މުހައްމަދު ސިމާއު
އެއީ ސީނުކަރައިގައި ގޮތް ނޭނގޭ ބައްޔެއް ފެތުރެން ފެށިތާ ކުރީކޮޅެވެ. ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ލިބުނު ފުރުސަތެއްގައި ސިފައިންގެ ވޮރެންޓް އޮފިސަރު ގްރޭޑް އެކެއް، މުހައްމަދު މުއައްމަރު އިނގިރޭސިވިލާތަށް ފުރީ އަސްކަރީ ތަމްރީނަކަށެވެ. އުންމީދު ކޮށްގެން ހުރީ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހާސްޓުގައި ހުންނަ މިލިޓަރީ ބޭހަށް ހަދަން ދިޔަ ތިން މަހުގެ އަސްކަރީ ތަމްރީން ނިންމައި މާޗް މަހު ރާއްޖެ އައުމަށެވެ.
ސީނުކަރައިން ފެތުރެން ފެށި ބޮޑު ބަލިމަޑުކަން ކުރު މުއްދަތެއްގެ ތެރޭގައި އެހެން ބައްރުތަކަށް ފޯރައި އިނގިރޭސިވިލާތުގައި ވެސް އޭރު އޮތީ ފެތުރެން ފަށައިފައެވެ. ބައެއް ގައުމުތައް ދިޔައީ ފުރަބަންދުގެ ފިޔަވަޅުތައް އަޅަމުންނެވެ. ވައިގެ ދަތުރުފަތުރުތައް ވެސް ދިޔައީ މަދުކުރަމުންނެވެ. ގައުމަށް އެނބުރި ނާދެވިދާނެ ކަމުގެ އިހުސާސްތަކެއް އެހާ ހިސާބުން މުއައްމަރަށް ވެސް ކުރެވެން ފެށިއެވެ.
ގުރެޖުއޭޓް ވި ދުވަސް ނޫން އަނެއް ދުވަހު މާލެ އައުމަށް އޭނާ ދަތުރު ފެށިއެވެ.
އެއީ މާޗް މަހުގެ 22 ވަނަ ދުވަހުއެވެ. ހީތުރޯއިން ދުބާއީއަށް ދެވުނު ނަމަވެސް، ރާއްޖެ އަންނާނެ ފްލައިޓެއް ނެތިގެން ހަ ގަޑިއިރު ދުބާއީގައި އޭނާ މަޑުކުރަން ޖެހުނެވެ. ރައްކާތެރިކަމާއެކު އަމިއްލަ ވަތަނަށް އާދެވޭތީ އެކަމުގެ ޝަކުވާއެއް ނެތެވެ. ނަމަވެސް ފަރުވާއެއް ހޯދިފައި ނެތް ބައްޔެއްގެ ޝިކާރައަކަށް ހުށަހެޅިދާނެކަ މަކަށް އެއްވެސް ވަރަކަށް ހިތަކަށްވެސް ނާރައެވެ.
ރާއްޖެ އައިސް ހުންނަން ޖެހުނީ ގަވައިދުގައިވާ ގޮތުގެ މަތީން ކަރަންޓީނުގަ އެވެ.
ރާއްޖެ އައިސް ހަތަރު ވަނައަށް ވީ ދުވަހު، ކޮވިޑަށް ނެގި ސާމްޕަލްގެ ނަތީޖާ ލިބުނެވެ. އެހާ ހިސާބުން އޭނާ ބައްޔަށް ޕޮޒިޓިވް ކަން އެނގުނެވެ. އެ ނަތީޖާއާއެކު މުޅި ގައުމަށް ވެސް ސިހުން ގެނުވިއެވެ. ރާއްޖޭގައި ކޮވިޑް 19 އަށް ދިވެއްސަކު ފުރަތަމަ ފަހަރަށް ޕޮޒިޓިވް ވުމުންނެވެ. ނަމަވެސް ބަލިން ރަނގަޅުވެ، މުއަމަރު މިއަދު ވަނީ ގައުމީ ހިދުމަތަށް އަލުން ނުކުމެފަ އެވެ.
މުއައްމަރު ވަނީ އޭނާ ކޮވިޑާ ދެކޮޅަށް ކުރި ހަނގުރާމަ "ވަން"އާ ހިއްސާ ކޮށްފައެވެ. ތިރީގައި އެވަނީ ވަން އިން މުއައްމަރާ ކުރި ސުވާލުތަކާއި އޭނާ ދިން ޖަވާބުތަކުގެ މުހިންމު ބައިތަކެވެ.
ސ. އާއިލާ/ އަނބިދަރިންނަށް ނުފެނި ކަރަންޓީން ފެސިލިޓީއަކަށް ދާންޖެހުމުން ކުރެވުނު އިހުސާސަކީ ކޮބައިތޯ؟
ޖ. އަޅުގަނޑުގެ އެންމެ ފުރަތަމަ އިނީޝިއަލް ވިސްނުމަކީ އެއީ. އަންހެނުންނަށް ވެސް ބުނެދިނިން އަޅުގަނޑު އައިސްފަ އައިސޮލޭޝަނަކަށް އަމިއްލައަށް ނަމަވެސް ދާނަމޭ. އަޅުގަނޑެއް ބޭނުމެއް ނޫނޭ އަންނަ ގޮތަށް މިހާލަތުގައި ގެއަށް ދާކަށް. އަންހެނުން ވެސް ހަމަ އެ ވިސްނުމުގަ ހުރީ، ބުނި ވަރަށް ރަނގަޅު ވިސްނުމެކޭ ތީ، ކަރަންޓީން ނިންމާފަ އައުމޭ ރަނގަޅީ، އެއީ އެހެންނޫނީ އެ ރިސްކު މުޅި ފެމިލީއަށް ދާނީ. އެ ވިސްނުމުގައި އައުމުގެ ކުރިން ވެސް ވާހަކަދެކެވިފައި އެ ވިސްނުމުގައި ހުރީ ވެސް.
