އިބްރާހިމް ޒަކީ
ކޮވިޑް19 ގެ ސަބަބުން ހާލުގައި ޖެހޭ އެފަރާތްތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީިހަށް ފޮނުއްވި ކޮވިޑް 19 ގެ އެހީތެރިކަމުގެ ބިލުގައި ހިމެނޭ މާލީ ކަންތައްތަކާބެހޭ ބައި އެބިލުން އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މެންބަރަށް އަންގައިފިއެވެ.
ރައްޔިުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ޕީއެންސީގެ މެންބަރު ސައީދު ފޮނުއްވި އެ ބިލުގައި ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާ ފަދަ މާއްދާތަކެއް ހިމެނޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ، މަނީ ބިލެއް މަޖިލީހަށް ހުށަހެޅޭނީ، ސަރުކާރަށް އެކަނި ކަމަށެވެ.
މަނީބިލުުގެ ގޮތުގައި މަޖިލިސް ގަވާއިދުގައި ކަނޑައަޅާފައިވަނީ، ދައުލަތުން ޓެކުހެއް ނަގަން ޖެހޭ ކަމެއް، ނުވަތަ ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނަގަން ޖެހޭނެ ކަމެއް، އަދި ދައުލަތުގެ މާލިއްޔަތުން ސީދާ ގޮތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭން ޖެހިދާނެ ކަމެއް ނުވަތަ އުނި އިތުރެއް ގެންނަން ޖެހިދާނެ ކަމެއް ހިމެނޭ ބިލުތަކެވެ.
ސައީދު ފޮނުއްވި ބިލުގައި، ކޮވިޑް 19ގެ ސަބަބުން ނިކަމެތިވެ ހާލުގައި ޖެހޭ އާއިލާތަކުގައި ތިބި ޕެންޝަން ފަންޑުގެ ހައްގުވެރިންނަށް ފައިސާ ދޫކުރުމަށް ވަނީ ހިމަނައިފައެވެ.
އޭގެ އިތުރުން ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއި ދިނުމުގެ އިތުރުން ޓޫރިޒަމްގެ ސިނާއަތުން ވަޒީފާ ގެއްލުނު މުވައްޒަފުންގެ ވަޒީފާ ޔަގީން ކުރުމަށް ބިލުގައި ހިމަނާފައިވެއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެ ބިލުގައި ދައުލަތުގެ އާމްދަނީން އުނި އިތުރު އަންނަ ފަދަ، އަދި ދައުލަތުގެ ބަޖެޓާ ގުޅޭ ބައެއް މާއްދާތައް ހިމެނިފައިވާ ކަމަށެވެ. އެހެންކަމުން އެކަމުގައި އޮތީ ދެގޮތް ކަމަށާއި، އެއީ ބިލުުން އެބައި އުނި ކުރުން ނުވަތަ އެބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރަށް ފޮނުވުން ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ އެއީ މުހިއްމު ބިލެއް ކަމަށާއި އެބިލުގެ ބަހުސް މަޖިލީހުގައި ކުރިއަށް ދިއުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ބިލާ ބެހޭގޮތުން މަޖިލިސް ރައީސް ދެއްވި ވާހަކަފުޅާ ގުޅިގެން މެންބަރު ސައީދު ވިދާޅުވީ މިހާރު ދިމާވެފައި މިވަނީ އެއްވެސް މީހަކު އަންދާޒާކޮށްފައި ނުވާ، ހާއްސަ ހާލަތެއް ކަމަށެވެ. މިއީ މަޖިލީހުގެ ގަވާއިދު އެބުނާ ހާލަތު ނޫން ކަމުން ބިލްގެ މަަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ބިލަކީ، ދައުލަތުން ފައިސާއަށް ސީދާ އަސަރެއް ނުކުރާ ގޮތަށް، ދައުލަތުގެ އެހެން ބާރުތަކުގެ ތެރެއަށް ކުރިން ރައްކާކުރެވިފައި ހުރި ފައިސާއެއް އެ ފައިސާގެ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ކަމަށްވެސް ވިދާޅުވިއެވެ.
ބިލް ހުށަހަޅުއްވާފައި ވަނީ ދައުލަތުގެ ބަޖެޓަށް ސީދާ އަސަރެއް ނުކޮށް، މަސްވެރިންނާއި ދަނޑުވެރިންނާއި އެހެނިހެން ސެކްޓާތަކުގަައި މަސައްކަތް ކުރާ ފަރާތްތަކަށް ފައިދާތަކެއް ވާނެ ގޮތަށް ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އެހެންކަމުން މި ހާލަތާ ގުޅުވައިގެން އެންމެ ކުޑަމިނުން ބިލަށް މަޖިލީހުގައި ބަހުސްކޮށްލަ ދިނުމަށް ސައީދު މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
އެންމެ ފަހުން މަޖިލިސް ރައީސް ވިދާޅުވީ، ސައީދުުގެ ބިލާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މިއަދު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ބިލު ތަޅުމަށް ގެންދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށާއި، ނަމަވެސް ބިލު މަޖިލީހުގެ ތަޅުމަށް ގެނެވޭނީ، މަޖިލިސް ގަވައިދުގެ ތެރެއިން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.