުރުން މެންބަރުންނަށް ކުރިމަތިލާން ޖެހުނެވެ.

އެ މައްސަލައިގައި ބައެއް މެންބަރުންގެ ސުވާލުތަކާއި ވާހަކަތައް ހުރީ، ހުރިހާ ކަމެއް ކުރުމުގެބާރު މަޖިލީހަށް ލިބިފައި އޮއްވައި އެއަށްވުރެ މާ ނިކަމެތި ދެރަ ބައެއްގެ ކައިރިއަށް ކަމަކަށް އެދި ބަޔަލު ދިއުމުން ކުށްވެރިވެގެން ބަޔަކު ގެނެސް މައްސަލަ ތަހުގީގުކުރަން ސުވާލު ކުރާ ބީދައިންނެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރު ކުރުމުން ހަމަ އެދުވަހުން އެދުވަހަށް، އީސީިން އެ މައްސަލަ ކޯޓުން ވެސް ނެގިއެވެ. އަދި އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކޮމިޓީގައިވެސް އީސީން އެދުނެވެ. އެހެންކަމުން ކޮމިޓީގެ އިސްނެގުމާއި އީސީގެ އެދުމާއެކު، އިންތިހާބު ލަސް ކުރުމަށް ސަންސެޓް ގާނޫނެއް އެކުލަވައިލަދިނުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް ހުށަހެޅިއެވެ.

މިދިޔަ ހަފްތާގައި މަޖިލީހުން ފާސްކުރި "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" އަކީ އެގޮތުގެމަތީން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެކެވެ.

މިބިލް މަޖިލީހުގެ ތަޅުމުގައި އޮއްވައި، އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތް ކަމަށްބުނެ، އިންތިހާބު ބާއްވަންޖެހޭ މުއްދަތުގައި، އިންތިހާބު ބޭއްވެން ނެތްކަން އޭޕްރީލް 13 ވަނަ ދުވަހު އިލެކްޝަން ކޮމިޝަނުން އިއުލާން ކުރިއެވެ. ނަމަވެސް އިންތިހާބު ފަސްކުރިކަމެއް އިންތިހާބު ދެން ބާއްވާނެ ދުވަހެއް ބުނެފައެއް ނުވެއެވެ. އެއީ ގާނޫނުން އިންތިހާބު ފަސްކުރުމަށް އީސީއަށްވެސް ލިބިފައިވާ މުއްދަތު ފަހަނައަޅައިވެސް ގޮސްފައިވާތީއެވެ.

ކައުންސިލް އިންތިހާބުގެ ވޯޓުލުން ފަސް ކުރުމަށް ފާސްކުރި "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ގައިވަނީ، އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، އިލެކްޝަންސް ކޮމިޝަނުން އޭޕްރިލް 18 ގައި ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވުނީ ކަމަށެވެ. އިންތިހާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އޭގެ ސަބަބުން އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށްވެސް ބުނެފައި ވެއެވެ.

އިންތިހާބަށް ކުރިމަތިލި ސިވިލްސާވަންޓުންގެ ސަސްޕެންޝަނަށްވެސް މި ބިލުން ފަރުވާއެއް ހޯދައިދީފައި ވެއެވެ. ބިލުގައިވާ ގޮތުން، ރައީސުލް ޖުމްހޫރިއްޔާ މި ގާނޫނު ތަސްދީގުކުރާ ދުވަހުން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވިގެންދާނެ ކަމަށް ބިލްގައި ވަނީ ހިމަނައިފައެވެ.

މި ބިލާއެކު، މުއްދަތު ހަމަވާ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ވެސް ގާނޫނުއަސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން (އޭޖީ) ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުއްވިއެވެ.

ދެން އިންތިހާބު ކުރާ ކައުންސިލްތަކުގެ ދައުރު، 5 އަހަރަށް އިތުރު ކުރަން މިއަހަރު ގާނޫނު އަސާސީއަށް އިސްލާހު ގެނައި ގާނޫނު އަލުން އިސްލާހު ކުރަން ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވަނީ، 5 އަހަރަށް ދައުރު އިތުރުކުރި ފަހުން ބާއްވާ ފުރަމަ ލޯކަލް ކައުންސިލް އިންތިހާބު ބާއްވައި ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވަންދެން، މިހާރުތިިބި ކައުންސެލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށެވެ.