ސ. ބަލި ޖެހުނު ކަމަށް ބެލެވެނީ ކިހިނެއްތޯ؟
ޖ. ތީ އަޅުގަނޑު ވެސް ވަރަށް ބޮޑަށް ވިސްނި ކަމެއް. ބަލީގައި އަޅުގަނޑު އެހެން އިންނަން ޖެހުނީމަ ވަރަށް ބޮޑަށް ވިސްނުނު ކިހިނެއްތޯއޭ މިބަލި މި ޖެހުނީ. މާސްކު ވެސް އަޅައިގެންނޭ އަޅުގަނޑު އުޅުނީ. ހޭންޑު ސެނިޓައިޒާ ވެސް ބޭނުންކުރީމޭ. ކީއްވެތޯއޭ މި ބަލި ޖެހުނީ، އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނޭނގުނު ވިސްނާ ވިސްނާ ވެސް އިނގޭތޯ. ބުނެދޭން ވެސް ނޭނގުނު. ބަލި އެރީ ހީތުރޯއިންތޯ ބަލި އެރީ ދުބާއީންތޯ، މަތިންދާބޯޓުންތޯ. އެއީ ހަމަ އެއްގޮތަކަށް ވެސް ބުނެދޭން ނޭނގުނު އެއްޗެއް. މީހަކާ ކޮންޓެކްޓެއް ވެސް ނުވާނެ. މީހަކާ އެއްވެސް ވަރަކަށް ނޯންނާނެ ކޮންޓެކްޓު ވެފައެއް. އަނެއްހެން މަތިންދާބޯޓު ތެރޭގައި ވެސް ވާހަކައެއް ވެސް ނުދައްކަން. އެގޮތަކަށް ވެސް ނޯންނާނެ ކޮންޓެކްޓު ވެފައެއް. އެއާޕޯޓުގައި ވެސް ނޯންނާނެ. އަޅުގަނޑު އެކަނި ޓްރެވަލް ކުރީވެސް. އަނެއްހެން ނޯންނާނެ އެއްވެސް މީހާ ކޮންޓެކްޓުވެފައެއް ވެސް ވާހަކަ ވެސް ދައްކާފައެއް..
ސ. ރާއްޖެ އައިއިރު ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ހުރިތޯ؟
ޖ. ނޫން ނޫން. އޭރު އެއްވެސް ވަރަކަށް ނެތް. އިރާދަކުރެއްވިއްޔާ އެކަހަލަ އެއްވެސް ސިމްޓަމްއެއް ނެތް އޭރަކު. ދެން އެގޮތަށް ގަބޫލެއް ވެސް ނުކުރެވޭ. އޭރު ހުރީ ހޮލިޑޭ އައިލެންޑުގައި. އަނެއްހެން ބުނާނަމަ އަޅުގަނޑު ކުރީގައި ވެސް އެކޮޅުގައި (އިނގިރޭސިވިލާތުގައި) ކިޔަވަން އުޅުނިން ހަތަރު އަހަރު. ދެން އޭރުވެސް ރާއްޖެ އަންނަ ކޮންމެ ފަހަރަކު ކުޑަކުޑަ ހުމެއް އަންނާނެ. އެއީ މާހައުލު ބަދަލުވީމަ އެހާ ފިނި ގައުމަކުން ހޫނު ގައުމަކަށް އައީމަ. އެގޮތުން އަޅުގަނޑު ހިތަށް އެރީ ދެވަނަ ދުވަހު ހޭލިއިރު ކުޑަ ހުމެއް ހުރީމަ އެއީ އެކަހަލަ ކަމެކޭ. އެކަމަކުވެސް އަޅުގަނޑު ބޭނުން ނުވީ އެސެމްޝަންއަކަށް އެކަން ދޫކޮށްލަން. އަޅުގަނޑު ވަގުތުން އެކޮޅުގައި ތިބި ޑޮކްޓަރުންނަށް ގުޅާފަ އެވާހަކަ އަޅުގަނޑު ރިޕޯޓް ކުރިން. އެބަހުއްޓޭ މިކަހަލަ ކަންތައްތަކެއް. ދެން އެބޭފުޅުން އައިސް ބައްލަވާފަ އެބޭފުޅުން ޓެސްޓުތައް ހެދީ. ހެދީމަ އޭގެ އަނެއް ދުވަހު އެނގުނީ ކޮވިޑަށް ޕޮޒިޓިވްކަން.
