އަލީ ޔާމިން
އަޅުގަނޑުމެން މިހާރު ކުރިމަތި މިލަނީ ކޮވިޑް ތޫފާނުގެ އެންމެ ނުރައްކާތެރި ދުވަސްވަރާއެވެ. ބަލި ޖެހުނު މީހުންގެ އަދަދު 600 އަށް އަރަން ކައިރިވެފައިވާ އިރު، ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެ ދެ މީހަކު އެބަލީގައި މަރުވެއްޖެއެވެ. ކޮވިޑަށް ކާމިޔާބު ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާއިރު އެ ބަލިން ރައްކާތެރިވުމަށް ކުރެވޭނެ މާ މޮޅު ފަރުވާއެއްވެސް ނެތެވެ. އޮތް ހަމައެކަނި ފަރުވާއަކީ ގައިދުރު ކުރުމެވެ. އަދި ސިއްހީ މާހިރުންގެ ބަސް އަހައި ގޭގައި ބަންދުވެގެން ތިބުމެވެ.
ކޮވިޑް 19 ފެތުރޭތީ މާލެއާއި މުޅި ރާއްޖެ ލޮކްޑައުންކޮށްފައިވާއިރު، ސިއްހީ މާހިރުންނާއި، އެތައް ބަޔަކު އަންނަނީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، އަސާސީ ބޭނުންތައް ކަށަވަރުކޮށްދިނުމަށް ފުރާނަ އަތްމަށްޗަށް ލައިގެން، ލޯބިވާ އާއިލާއާއި ދުރުގައި މަސައްކަތް ކުރަމުންނެވެ. ގައުމީ ޖޯޝާއި ގައުމީ ރޫހު އިސްކޮށް، އެމީހުން އެކުރާ މަސައްކަތަކީ ދުލަކުން ގަލަމަކުން ބަޔާންކޮށްދެވޭ ވަރަށް ވުރެ މަތިވެރި، އަދި ބޮޑު ގުރުބާނީއެވެ.
ކޮވިޑް 19 ބާރަށް ފެތުރޭއިރު، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ސިއްހީ ހިދުމަތްތެރީންނެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ބަލި ޖެހިއްޖެނަމަ އެންމެންނަށް ފަރުވާދިނުމަށް އެކަށީގެންވާ ވަރަށް ސިއްހީ ހިދުމަތްތެރީންނާއި، ވަސީލަތްތައް ރާއްޖޭގައި ނެތްކަމުގެ އިންޒާރު އެތައް ފަހަރަކު ޑޮކްޓަރުން ވަނީ ދީފައެވެ. ނަމަވެސް، ވަސީލަތްތައް އިތުރުކުރުމާއި، ފަންނީ މީހުން އިތުރުކުރުމަށް ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ބޭރު ގައުމުތަކުގައި ތިބި މެޑިސިން ކިޔަވާ ކުދިންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ ގިނަ ކުދިން ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނެސްދީފިއެވެ. ހުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މަސައްކަތުން ރިޓަޔާވެގެން ތިބި ސިއްހީ ހިދުމަތްތެރީންނާއި، މަސައްކަތާއި ދުރުގައި ތިބި ސިއްހީ ހިދުމަތްތެރީން ވެސް ހިމެނޭހެން ހުރިހާ ސިއްހީ ހިދުމަތްތެރީން ގައުމީ މަސައްކަތަށް ނުކުތުމަށް ގޮވާލައްވައިފައެވެ.
އާއެކެވެ. ގައުމު މިވަގުތު ވަނީ ސިއްހީ ހިދުމަތްތެރީންގެ އެހީތެރިކަމަށް ބޭނުންވެފައެވެ. އުންމީދުގެ ހުޅުކޮޅު އޮތީ އެމީހުންގެ އަތުގައެވެ. ކޮވިޑުން އަރައިގަނެވޭނީ ގައުމެއްގެ ގޮތުގައި އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކޮށްގެން ކަމަށް ދުނިޔޭގެ ސިއްހީ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވެސް ބުނެއެވެ. ތެދެކެވެ. އެކަކު އަނެކަކަށް އެހީތެރިނުވެ މި ބަލިމަޑުކަމުން މިންޖެއް ނުވެވޭނެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް، އެންމެން ގޭގައި ތިބުމަށް އިރުޝާދު ދެމުން އަންނައިރު ގައުމުގެ އެންމެހާ ކަންކަން ހުއްޓުމެއް ނެތި ހިންގުމަށް އެތައް ބަޔަކު ހަރަކާތްތެރިވެއެވެ. ހާއްސަކޮށް، ކޮވިޑާއި ގުޅުންހުރި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ވޮލެންޓިއަރުންގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.
މި ދެތިން ދުވަހަކު މީސް މީޑިއާގައި އެންމެ ބޮޑަށް ވައިރަލްވެފައިވަނީ ފާތިމަތު ނަސީރު، އޭނާގެ ޑޮކްޓަރުކަން ކިޔަވާ އަންހެން ދަރިފުޅު ވޮލެންޓިއަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް މުޖުތަމައަށް ނެރުމަށް ފަހު ފޭސްބުކަށް ދޫކޮށްލި އަސަރުގަދަ ޕޯސްޓެވެ. މައިވަންތަކަމުގެ ކުލުނާއި، އަސަރު އެ ޕޯސްޓުގެ ފުރަތަމަ ޖުމުލައިންވެސް ހާމަވެގެންދިޔައެވެ. ގައުމުގެ ހައްގުގައި ލޯބިވާ ދަރިފުޅު ދޫކޮށްލަމުން އެ މަންމަ ލިޔުނު މެސެޖުގައި ބުނީ މިއީ އުނދަގޫ ވަގުތެއްކަމަށާއި މިވަގުތު ބަލަންވީ ތިމާއަށް ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ކަމަށެވެ. އޭނާގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅު މިއަދު އެދަނީ ފުރާނަ އަތް މައްޗަށްލައިގެން އެތައް ބައެއްގެ ޓެސްޓު ހަދަމުން ކަމަށާއި، ދަރިފުޅު ޓެސްޓު ހެދި ބައެއް މީހުން ބައްޔަށް ޕޮޒިޓިވްވެސް ވެފައިވާ ކަމަށެވެ.