ނަމަވެސް އެކުއެކީގައި މަޖިލީހަށް އައި މިދެބިލުގެ ތެރެއިން، އިންތިހާބު ފަސްކުރަން ހުށަހެޅި ބިލް މަޖިލީހުން ފާސްކުރި ނަމަވެސް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލްގެ ފުރަތަމަ ކިޔުން އިއްވުން ފިޔަވައި އެއްވެސްކަމެއް ކުރިއަށް ގޮސްފައެއް ނުވެއެވެ.

ފުރަތަމަ ކިޔުން އިއްވުމަށްފަހު އެބިލް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާވެސް ކޮށްފައެއް ނުވެއެވެ. އެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށްހު، ބިލުގެ ބަހުސް ކުރިއަށް ގެންދިއުމުގެ ބަދަލުގައި، މަޖިލީހުގައި ކުރިއަށް ގެންދިއަކީ، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އޮތް މި ދަނޑިވަޅަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނެވިދާނެ ދަނޑިވަޅެއްތޯ ބެލުމަށް ކުރި ބަހުސެކެވެ.

އެއީ އެޖެންޑާގައިވެސް ކުރިއަށް ގެންދަން އޮތް ބަހުސެއް ނޫނެވެ. ނަމަވެސް އެބަހުސަކީ މަޖިލިސް ރައީސަށް ފެނިވަޑައިގެން ކުރިއަށް ގެންދެވި ބަހުސެކެވެ.

ގާނޫނުއަސާސީގައި ބުނެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލައުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށެވެ.

ނަމަވެސް އެ ބަހުސްގައިވެސް އެމްޑީޕީ މެންބަރުންގެ މެދުގައި އުފެދުނީ ބޮޑެތި ހިޔާލުތަފާތުވުންތަކެކެވެ.

މިހާލަތުގައި ގާނޫނުއަަސާސީއަށް އިސްލާހު ގެނެވޭނެކަމަށް ވަކާލާތު ކުރެއްވި މެންބަރުން ވިދާޅުވީ، ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތަކީ، ރައީސުލް ޖުމްހޫރިއްޔާ އިއުލާންކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށެވެ. އެހެންކަމުން މި ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނެ ކަަމަށް އެމެންބަރުން ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނަނީ، "ގުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ހަނގުރާމައެއް ނުވަތަ، ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެފަދަ ކަމެއް ކުރިިމަތިވެއްޖެނަމަ ނުވަތަ ބޭރުގެ ހަމަލާއެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެއްޖެނަމަ ދިވެހި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަަަހައްދެއްގައި، ނުވަތަ ސަރަހައްދުތަކެއްގައި، 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ" ކަމަށެވެ.

މިމާއްދާއަށް ހަވަލާދީ ގާނޫނޫއަސާސީގެ 260 ވަނަ މާއްދާއާ ހަމަޔަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ޕްރޮސީޖާ ކުރިއަށް ގެންދަން ޖެހޭގޮތް ވަނީ ތަރުތީބު ކޮށްފައެވެ.

ނަމަވެސް ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ވަގުތެއްގައި، ގާނޫނުއަސާސީއަށް އެއްވެސް އިސްލާހެއް ގެނެސްގެން ނުވާނެ ކަމަށް ކަނޑައަޅައިފައެވެ.

ރާއްޖޭގައި މިހާރު އިއުލާންކޮށްފައި މިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ، އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، ގެ ލަފާގެމަތިން ހެލްތު މިނިސްޓަރު އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެވެ.