ސ. ފުރަތަމަ ފެނުނީ ކޮންކަހަލަ އަލާމާތްތަކެއްތޯ؟ އާންމު އަލާމާތްތަކުން ބޭރުން އެއްވެސް ކަމެއް ދިމާވިތޯ؟
ޖ. ފުރަތަމަ ކޮޅުގައި ހުރީ ހަމަ ކުޑަކުޑަ ހުމެއް. ދޭތެރެއަކުން ކެއްސާލުމަކާއި އެނޫނިއްޔާ މާބޮޑު ކަމެއް ނެތް. ދެވަނަ ދުވަހު އަޅުގަނޑުގެ ގައިގަ ރިއްސުން ކަހަލަ ކަންތައްތައް އައި. ދެން މަޑުމަޑުން ވަސް ދުވުމުގެ ބައިވެސް ދިޔަ. އެކަމަކު ތިންވަނައަށް ވީ ދުވަހު އަޅުގަނޑުގެ ހުން އިރާދަކުރެއްވީތީ ގޮސްފި. ދެން އަޅުގަނޑުގެ ގައިގައި ހުރި ކަންކަން މަޑުމަޑުން ރަނގަޅުވަމުން އަންނަން ފެށީ. އެހާހިސާބުން ދެން އަމިއްލައަށް ވެސް އިހުސާސް ކުރެވޭނެތާ ދެއްތޯ އަދި ޓެސްޓެއް ނެހެދިޔަސް މިދަނީ ރަނގަޅުވަމުންނޭ. ނޭވާލާން އުދަނގޫވެ އެކަހަލަ ކަމެއް އިދާރަކުރެއްވީތީ ހަމަ އަލްހަމްދުލިﷲ އެކަހަލަ އެއްވެސް ކަމެއް ނެތް. ނޭވާލާން އުދަނގޫވެ މޭގަ ރިއްސުން، ނޭވާ ކުރުވުން ކަހަލަ ކަމެއް ނެތް. އަޅުގަނޑުގެ ހުރީ ވަރަށް މައިލްޑް ސިމްޓަމްސްތަކެއް. އަޅުގަނޑުގެ ޓެމްޕަރޭޗާ ވެސް އެންމެ މައްޗަށް އެރީވެސް ގާތްގަނޑަކަށް 38 ޑިގްރީ ސެލްސިއަސް އަށް. އެއީ ހުންގަދަވި ދުވަހު. އޭގެ އަނެއް ދުވަހު ހުން އެއްކޮށް ގޮސްފި. ރިއްސީ މުޅި ގައިގަ އެއްކޮށް. ދެން އަޅުގަނޑު ހިތަށް އެރީ މިލިޓަރީ ޓްރެއިނިންއެއް ގޯތުރޫ ކުރީމަ އެހެން ވެގެންނޭ އެތަދު އެވީ. ޓްރެއިނިން ހަދާއިރު ގައިގައި ބަރު ލައިގެން އުޅުނީމަ ރިއްސާނެތާ ދެއްތޯ. އަޅުގަނޑު ހީކުރީ އެ ރިއްސުމޭ އަދި މީ. އެކަމަކު ފަހުން އެނގިއްޖެ އެ ރިއްސުން ނޫންކަން. މި ތަދުވީ ކީއްވެކަން ޕޮޒިޓިވް ވި ހިސާބުން އަޅުގަނޑަށް ވެސް ލަފާކުރެވިއްޖެ. ޕޮޒިޓިވް ވީމަ އަޅުގަނޑުގެ ވިސްނުން ތަފާތު ވި. މިއީ ނުވެދާނޭ ޓްރެއިނިންނާ ގުޅުންހުރި ކަމަކަށް. ގާތްގަނޑަކަށް ޓޫޑޭސް ތެރޭގައި އެތަދު ފިލައިގެން ގޮސްފި. ސޯ ތުރޯޓެއް ވެސް ނެތް. އެކަހަލަ އެއްވެސް ކަމެއް ނެތް. ޑްރައި ކޯފެއް ހުންނަނީ. ކާން އުދަނގޫވެ އެކަހަލަ އެއްވެސް ކަމެއް ނެތް. ދޭތެރެއަކުން ހިކި ކެއްސުމެއް ހުންނަކަން. އަރިދަފުސް ރޯގާއެއް ނުޖެހޭ. ރަނގަޅުވުމާ ހަމައަށް ވެސް ދޭތެރެއަކުން އަންނަ ކެއްސުމެއް އޭރު ހުރީ.
ސ. އަލާމާތްތައް އިތުރުވެ ބޮޑުވަރުވި ދުވަހެއް ނޫނީ ދުވަހުގެ ވަގުތެއް އެހެން ފާހަގަވިތޯ؟
ޖ. ބޮޑުވަރުވި ދުވަހެއް ނޭނގެ. އަނެއްހެން ވަކި ވަގުތެއް ފާހަގަކުރެވިފައެއް ނެތް. އެއްގޮތެއްގައި، އާދަޔާ ހިލާފަށް ގޯހެއް ނުވޭ. އެއްވަރެއްގައި ހުރީ. ދެން މެންދުރުގަޑި އެހާކަންހާއިރު ފަސޭހަ ހުރިހާ ގޮތަކުން ވެސް. ދޭތެރެއަކުން އޭރު އަޅުގަނޑުމެން ވެލިދޫގައި ތިބިއިރު އަބަދު ފިނީގައި ތިބީމަ ޑޮކްޓަރުން ވެސް ރިކޮމަންޑް ކުރާނެ ދޭތެރެއަކުން އަތްވަށް ނުކުމެލަން، ފްރެޝް އެއާ ޖެހިލަން އެއީ ހަމަ ވައިރަސްއަށް ވަރަށް ރަނގަޅު ކަމެކޭ. އެގޮތަށް ރިކޮމަންޑް ކުރީމަ ދޭތެރެއަކުން ބޭރުގަ މަޑުކޮށްލާފަ އެކަހަލަ ގޮތަކަށް އުޅުނީ. އެހެންވީމަ އަނެއްހެން ފިޒިކަލީ އުދަނގޫތަކެއް ތަހައްމަލުކުރާކަށް ނުޖެހުނު.
