އިބްރާހިމް ޒަކީ
ކޮވިޑް 19 ގެ މި ހާލަތުގައި ސަރުކާރުން ކަންތައްތައް ކުރަންވީ ގޮތުގެ 300 އަށްވުރެ ގިިނަ ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ހުށަހަޅަން ނިންމައިފިއެވެ.
މިކަންކަން ފާހަގަކޮށްފައިވަނީ ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާފިޔަވަޅުތަކުގެ ސަބަބުން އާއިލާ ތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައައެޅުމަށް، ކުރިއަށް ގެންދިޔަ މަސައްކަތުގެ ދަށުން މަޖިލީހުގެ ކޮމިޓީތަކުން، އެ ކޮމިޓީގެ މެއިންޑޭޓްގައި ހިމެނޭ ކަންކަން ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ހިމަނައިގެން ކޮމިޓީތަކުން މަޖިލީހަށް ހުށަހެޅި ރިޕޯޓްތަކުގައެވެ.
މި ރިޕޯޓުތަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ފެށުމަށް ހުޅުވާލައްވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި، މި މަސައްކަތް ކޮށްފައިވަނީ މަޖިލީހުގެ 14 ކޮމިޓީއާ ހަވާލުކޮށްގެން ކަމަށެވެ.
އިގްތިސާދީ ގޮތުންނާއި، އިޖްތިމާއީ ގޮތުން މިވަގުތު ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ވަަރަށް ބޮޑަށް މި ރިޕޯޓްތަކުން ސާފުވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެގޮތުން އާމްދަނީ ހުރިވަރާއި، އަންނަ ބަދަލާއި ކުރަންޖެހޭ ކަންތައްތައް އެނިގިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަމަ އެއާއެކު ރާއްޖޭގައި ވަޒީފާ ގެއްލޭ އަދަދާއި، އެންމެ ގިނައިން ވަޒީފާ ގެއްލޭ ފަރާތްތަކާއި، އެކަމުން ދިމާވާނެ މައްސަލަތަކާއި އެކަން ހައްލު ކުރުމަށް ކުރަން ޖެހޭ ކަންކަން ވެސް މި ރިޕޯޓްތަކުގައި ހިމެނޭ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހަމަ އެފަދައިން ބޯހިޔާވަހިކަން އޮތްވަރާއި އެކަން ގޮސްދާނެ މިސްރާބަކާއި ވާންޖެހޭ ގޮތް މި ރިޕޯޓްތަކުގައި ކަނޑައަޅާފައިވާނެ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މި ރިޕޯޓްތަކުގައި ޖުމުލަ 1500 އަށްވުރެގިނަ ސޮފްހާ ހިމެނޭ ކަމަށެވެ.
މި ރިޕޯޓްތަކުން މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ވަކީލުން ހޯދައިދީފައި އެވަނީ، އެކަންކަމުގައި ސަރުކާރުން އަމަލު ކުރަންވީ ގޮތުގެ ތަސައްވަރެއް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި މި ރިޕޯޓްތަކުގައި ބުނެދީފައި އެވަަނީ ދެން ސަރުކާރުން ކަން ކުރަންވީ ގޮތް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސްް ރައީސް ވިދާޅުވީ މި ރިޕޯޓްތައް އެކުލަވާލުމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކައި، ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ފަރާތުން ކޮމިޓީތަކުން މައުލޫމާތު ހޯދާފައިވާ ކަމަށެވެ.