ނަމަވެސް މިހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށް ވަކާލާތު ކުރައްވާ މެންބަރުން ވިދާޅުވީ، މި ހާލަތަކީވެސް ރައީސުލް ޖުމްހޫރިއްޔާ ހުއްދަ ދެއްވައިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށާއި، މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހާއްސަ ހާލަތެއް ކަމަށެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހު ގެނެވެންވާނީ މިނިވަން މާހައުލެއްގައި ރައްޔިތުން އެއްބަޔަކު އަނެއްބަޔަކާ މަޝްވަރާކުރެވި، ހިޔާލު ފާޅު ކުރުމުގެ ފުރުސަތު އޮންނަ މާހައުލެއް އޮވެގެންކަމަށްވެސް އެ މެންބަރުން ވިދާޅުވެއެވެ. އެމެންބަރުން ވިދާޅުވީ ގާނޫނުއަސާސީގެ ރޫހަކީ ވެސް އެއީ ކަމަށެވެ.

މި މައްސަލައިގައި މަޖިލީހަށް ބިލު ފޮނުއްވެވި އެޓާނީ ޖެނެރަލް ވެސް ވިދާޅުވެފައިވަނީ މި ހާލަތަކީ އެ ބިލް ފާސްކޮށް ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނެ ހާލަތެއް ކަމަށެވެ. ނަމަވެސް މި ބަހުސަށްފަހު ސަރުކާރުން ހުށަހެޅި ބިލަށް ވީގޮތެއް ނޭނގުނެވެ.

ފެނުނީ އެކަމަށް މުޅިން އާ ބިލެއް ފެންމަތިވި ތަނެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ގެ ނަމުގައި މި ބިލު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އެބިލް މަޖިލީހަށް ބަލައިގަނެ މިހާރު އޮތީ ދިރާސާކުރަން ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ.

މި ބިލްގައި ބުނެފައިވަނީ މިގާނޫނަށް އަމަލުކުރަން ފަށާއިރު އިންތިިހާބު ކޮށްފައި ތިބި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ ދަށުން ބާއްވަން ޖެހޭ އިންތިހާބު ބާއްވައި ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން މަގާމާ ހަވާލުވަންދެން އެމީހުންގެ މަގާމުގައި ދެމި ތިބޭނެ ކަމަށެވެ.

މި ބިލުގެ އިބްތިދާއީ ބަހުސްގައިވެސް އެމްޑީޕީ މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ.

ބައެއް މެންބަރުން ވިދާޅުވީ، ކައުންސިލަރުންގެ ދައުރުގެ މުއްދަތު ކަނޑައަޅާފައިވަނީ، ގާނޫނުއަސާސީގައި ކަމަށާއި، ގާނޫނުއަަސާސީއަށް އިސްލާހު ގެނެވެނީ، ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށްވާއިރު، ޖަލްސާއަށް ހާޒިރުވާ މެންބަރުންގެ މެޖޯރިޓީ ވޯޓަކުން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަމެއް ބަދަލު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އެކަމުގައި ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދެންޖެހޭ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.

އުފެދިފައިވާ ހިޔާލު ތަފާތުވުމާ ގުޅިގެން އެބިލަށް، ބަންޑާރަ ނައިބުގެ ލަފައެއް، ނުވަތަ ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމަކީ ތިމާމެން، ލަދުގަންނަން ޖެހޭ ކަމެއްނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހާއި، މެންބަރުންގެ ހައިބަތު ކުޑަވާނެ ކަމެއް ނޫންކަމަށް ތަކުރާރުކޮށް ފާހަގަ ކުރެއްވި މެންބަރުންވެސް ބިލަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރޭގައި ތިއްބެވިއެވެ.

ނަަމަވެސް އެކަމަށް އިދިކޮޅު ހެއްދެވި މެންބަރުން ވަކާލާތު ކުރެއްވީ މި ހުރިހާ ކަމެއް ކުރެވޭނީ މަޖިލީހަށް ކަމާއި، އެކަމުގައި އޭޖީގެ ލަފައެއް، އަދި ސުޕްރީމް ކޯޓުގެ ބަހެއްވެސް ބޭނުން ނުވާ ކަމަށެވެ.