ސ. ނިދަން އުދަނގޫވެ، ހޭލެވި ގޮތްގޮތްވިތޯ؟ ނޫނީ ނިދި އައިސް ބޮލަށް ބަރުވެފަ ހުރޭތޯ؟
ޖ. ނިދަން ފުރަތަމަކޮޅު އުދަނގޫވި. އެއީ ބައްޔާ ގުޅުންހުރި ކަމެއް ނޫން. މިބަލި ޖެހުނީމަ ސައިކޮލޮޖިކަލީ މީހާއަށް އަންނަ އުދަނގޫތަކެއްގެ ސަބަބުންކަންނޭނގެ ނިދަން އުދަނގޫވީ. އިރުއިރުކޮޅާ ހޭލެވޭ ގޮތެއް ނުވޭ އިދާރަކުއްވިއްޔާ، ނިދަން ގިނައިރު ނަގަނީ. ގިނައިރު އޮވެގެން ނިދެނީ. އަނެއްހެން ވާކަމެއް ނޫން އެއީކީ. ދެން ޑޮކްޓަރުންނަށް ވެސް އެކަން ފޯވާޑްކޮށްލިން. ބުނީ ފަހަރެއްގައި އެންޒައިޓީއާ އެއްޗެހި ހުންނާތީއޭ އެހެން އެވަނީ. ބައްޔާ އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫނޭ. އެކަހަލަ ބައްޔެއް ހުންނަނީކީ ނޫން. މީގެ ވަރަށް މުހިންމު ކަމެއް، ބަލި ބޮޑުނުވިކަމުގައި ވިޔަސް ސައިކޮލޮޖިކަލީ މީހާގެ އެ ހުންނަ ސަޕޯޓް އެއްވަރަކަށް ހުރުން. ވާގޮތަކީ ވިސްނަން ބޭނުން ނުވާ ބައިވަރު ކަންތައްތަކާވެސް އެކަހަލަ ތަނެއްގައި ހުންނަ އިރު މީހާއަށް ވިސްނޭނެތާ. އެއީ އަސްލު ވާގޮތަކީ. ނިދި އައިސްފައެއް ނުހުރޭ އަސްލު އެހާ ބޮޑަކަށް. އަބަދު އެހެން އޮންނަން ޖެހުނީމަ އަންނަ ނިންޖެއް ކަންނޭނގެ އެ އަންނަނީ. މިސާލަކަށް އަބަދު ނިދިއައިސްގެން ނިދަން ބޭނުންވެގެން. ކޮޓަރީގަ އޮންނަން ޖެހުނީމަ. އެއީ ކަންނޭނގެ. އެއީ އަޅުގަނޑަށް ފީލްވި ގޮތް. އެކި ބޭފުޅުންނަށް އެކި ގޮތްތާ ދިމާވާނީ.
ސ. އެއްވެސް ދުވަހެއް ވަގުތެއް ދިޔަތޯ ބަލިން ރަނގަޅު ނުވެދާނެ ކަމަށް؟ ނޫނީ އުންމީދު ކަނޑާލި؟
ޖ. ނޫން ނޫން އިރާދަކުރެއްވީތީ އަލްހަމްދުލިﷲ އެހެނެއް ނުވޭ. އަޅުގަނޑަށް އަމިއްލައަށްވެސް އިހުސާސް ކުރެވޭނެތާ ކަންކަން މަޑުމަޑުން ރަނގަޅުވަމުން އަންނަންޏާ. ހުން ރަނގަޅުވި ހިސާބުން އަޅުގަނޑަށް ވަރަށް ބޮޑު އެޝުއަރެންސެއް ލިބުނު. ދެން ޑޮކްޓަރުންގެ އެ އެޝުއަރެންސްވެސް އަސްލު ވަރަށް މުހިންމު ކަމެއް ކަންނޭނގެ. ޑޮކްޓަރުން ވެސް އަޅުގަނޑުމެންނަށް ކިޔައިދޭނެ މިހާރު އިރާދަކުރެއްވީތީ ފުރަތަމަ ފޭސް ނިމިފަ ދެން ރިކަވަރީއަށޭ ބޮޑީ ދާނީ. ދެން މަޑުމަޑުން ކަންކަން ރަނގަޅުވަމުންނޭ އަންނަނީ. އެގޮތަށް ޑޮކްޓަރުން ވެސް އަޅުގަނޑުމެންނަށް ކިޔައިދީ އެކަންކަން ކުރާތީ އިތުބާރު މަޑުމަޑުން ލިބެންފެށި. އެއީ ވަރަށް މުހިންމު ކަމެއް.