ފާތިމަތު ބުނީ އޭނާގެ ދަރިފުޅަކީ ޑޮކްޓަރުކަން ކިޔަވަމުން އަންނަ ކުއްޖެއް ކަމަށާއި، ކޯހުން ނިމިފައިވަނީ އެއް އަހަރު ކަމަށެވެ. އޭނާއާމެދު ފޮނި އުންމީދުތަކެއް ކުރާކަމަށެވެ. ފާތުމަތުގެ ހަގު ދަރިފުޅު މި ފަނާކުރަނިވި ދުނިޔެއާއި ވަކިވެފައިވާއިރު ފާތުމަތުގެ ހުރިހާވެސް އުންމީދަކީ ވޮލެންޓިއަރެއްގެ ގޮތުގައި ގައުމީ ހިދުމަތަށް ދޫކޮށްލި އޭނާގެ އަންހެން ދަރިފުޅެވެ. ފާތިމަތު ބުނީ، ދަރިފުޅު ގައުމީ ހިދުމަތަށް ފޮނުވީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމުގައި މަދަދުވެރިވުމުގެ ގޮތުން ކަމަށެވެ.
"އަހަރެން ދަރިފުޅު މި ފޮނުވަނީ ބަލިވާއިރު ބަލި ވާނީ ކޮންމެވެސް މީހެއްގެ މަންމައެއް، ބައްޕައެއް، ބޭބެއެއް، ދައްތައެއް، ކޮއްކޮއެއް ނޫނީ ދަރިފުޅު. އެމީހުންނަށް ދެން ތިބި މީހުން އެހީ ނުވާނަމަ އެމީހުން ވެސް ދެރަވާނެ." ފާތުމަތުގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ދަރިފުޅާއި ވަކިވުމުން ކުރެވެމުންދާ އިހްސާސްތައް ކިޔައިދެމުން ފާތިމަތު ބުނީ ދަރިފުޅު ގައުމީ ހިދުމަތަށް ދިޔަ ފަހުން އަދި ފެނުނީ އެންމެ ފަހަރަކު ކަމަށެވެ. އެފަހަރުވެސް ދަރިފުޅާއި ކައިރިވެލުމުގެ ފުރުސަތު ނުލިބުނު ކަމަށެވެ.
"އަހަރެން ވަރަށް ދެރަވޭ. ދަރިފުޅު ދިޔަ ފަހުން އަދި މި ފެނުނީ އެންމެ ފަހަރަކު. އަހަރެން ދަރިފުޅާއި ލެޕްޓޮޕް ހަވާލު ކުރަން ކައިރިވާން އުޅުނީމަ ބުނީ ބޭގް ތިރީގައި ބަހައްޓާފަ މަންމަ ކައިރި ނުވާށޭ. ވަރަށް އަސަރު ކުރި. މިއަދު ކޮންމެވެސް ރަށަކަށް ޓެސްޓް ނަގަންދޭ. ދެން ދިމާވާނެ ދުވަހެއް ނޭނގޭ. އަހަރެންގެ ދުއާ އަކީ އަހަރެންގެ ކުޑަ ދަރިފުޅު ﷲ ގެ ހެޔޮ ރަހުމަތުގައި ލެހެއްޓެވުން. އަދި އޭނާ އެކުރާ ބުރަ މަސައްކަތުގައި ﷲ ބަރަހާކަތް ލެއްވުން. ދަރިފުޅުގެ ފާފަ ފުއްސަވައި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން." ދަރިފުޅާ ދުރުގައި ހުރުމުން ކުރާ އަސަރު ހިއްސާކުރަމުން ފާތިމަތު ބުނެފައި ވެއެވެ.
މިއީ މަޔަކު އޭނާގެ ލޮލުގެ ކޮއެ ފަދަ ދަރިފުޅު ގައުމަށްޓަކައި، ގައުމީ ހިދުމަތަށް ދޫކޮށްލުމަށް ފަހު ލިޔެފައިވާ ޕޯސްޓެވެ. މިފަދަ ކިތައް މައިން އުޅޭނެތޯއެވެ. ކިތައް އާއިލާ އުޅޭނެތޯއެވެ. ގައުމަށްޓަކައި އެ ހިދުމަތްތެރީން އެކުރާ މަސައްކަތަކީ ތާރީހުގެ ސަފުހާތަކުގައި ރަން އަކުރުން ލިޔެވޭނެ ބުރަ މަސައްކަތެކެވެ. އެ މީހުން އެވާ ގުރުބާނީ ހަމަ ޔަގީނުންވެސް މި ދިވެހި ފަސްގަނޑުން ފުހެވިގެން ނުދާނެއެވެ. ހުރިހާ ޝުކުރެއް ކޮވިޑާއި ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރާ ހިދުމަތްތެރީންނަށެވެ. ކެތްތެރިކަމާއި، ދުޅަހެޔޮކަން ދެއްވާށިއެވެ. އާމީން.