އިބްރާހިމް ޒަކީ
މަސްވެރިކަން ކުރިއެރުވުމަށް އޮޑިދޯނިފަހަރު ބަނދެ މަސްވެރިކަމަށް އެ ދޯނިފަހަރު ނެރެ މި ސިނާއަތް ކުރިއެރުވުމަށްޓަކައި، އޮޑިދޯނިފަހަރު ބަނުމަށް ބޭނުންވާ ސާމާނުން ނަގާ ޑިއުޓީ ކުރިއަށް އޮތް 3 އަހަރަށް މާފުކުރުމަށް ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެެވެ.
އެ ކޮމިޓީން ހުށަހެޅި މި ރިޕޯޓަކީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ކަންކަމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅުންހުރި ފަރާތްތަކުން މިހާލަތުގައި ކުރަންޖެހޭ ކަންކަން ކަނޑައަޅައި އިއްޔެ މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓެކެވެ.
އެ ރިޕޯޓްގައި ދަތުރުފަތުރާއި މަސްވެރިމަގެ ދާއިރާއިން، ސަރުކާރަށް ހުށަަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ދަތުރުފަތުރަށާއި މަސްވެރިކަމަށް އެންމެ ކުޑަމިނުން ކުރިއަށް އޮތް އަހަރެއްހާ ދުވަހަށް ބޭނުންވާ ވަރަށް، ތެޔޮ ރައްކާކުރެވޭނެކަން ޔަގީންކުރުމާއެކު ތެޔޮ ރައްކާކުރެވޭނެ މިންވަރު އިތުރުކުރުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަން ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން މަސްވެރިކަން ކުރާ ދޯނިފަހަރު އިތުރު ކުރުމުގެ ގޮތުން ސަރުކާރުން މަސްދޯނިތައް ބަނދެ އެ ދޯނިފަހަރު ބާޒާރަށް ނެރެ، ލުއި ލޯނުގެ ގޮތުގައި މަސްވެރި ރަށްރަށަށް ނުވަތަ މަސްވެރިކަން ކުރާ ފަރާތްތަކަށް ދޯނިފަހަރު ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މަސްފިނިކޮށް ބެލެހެއްޓުމަށް ސްޓޯރޭޖް ކެޕޭސިޓީ ރަށްތަކުގައި އިތުރުކޮށް އެކަމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރަންވެސް ވަނީ ހުށަހަޅައިފައެވެ.
މަސްވެރިން ބާނާ މަސް ގަންނަ މިންވަރު އިތުރުކުރުމަށްޓަކައި މަސް ކުންފުނިތަކަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި، އެ ކުންފުނިތަކުގެ ގާބިލުކަން އިތުރުކުރުމާއި، މަސްވެރިކަން ކުރިއެރުވުމަށްޓަކައި މި ދަނޑިވަޅަކީ މި ސިނާއަތަށް އެންމެބޮޑު ހޭދައެއް ކުރަންވީ ދަނޑިވަޅުކަމާއި، މަސްވެރިކަން ކުރާ އުޅަނދުތައް ބަންނަން ފަށައި އެ މަސައްކަތް ކޮންމެވެސް ސަބަބަކާހުރެ ނުނިމިހުރި އުޅަނދުތައް ނިންމުމަށްޓަކައި އެފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ދިނުމަށްވެސް ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން ދަނޑުވެރިކަމުގެ އުފެއްދުންތައް ސަރުކާރުން ގަތުމަށް ނިންމެވި ފަދައިން ރަށްރަށުގައި ބާނާ ފަރު މަސް ސަރުކާރަށް
ގަނެވޭނެ ގޮތެއް ކަނޑައެޅުމަށް ވެސް އެރިޕޯޓްގައި ކޮމިޓީން ވަނީ ސަރުކާރަށް ހުށަހަޅައިފައެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ދެމެހެއްޓެނިވި ނިޒާމަކަށް ހެދުމަށް، ތެލަށް އެކަނި ބަރޯސާވުން ކުޑަކުރުމަށް އުޅަނދުފަހަރުގެ ފަރުމާއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ވަނީ ހުށަަހަޅައިފައެވެ.