ސ. ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރުކުރިތޯ؟ ކޮންކަހަލަ އިހުސާސެއްތޯ ކުރެވުނީ؟
ޖ. ނޫން ނޫން. އެހެނެއް ނުދޭ. ނަފްސާނީ ގޮތުން އަސަރުކުރިއޭ ބުނީމަ މީހުން ހިތަށް އަރާފާނެ ވަރަށް ބޮޑަށް އެއްކަލަ އަޑިއަޅައިގެންދާ ކަހަލަ ގޮތެކޭ. އެހެނެއް ނޫން. އެކަމަކު ނަފްސާނީއޭ އަޅުގަނޑު މި ބުނަނީ އާންމުކޮށް ނުވިސްނާ ވަރަށް ކަންކަމާ ދޭތެރޭ ވިސްނަން ވެއްޖެއްޔާ ދެޓްއިސް ނޮޓް ނޯމަލް ދެއްތޯ. އެހެން މި ބުނީ ނޯމަލްއެއް ނޫނޭ އަސްލުގަ. ދެން އެކަނި މީހެއްގެ ގޮތުގައި އިންނަން ޖެހުނީމަ ވެސް ވިސްނޭނެ ދެއްތޯ. ބޮޑަށް ވިސްނެނީ ބަލީގަ ދެން ކިހިނެއްތޯ ވާނީ.. އެކަހަލަ އެއްވެސް އެއްޗެއް ބުނެދޭކަށް ނޭނގޭނެ ދެއްތޯ އެއްވެސް މީހަކަށް. މިސާލަކަށް ދެން ފެންނާނެ އަލާމާތްތަކަކީ ކޮބައިތޯ. ދެން ޖެހިދާނެ އަލާމާތްތަކަކީ ކޮބައިކަން މިކަހަލަ ކަންތައްތަކާ ގުޅޭ ގޮތުން ވިސްނުނީ.
ސ. ފެސިލިޓީގަ ކަންކަން އިންތިޒާމުވެފަ ހުންނަނީ ކިހިނެއްތޯ؟ ޑޮކްޓަރުން ދުރުވެ ބައްލަވާތޯ؟
ޖ. ޑޮކްޓަރުންގެ ސީދާ ވަރަށް ކުލޯސް މޮނީޓަރިންގެ ތެރެއިން އަޅުގަނޑުމެން ގެންދިޔައީ. އެހެންވީމަ އެންމެން ވެސް އެބޭފުޅުން އެވިދާޅުވާ ގޮތަށް ކަންތައް ކުރަމުންދިޔައީ. ކޮންމެ ދުވަހަކު ހެނދުނު އަޅުގަނޑުމެންގެ ޓެސްޓުތަކެއް ހަދާނެ. އެއީ އަޅުގަނޑުމެންގެ ބީޕީ ހުރި ވަރާއި އަޅުގަނޑުމެންގެ ހޫނުމިން ހުރިވަރާއި އޮކްސިން ހަށިގަނޑުގައި ހުރި މިންވަރު. ހެނދުނާއި ހަވީރު ޗެކްކުރާނެ. ކޮށްފަ މެންދުރު ޑޮކްޓަރުން ވިޒިޓްކުރާނެ. އެއްވެސް ކަހަލަ އުދަނގުލެއް ހުރިތޯ ބަލާނެ. އެއީ ހެނދުނު ޗެކްކޮށްފަ. ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ޑޮކްޓަރުން އާދޭ. ފެސިލިޓީޒްތައް މެނޭޖްކުރުމުގައި މިއުޅެނީ ސިފައިން. އެހެންވީމަ އެބޭފުޅުން ވެސް ގުޅުއްވައި ބައްލަވާނެ ފެސިލިޓީސްގަ އެއްވެސް ކަހަލަ ބޭނުންވާ ކަމެއް އޮތްތޯ. ސީދާ ފިޒިކަލީ އެބޭފުޅުންނަކަށް ނުވަދެވޭ ރެސްޓްރިކްޝަން އޭރިއާއަށް ވީމަ. އޭގެ އިތުރުން އެތާންގަ ހުރި ފެސިލިޓީ މެނޭޖަރު ވެސް ދޭތެރެއަކުން ޕީޕީއީ އަޅައިގެން އަޅުގަނޑުމެންނަށް ވިޒިޓް ކުރޭ. ކޮށްފަ އިޝޫތައް ހުރިއްޔާ އެކަންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދިޔަ.
ސ. ވަކި ހާއްސަ ބޭހެއް ދިންތޯ؟
ޖ. އަނެއްހެން ނޯންނާނެ ދެއްތޯ މާބޮޑު ބޭހެއް. އެކޮޅުން އަޅުގަނޑުމެންނަށް އެންޓި ބަޔޯޓިކްސްދީ އެކަހަލަ ކަންތައްތައް ކުރިޔަށް ގެންދިޔަ. މިއަށްދޭނެ ހާއްސަ އެއްވެސް ބޭހެއް އަދި ނެތްތާ!. ފެންނަ ސިމްޓަމްސްތަކަށް އެބޭފުޅުން ޓްރީޓްކުރަމުންދިޔައީ. ސިވިއާ ވެއްޖެއްޔާ ދޭނެ ބޭހެއް އަޅުގަނޑަކަށް ނޭނގެ. ސިވިއާ ވާ މީހުންނަށް ބޭސް ދީފަ ހުރެދާނެ. މައިލްޑް ކޭސްތަކަކީ އަނެއްހެން ބުނާކަމަށް ވަންޏާ ބޭހެއް ނުދީ ވެސް ރަނގަޅުވެފަ ގިނަ ގައުމުތަކުން ގިނަ މީހުން މިހުންނަނީ. ސިވިއާ ކޭސްތަކުގައި ދޭ ބޭހެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑުގެ ބޭސް އެންޓިބަޔޯޓިކް ވީމަ ހުންނާނީ އެ ދުވަސްތައް ހަމަވަންދެން ދެއްތޯ. ފަސް ދުވަސް. އެލިގްރާ ކަހަލަ އެއްޗެހި ވެސް އެއީ އިންފްލެމޭޝަންއަށް. އެކަހަލަ އެއްޗެހި ދިން. ކެއްސުމަށް ސިރަޕް ކަހަލަ އެއްޗެހި ދިން.
