އަބްދުﷲ ޖާބިރު

ސީރިއަސް ތުހުމަތުތަކެއް ކުރައްވައި މިނިސްޓަރު ފައްޔާޒް މަގާމުން ވަކިކުރަން އެންވޯއީ ޖާބިރު ގޮވައިލައްވައިފި

4

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ މައްޗަށް ސީރިއަސް ތުހުމަތު ތަކެއް ކުރައްވައި އޭނާ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝިއަލް އެންވީއޯ އަބްދުﷲ ޖާބިރު ގޮވައިލައްވައިފި އެވެ.

ޖާބިރު މިކަމަށް ގޮވައިލައްވައިފަނީ އޭނާ ދާދި ދެންމެ ކުރެއްވި ޓުވީޓެއްގަ އެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިކޮނޮމިކް މިނިސްޓަރު އަޅުގަނޑުގެ މަންމަޔާ ދިމާއަށް އަވަގުރާނަ ގޮވައިފި. މިހާރުން މިހާރަށް އޭނާ މަގާމުން ދުރުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އަންގައި އަމުރުކޮށްފީމެވެ." ޖާބިރުގެ ޓުވީޓުގައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން "ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހުގެ ޖަލްސާގައި އިންނަވަނިކޮށް ރޭ ބޭފުޅަކު ދެފަހަރަކު ގުޅުއްވި ކަމަށާއި ފަހުން އެއީ ޖާބިރު ކަމަށް ވިދާޅުވެ މެސެޖްކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ރޭ ޖަލްސާއިން ނިމިވަޑައިގެން މާ ލަސްވެފައި ހުރުމުން އެ ނަންބަރަށް ނުގުޅުއްވުނު ކަމަށެވެ.

"އެއީ އަޅުގަނޑު ސޭވް ކޮށްފަ އޮންނަ ނަންބަރެއް ނޫން. އެނަންބަރުން މިއަދު ހެނދުނު އަނެއްކާވެސް ގުޅާފަ ވަރަށް ހަޑި ހުތުރުކޮށް އަވަގުރާނަގޮވި. ވިދާޅުވީ ޖާބިރު ކިޔާ ބޭފުޅެކޭ. ހަމަ ގުޅި ގޮތަށް ފެށީ އެބަހުރުވައިން. އަޅުގަނޑު ޖަވާބުދިނީ އެބޭފުޅަކު އެވާހަކަދެއްކެވި މޭރުމުން. އެކަމަކު އެބޭފުޅެއްގެ މަންމައެއްގެ ނަމެއް ނުގަންނަން. އެކަމަކު އަޅުގަނޑަކީ އެހާ އަބުއި މީހެއް ނޫން. އަދި ޖާބިރު ތިފަދަ ގޮތަކަށް ޓުވީޓު ކުރެއްވުމަކީ އަޅުގަނޑަށް މައްސަލައެއްވެސް ނޫން." ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ފޯނު ކުރައްވައިގެން އެގޮތަށް ވާހަކަދައްކަވަން ދިމާކުރައްވާ ނަމަ ކުރިޔަށް އޮތް ތަނުގައި ޖަވާބުދާރީ ވެވަޑައިގަންނަވާނީ ސީދާ ހަމަ އެމޭރުމުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