ކޮންމެއަަކަސް ބިލް މިހާރު މިއޮތީ، ދިރާސާކޮށް އިސްލާހު ކުރުމުގެ މަރުހަލާގައެވެ. މިބިލް ފާސްކުރާނީ، ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އެއަށް ބަހުސް ކޮށްފައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، އެޓާނީޖެނެރަލް މަޖިލީހަށް ފޮނުއްވި ބިލް، އެއްފަރާތްކޮށް، އޭގެ މައްޗަށް ހުށަހެޅި ބިލަށް، އެންމެ ފަހުން އެޓާނި ޖެނެރަލްގެ ލަފާ ހޯދަން ޖެހުމެވެ. ނަމަވެސް އެކަމަށް އެއްބަސްވީ އެހެން ގޮތެއް ނެތިގެންނެވެ. އެކަން ދޭހަވަނީ، ބިލް ކޮމިޓީއަށް ދިއުމުން ބޭއްވި ފުރަތަަމަ ބައްދަލުވުމުގައިވެސް އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފާ ހޯދުމަށް ހުށަހެޅުމުންނެވެ.

ސުންގަޑި ކަނޑައެޅުމުގެ ގޮތުން މިދިޔަ ހަފްތާގައި ބޭއްްވި ކޮމިޓީގެ ބައްދަލުވުމުގައި، ފުރަތަމަ ވެސް ހުށަހެޅީ ބިލާމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުމާއި ގާނޫނުއަސާސީއާ ބިލް ހިލާފު ކަމަށް މެންބަރުން ވިދާޅުވާތީ، އެކަމަށް ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށް ބަންޑާރަ ނައިބާ މަޝްވަރާކުރުމަށެވެ. އެއާއެކު ބިލު ހުށަހެޅުއްވި މެންބަރު ހަސަލް ލަތީފާއި އެލްޖީއޭއާ ވާހަކަ ދެއްކުމުގެ އިތުރުން ކައުންސެލް ޖެނެރަލްގެ ލަފާ ހޯދުމަށްވެސް ހުށަހެޅިއެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރު، ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ހުށަހަޅުއްވައިގެން ނޮޅިވަރަމު ދާއިރާގެ މެންބަރު ތާއީދު ކުރެއްވި މި ހުށަހެޅުމަށް ލިބުނީ އެންމެ ދެ ވޯޓެވެ. އެހެންކަމުން ހުށަހެޅުން ފާހެއް ނުވިއެވެ.

ނަމަވެސް ބިލުުގެ ސުންގަޑި ކަނޑައެޅުމުން، ޝިޔާމް އަނެއްކާވެސް ކުޑަ ބަދަލަކާއެކު އެ ހުށަހެޅުން ހުށަހެޅުއްވިއެވެ. މިފަހަރު ޝިޔާމް ހުށަހެޅުއްވީ، އެޓާނީ ޖެނެރަލް އާއި ކައުންސެލް ޖެނެރަލްގެ ލަފާހޯދުމަށެވެ. އެ ހުށަހެޅުމަށް އެންމެން ޖެހުނީ އެއްބަސް ވާށެވެ. އެހެންކަމުން އެ ހުށަހެޅުން ވަނީ ކޮމިޓީން ފާސްކޮށްފައެވެ.

މިހާރު އިންތިޒާރު ކުރަނީ އެކަމުގައި އޭޖީގެ ލަފަޔަކަށެވެ. ގާނޫނީ އަސާސީއަށް އިސްލާހު ގެންނަން އޭޖީ ހުށަހެޅުއްވި ބިލްގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށް މީގެކުރިން އޭޖީ ވިދާޅުވެފައިވާއިރު، އެބިލުގެ މައްޗަށް ހުށަޅާފައިވާ މި ބިލަށް އޭޖީ ދެއްވާނެ ލަފައެއް އަދި ނޭނގެއެވެ.

އެންމެންގެ އިންތިޒާރަށް ނިމުމެއް އަންނާނީ އެކަމުގައި ކޮމިޓީން އޭޖީއާ މަޝްވަރާ ކުުރުމުންނެވެ. ސުންގަޑި ކަނޑައެޅުމުގެ ބައްދަލުވުމަށްފަހު ކޮމިޓީގެ ބައްދަލުވުމެއް އަދި ބާއްވައިފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި މި ހަފްތާގައި ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށްގެންގޮސް ނިންމާލާނެއެވެ.