ސ. ވަގުތު ހޭދަކުރީ ކިހިނެއްތޯ؟ ކަސްރަތު ކުރައްވާ އެއްވެސް އާ ކަމެއް ދަސްވިތޯ؟
ޖ. ކަސްރަތުގަ ނޫޅެވޭ. ދެން ނޭނގެ. މުޅިން އެހެން ވިސްނުމެއްގައި ހުންނާތީ އެ މޫޑުވެސް ނާންނަނީ ކަންނޭނގެ. އަޅުކަން ދެއްތޯ އޮންނާނީ. ނަމާދު ކުރުމާއި އަޅުކަން އިރާދަކުރެއްވިއްޔާ، ދެން މުނިފޫހިފިލުވުމަށް ދޭތެރެޔަކުން ވީޑިއޯ ބަލައިލުމާއި އެކަހަލަ ކަންތައް ދެއްތޯ. ފޮތް ކިޔާލުން އެކަހަލަ ކަންތައްތައް. ވަޒީފާގެ ގޮތުންވެސް އަޅުގަނޑަކީ ވަރަށް ގިނައިން ފޮތް ކިޔަންޖެހޭ މީހެއް، ކަންކަން އޮންނަން ޖެހޭ ގޮތް ބަލަންޖެހޭ މީހަކަށްވާތީވެ، ވަރަށް ގިނައިން ކަންކަން ރީސާޗް ކުރާ މީހެއް. ވަޒީފާގެ ގޮތުން ގުޅުންހުރި ކަމަކަށްވާތީ. ދުވާލު ގަޑީގައި އަބަދުވެސް ފެމިލީއަށް ގުޅައި ނޫނީ މަންމަމެންނަށް ގުޅައިގެން ތިބެގެން ވާހަކަ ދެއްކުން ދެއްތޯ ދެން އޮންނާނީ. އާ ކަމެއް ދަހެއް ނުވޭ. ގެއިންވެސް ބައިވަރު ފޮތްތައް ފޮނުވި. ފެސިލިޓީޒްތައް ވެސް ވަރަށް ރަނގަޅު. އަޅުގަނޑު އަންނަން ޖެހުނު އިރުވެސް އެ ހުރިހާ ފޮތްތައް ނުކިޔުނު. ދެން އާންމުކޮށް ނުކުރެވޭ ދަމުނަމާދު ކަހަލަ ކަންކަން އެތަނުގައި އިންއިރު ކުރެވޭ.
ސ. މިފަދަ ދުވަސްތަކެއްގައި ހިތްވަރު ހޯދީ ކިހިނެއްތޯ؟ ކޮންބައެއްގެ ފަރާތުންތޯ؟
ޖ. ހިތްވަރު ލިބިގެންދިޔައީ ފެމިލީ މެންބަރުންގެ ފަރާތުންނާއި ރައްޓެހިންނާއި އޭގެ އިތުރަށް އަޅުގަނޑު ލީޑާޝިޕް އިނގޭތޯ. އެމްއެންޑީއެފްގެ ލީޑާޝިޕުން އަޅުގަނޑަށް އެދެއްވި ސަޕޯޓުން، ގުޅުއްވައި އެ ދެއްވި ހިތްވަރުން. އެއީ ވަރަށް ބޮޑު ހިތްވަރެއް އެހެންވީމަ ދުވާލު ވަރަށް ގިނަ ވަގުތު ދާނެ އެކި މީސްމީހުންނާ މިހެން ވާހަކަދެއްކުމާ އެކަހަލަ ކަންކަމުގައި. މިނިސްޓަރު ވެސް ގުޅުއްވާ އިނގޭތޯ. ޑިފެންސް މިނިސްޓަރު ސީދާ ގުޅުއްވާފަ ވަރަށް ގިނައިރު ވާހަކަދައްކަވާފަ އެބަހުރި. ވަރަށް ގިނައިން އަޅުގަނޑަށް ގުޅުއްވާ. ސަޕޯޓް ދެއްވާ. އޭގެ އިތުރަށް އަޅުގަނޑުގެ ފެމިލީއަށް އަޅުގަނޑުގެ އަންހެނުންނަށް ވެސް ޑިފެންސް މިނިސްޓަރު ގުޅުއްވައިގެން ހިތްވަރު ދެއްވި. އެއީ ވަރަށް ބޮޑު ހިތްވަރެއް، ދެން ސީދާ އަޅުގަނޑުމެންގެ ކޮމަޑާންޑް ކާނަލް އަބްދުﷲ ވެސް ކޮންމެ ދުވަހަކު ގުޅުއްވާފަ ހާލު ބައްލަވާނެ ހަމަ. އެއީވެސް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް. އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންގެ ލީޑާޝިޕް ވެސް އަޅުގަނޑާ އެކީގަކަން އޮތީ. އެއީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް.
