އިބްރާހިމް ޒަކީ
ކޮވިޑް 19ގެ ސަބަބުން ދިމާވެފައިވާ ފަދަ ހާއްސަ ހާލަތްތަކުގައި ޖިނާއީ މައްސަލަތަކުގައި އަމަކުރާނެ ގޮތް ބަޔާން ކުރާނެ ގޮތް ކަނޑައެޅުމަށް ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހެއްގެ ގޮތަށް މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. މި ބިލުގައި ހާއްސަ ހާލަތްތަކުގެ ގޮތިގައި ކަނޑައަޅާފައިވަނީ މިހާރު މިއޮތް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާއެއް އިއުލާން ކުރެވޭ ހާލަތުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވައިފައެވެ.
މިއަދު ހުށަހެޅި ބިލުގައި ހާއްސަ ހާލަތްތަކުގައި ޝަރީއަތްތައް ކުރިއަށް ގެންދަންވާނެ ގޮތާއި ހާއްސަ ހާލަތުގެ މުއްދަތުތައް ގުނާނެ ގޮތް ވެސް ކަނޑައަޅާފައިވެއެވެ.
އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ޓެރިޒަމް މަނާކުރުމުގެ ގާނޫނުގެ އިތުރުން ގާނޫނުލްއުގޫބާތުގައި ވަކި މުއްދަތުތަކެއްގެ ތެރޭގައި ކުރަން ކަނޑަަޅާފައިވާ ކަންކަން ކުރުމުގައި މުއްދަތު ގުނާނީ ހާއްސަ ހާލަތްތަކުގެ ދުވަސްތައް ނުލާ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ވަކި މުއްދަތެއްގެ ތެރޭގައި ދަައުވާ އުފުލުމަށާއި ޝަރީއަތްތައް ނިމުންފަދަ މުއްދަތައް ހިމެނެއެވެ.