ރައްޔިތުންގެ މަޖިލިސް

ދަނޑުވެރިކަން ނުކުރާ ރަށްރަށުގެ އެއްބަސްވުން ބާތިލްކޮށް، ތިންވަނަ ފަރާތަށް ދޫކޮށްފައިވާގޮޅިތައް އަތުލަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން ނުދާ ނަމަ އެރަށްތަކުގެ އެއްބަސްވުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ބާތިލުކުރުމަށް އެ މިނިސްޓްރީއަށް ހުށަހަޅަން ހިމަނައިގެން، ރަށްރަށުގެ ކަންތައްތައް ލާމަރުކަޒުކޮށް ގެންދަން ގިނަ ކަންތައްތަކެއް ސަރުކާރަށް ހުށަހެޅުމަށް އެކުލަވާލާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މި ރިޕޯޓަކީ ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް މަޖިލީހުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ލާމަރުކަޒި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިިމެނޭ ކަންތައްތައް އެކޮމިޓީން ދިރާސާކޮށް، އެކަމާގުޅިގެން ސަރުކާރުން ކުރަން ޖެހޭ ކަންކަން އެކުލަވާލައި ހުށަހަޅާފައިވާ ރިޕޯޓެކެވެ.

މި ރިޕޯޓްގައި ދަނޑުވެރިކަމުގެ މަސައްކަތްތައް ފަށައިގަތުމަށްޓަކައި ވީހާވެސް އަވަހަށް ރަށްރަށުން ބިން ދޫކުރުމަށް ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ.

މި ރިޕޯޓްގައި މާލޭ މާރުކޭޓުުން ދޫކޮށްފައިވާ ގޮޅިތަކުގެ ތެރެއިން، ތިންވަނަ ފަރާތަކަށް ކުއްޔަށް ދީގެން ވިޔަފާރިކުރަމުންދާ ގޮޅިތައް އަތުލުމަށްވެސް ވަނީ ހުށަހަޅައިފައެވެ. ކޮމިޓީގެ ރިޕޯޓުގައިވާ އިތުރު ރެކޮމަންޑޭޝަންތަކުގެ ތެރޭގައި، މާލޭ މާރުކޭޓްގެ ގޮޅިތަކުގެ ސައިޒު ބޮޑުކޮށް އެކަށީގެންވާ ސައިޒްތަކެއްގެ ގޮޅިތަކެއްކަން ކަށަވަރުކުރުމަށް ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކަށް ކޮށްފައިވާ ނުރަނގަޅު އަސަރުތައް އެލްޖީއޭއިން ހޯދައި، ލޯނު ނަގައިގެން ނުވަތަ އެނޫންވެސް ގޮތަކުން އެފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ތަފާތު ސްކީމުތަކުގެ ދަށުން ފައިސާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ލިބިފައިވާކަން ކަށަވަރުކުރުންވެސް ހިމެނެއެވެ.

މީހުން ދިރިއުޅޭ ގޭގޭގެ ހުސް ޖާގައިގައި ކާނާ ލިބޭ ދަނޑުވެރިކަންކުރުމަށް ބާރުއެޅުމުގެ ގޮތުން ކުޑަ ޖާގައެއްގައި ކުރެވިދާނެ ދަނޑުވެރިކަމާ ގުޅޭ މައުލޫމާތު ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް އެރަށަކުން ލިބެންހުރި ބިމުގެ ސަރަހައްދުގެ ތަފާސްހިސާބެއް ކައުންސިލްތަކުން ހަދައި އެލްޖީއޭއާ ހިއްސާކޮށް، ވަގުތީގޮތުން ދަނޑުވެރިކަންކުރުމަށް އެދޭ ފަރާތްތަކަށް ކައުންސިލްތައް މެދުވެރިކޮށް ބިން ދޫކުރަންވެސް ވަނީ ހުށަހަޅައިފައެވެ.