ފުރަތަމަ ނެގެޓިވް އަދި ދެވަނަ ނެގެޓިވް ވީ ކޮންއިރަކުތޯ؟
ޖ. ފުރަތަމަ ނެގެޓިވް ވީ އޭޕްރިލް 9 ގަ. ދެވަނަ ނެގެޓިވް ވީ އޭޕްރިލް 12 ގައި. ދެވަނަ ނެގެޓިވް ވެ ދޫކޮށްލީމަ ފެމިލީއާ އެއްކޮށް ވެސް ޓޫވީކްސް ހަމަކޮށްފަ ދެން ވަޒީފާއަށް މި ނުކުތީ. އެމްއެންޑީއެފުން ވެސް އެކަންތައް އަޅުގަނޑަށް ފަހިކޮށްދިން. ވަޒިފާއަށް ނުކުތީ 26 އޭޕްރިލްގަ.
ސ. ރަނގަޅުވެގެން ގެއަށް އާދެވުނީމަ ކޮންކަހަލަ އިހުސާސެއް ކުރެވުނީ؟
ޖ. ވަރަށް ބޮޑު ވެލްކަމެއް ދެއްތޯ ލިބޭނީ. ފެމިލީން ވެސް ބަލައިގަތުން އެއީ ވަރަށް މުހިންމު ކަމެއް ކަންނޭނގެ. ކުރިއަށް އޮތްތަނުގައި ވެސް ރިކަވާ ވެގެން ސޮސައިޓީއަށް އަންނަ މީހުން ދެއްތޯ. އެމީހުން ބަލައިގަނެ އެމީހުން އަޅުގަނޑުމެންގެ ތެރޭގައި ސޭފް ބައެއްގެ ގޮތުގައި ބަލައިގަތުން ވަރަށް މުހިންމު. ފެމިލީން ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދިޔަ އަޅުގަނޑު އައި ދުވަހު ވެސް. ދެން އޮންނާނީ ކެއުމެއް ދެއްތޯ. އެހާ ދުވަހު ދުރުގަ ހުރެފަ އައީމަ ކާހިތްވާ ކަހަލަ މީރު ކާއެއްޗެހި ދެއްތޯ ހުންނާނީ.
ސ. ބަލީގެ ތަޖުރިބާ ކުރުމަށްފަހު އަލުން އަނބުރާ ނޯމަލް ހެން ހީވޭތޯ؟ އެ ފިކުރު ކުރެވޭތޯ؟
ޖ. ނޯމަލްއަށް މަޑުޑުމަޑުން އަންނާނެ ދެއްތޯ. ދެން އެކަމަކު މީގަ ވާގޮތަކީ މިބަލި އަޅުގަނޑުމެންގެ ސޮސައިޓީގަ މިހާ ވަރަށް ފެތުރިގެންދާތީ އެކަންބޮޑުވުން އޮވޭ. މިހާ ވަރަށް މިބަލި ކޮމިއުނިޓީ ތެރޭގައި ފެތުރިގެންދާއިރު އަޅުގަނޑަށް އަންޑަސްޓޭންޑްވޭ އީޗް އެންޑް އެވްރީވަން އެބޭފުޅުން ގޯތުރޫކުރާނެ ކަންތައްތައް ދެއްތޯ. މިހެން އިންނައިރު ވެސް އެކަމާ ވިސްނޭ. އެބޭފުޅުން އުޅޭނީ ކިހިނެއްތޯއޭ ހިތަށް އަރާ. އެބޭފުޅުންގެ ހާލަކީ ކޮބައިތޯއޭ. އެނޫނީ ހަމަ ނޯމަލް. އެ ފިކުރު ހުންނާނެ ދެއްތޯ. ބަލި ތަހައްމަލު ކުރަމުންދާ މީހުންނާ މެދު ފިކުރު ކުރެވެނީ. އެނޫން އެހެން ކަހަލަ އުދަނގުލެއް އިހުސާސެއް ނުވޭ. ބަލި ޖެހިގެންވެސް ސައިކޮލޮޖިކަލީ އައި ބަދަލެއް އައީ. ފިޒިކަލީ އެހާ ބޮޑު ބަދަލެއް ތަހައްމަލުކުރާކަށް ނުޖެހޭ. ދިރިއުޅުމަށް ވެސް ބަދަލެއް ނާދޭ. ބަރާބަރު ހަމަ ނޯމަލް.
ސ. ޕޮޒިޓިވް ވެ އައިސޮލޭޝަންގައި ތިބޭ މީހުންނަށް ދޭނެ މެސެޖަކީ ކޮބައިތޯ؟
ޖ. ބަލިވެގެން ގޮސް މިހެން އިންނައިރު ވީހާވެސް ބޮޑަކަށް ނޫހާއި ކޮވިޑާ ގުޅޭ މިކަހަލަ އާޓިކަލްތައް ނުކިޔުން. އެކި ނޫސްތަކުގަ ބައްޔާ ގުޅޭގޮތުން ވެސް މި ހުންނަނީ އެކިގޮތަށް. އެކި މީހުން އެކި އެއްޗެހި ލިޔެފަ ހުންނާނީ. އަޅުގަނޑު ރިކޮމަންޑު ކުރަން ކޮންމެ ބޭފުޅަކު ވީހާވެސް ބޮޑަކަށް ވެބްސައިޓުތަކުގައި ހުންނަ ބައްޔާގުޅޭ އެއްޗެހި ވެސް ނުކިޔައި އެކަމުން ދުރުވެ އެހެން ކަމަކައިގެން އުޅެން. ނަމާދު ކުރުމާއި ގުރުއާން ކިޔެވުމާ މިކަހަަލަ ކަންކަމުގައި ބޮޑަށް އުޅެން. އަޅުގަނޑުގެ އެކްސްޕީރިއަންސް މި ކިޔައިދެނީ. ދެން ފެސިލިޓީތަކުގައި ތިބޭއިރުވެސް ހިތްހަމަނުޖެހޭ ނޫނިއްޔާ އުދަނގޫވާ ކަހަލަ ކަންތައްތައް ހުންނާނެ. އެކަންތައްތަކަށް ވެސް ސްޓްރެސް ނުވެ، ޕޭޝަންސްއާއެކު އެ އޮންނަ އުސޫލާ އެއްގޮތަށް ކަންތައްތައްކުރީމަ ސްޓްރެސް ނުވެ އިރާދަކުރެއްވިއްޔާ ނުކުމެވޭނެ.
ސ. ކޮބައިތޯ ކޮވިޑް ޖެހުނު މީހެއްގެ ހައިސިއްޔަތުން މުޖުތަމައަށް ދޭން ބޭނުންވާ މެސެޖަކީ؟
ޖ. ޕަބްލިކަށް ދޭން އޮތް މެސެޖަކީ އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވެ އެހީތެރިކަން ފޯރުކޮށްދޭށޭ. ފޯރުކޮށްދީފަ އެކަކު އަނެކެއްގެ ހާލުބަލައި ހަދާށޭ. މީގަ އިތުރަށް އެޗްޕީއޭއާ ސަރުކާރުން ދީފަ ހުރި ގައިޑްލައިންތައް ފޮލޯ ކުރުމަކީ ވަރަށް މުހިންމު ކަމެކޭ. ދިގުދެމިގެންދާ ވަރަކަށް އަޅުގަނޑުމެންނަށް ފަރުވާކުޑަ ކުރެވޭ ގޮތް ވެސް ވާނެ ދެއްތޯ. މިސާލަކަށް މުޅި ލޮކްޑައުން ނިމި ބައެއް ހާލަތްތަކުގައި ހުޅުވާލިކަމުގައި ވިޔަސް އެޗްޕީއޭ އިން ދީފަ މިހުންނަ ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރުން ވަރަށް މުހިންމޭ. ތަންކޮޅެއް ގިނައިން ބޭރަށް ދިއުމުގެ ހުއްދަ ލިބުނު ކަމުގައިވިޔަކަސް ބޭރަށް މިދާ ދިއުމުގައި ވެސް އަތް ދޮވުމާއި ގައިދުރުކަން ބެހެއްޓުމާއި މިކަހަލަ ކަންތައްތައް ކުރުމަކީ ވަރަށް މުހިންމު ކަމެކޭ. މީގެ އިތުރަށް އަޅުގަނޑުމެން އެކަކު އަނެކަކަށް މި ބަހައްޓާ ހަމްދަރުދީއާ ކުލުނާއި ލޯބި އަޅުގަނޑުމެންގެ ތެރޭގައި އިތުރުވި ވަރަކަށޭ ދެން ތިބި މީހުންނަށް ވެސް މި ބަލިން ވީހާވެސް އަވަހަކަށް ސަލާމަތްވުމަށް އޮންނާނެ މަގަކީ. މިއީކީ އަނެއްހެން ބުނާނަމަ އެއްވެސް މީހަކު އަމިއްލައަށް ބޭނުންވެގެން ޖެހެން ބޭނުންވެގެން ޖެހޭނެ ބައްޔެއް ނޫނޭ. ނޭނގި ހުއްޓާ ގިނަ މީހުންނަށް މި ޖެހެނީ ދެއްތޯ. އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކޮށްގެން އިރާދަކުރެއްވިއްޔާ މިބަލިން ސަލާމަތް ވާނޭ. ދިވެހި ރައްޔިތުންނާ އެއްކޮށް އަޅުގަނޑުމެން ފްރަންޓްލައިންގައި މަސައްކަތްކުރާ ހުރިހާ މީހުން މިތިބީ ކަމަރު ބަނދެގެންނޭ. ދެން ސިމްޓަމްއެއް ފެންނަ މީހާ ވެސް އަވަހަކަށް އެޗްޕީއޭއަށް އަންގައި ނޫނީ އޮންނަ ހޮޓްލައިނަށް އަންގައިގެން އެބޭފުޅުން އަންގާ ގޮތެއްގެ މަތިން އަމަލުކުރުން ވަރަށް މުހިންމޭ. މިދުވަސްކޮޅު ކެތްތެރިކަން އިސްކުރުން ވަރަށް މުހިންމޭ..