ރައްޔިތުންގެ މަޖިލިސް

ރިޔާސީ ކޮމިޝަންތަކުގެ ބިލު ޕާކުކޮށްފައި، މަޖިލީހުގެ ރައީސާއި މެންބަރުން ގަސްދުގައި ލަސްކުރައްވަނީބާ؟

1

ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން ޖެހޭ ކަމަށް އެންމެން ވެސް އެބަ ބުނެ އެވެ. ކޮރަޕްޝަނުގެ ސަަބަބުން ރައްޔިތުންގެ ޚަޒާނާއިން ގެއްލިފައިވާ ފައިސާގެ މައްސަލަތައް ވެސް އަވަހަށް ބަލަން ޖެހޭ ކަމަށް ބުނާތީ އެބަ އިވެއެވެ. މި ސަރުކާރު ވެރިކަމަށް އައީ އެކަންކަން ބަލާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީގެންނެވެ. އެވައުުދުތައް ވިއްކައިގެންނެވެ. މިއަދު ކޯލިޝަނުގެ ތެރޭގައި ތިއްބެވި ހުރިހާ ލީޑަރުން ވެސް ވިއްކެވީ އެ ވައުދުތަކެވެ. އަދި މިއަދު ވެސް ވިދާޅުވަނީ އެކަންކަން ކުރައްވަން ޖެހޭނެ ވާހަކަ އެވެ.

ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ބެލުމާއި ކޮރަޕްޝަން ހުއްޓުވުމާއި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ މައްސަލައިގައި ސިޔާސީ ބޭފުޅުން ވާހަކަފުޅުދެއްކެވި ނަމަވެސް، ދެ ކޮމިޝަނުގެ މަސައްކަތް ލަސްވުމަށް އެންމެ ބޮޑު ހުރަހަކަށް ވެފައި މި ވަނީ އެ ދެކޮމިޝަނަށް ބާރުތައް ދިނުމަށް ރައީސް ފޮނުއްވި ބިލު ނުނިމުމެވެ. ރިޔާސީ ދެ ކޮމިޝަނަށް ފުރިހަމަ މިނިވަން ކަމާ އެކު މަސައްކަތް ކުރެވޭނެ ފުރުސަތު ފަހި ކުރުމަށް ޓަކައި ރައީސް ސޯލިހު އެވަނީ އެކަމަށް ބޭނުންވާ ގާނޫނީ ބާރުތައް ދެ ކޮމިޝަނަށް ދެއްވަން ނިންމަވައިފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނުގެ ދައުރު އެވަނީ އަދާކުރައްވައިފަ އެވެ. މިހާރު އުފެދޭ ސުވާލަކީ ބިލު ލަސްވަނީ ކީއްވެތޯ އެވެ؟

ރައްޔިތުންގެ މަޖިލީހުން ކަމެސް ފާސްކުރަން ބޭނުން ވުމުން އެބޭނުންވާ ސުން ސިކުންތައް ކަންކަން ނިމިގެންދާތަން އަޅުގަނޑުމެންނަށް ފެނެއެވެ. މިހާރު ވެސް ކަން އޮތީ އެހެންނެވެ. މަޖިލީހުން ބޭނުންވާ ކަންކަމުގައި ބޭނުން ގޮތަކަށް ކަންކަން ކުރައްވާތަން ދަނީ ފެންނަމުންނެވެ. އަވަސްކުރާން ބޭނުންވާ ކަންކަން 24 ގަޑި އިރު ހޭލާ ތިއްބަވައިގެން ވެސް މަޖިލީހުން ގެންދަވަނީ ނިންމަވަމުންނެވެ. މަޖިލީހުގެ ވަގުތު އިތުރުކޮށްލަނީ އެބޭނުންވާ ކަމެއް ނިމެންދެން ޖަލްސާ ކުރިޔަށް ގެންދަވާ ގޮތަށެވެ.

ބޭނުންވީމާ ބޭނުންވާ ގޮތަށް ބޭނުންވާ އިސްޕީޑުގައި މި ފަހަކަށް އައިސް މަޖިލީހުން ނިންމައިލި ބޮޑެތި މައްސަލަތަކުގެ ތެރޭގައި 65 އަހަރު ފުރުމުން ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް އޮތް އޮތުން ބާތިލު ކުރުމާއި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އާއި އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ މައްސަލަ އާއި މަޖިލީހުގެ ކުރީގެ ރައީސް މަސީހު މަގާމުން ވަކިކުރުމުގެ މައްސަލަ ހިމެނެ އެވެ. އެކަންކަމަށް ބަލައިލުމުން މިހާރު ވެސް މަޖިލީހުން ކަމެއް އަވަހަށް ކުރާން ބޭނުން ވެއްޖެ ނަމަ އެކަމަށް ހުރަހެއް ނެތްކަން ސާފުކޮށް އެނގެ އެވެ.

ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމާއި ކޮރަޕްޝަނުގެ ސަބަބުން ރައްޔިތުންގެ ޚަޒާނާއިން ގެއްލިފައިވާ ފައިސާ އަނބުރައި ހޯދުމަކީ ރައީސް ސޯލިހުގެ އެންމެ މުހިންމު ވައުދު ތަކުގެ ތެރޭގައި ހިމެނޭ ދެ ވައުދު ކަމަށް ވާއިރު، މި ބިލު މަޖިލީހުގެ ތަޅުމުގައި ލަސްވާ މައްސަލައާ މެދު ބައެއް ފަރާތްތަކުން މިހާރު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ވަކީން ޚާއްސަކޮށް ކޮރަޕްޝަންގެ މައްސަލަތަކާ ގުުޅުން އޮތަތީ ގަސްދުގައި ބިލު ލަސްކުރަނީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

"މަޖިލީހުގައި އެންމެ ގިނައީ ޖޭޕީ އަދި ޕީޕީއެމްގެ މެންބަރުން. މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ޖޭޕީގެ ލީޑަރު. ޖޭޕީންނާއި އެމްޑީޕީން އެކަނި ބޭނުންވިޔަސް ބޭނުން ދުވަހަކު ބިލު ފާސްކުރެވޭނެ." "ވަން އޮންލައިން" އަށް މައުލޫމާތުދެއްވި ގާނޫނީ ވަކީލަކު އޭނާގެ ޚިޔާލު ފާޅުކުރެއްވި އެވެ.

މަޖިލީހުގެ މެންބަރަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ ބިލު ލަސްވަނީ ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ޚާއްސަ އިމްތިޔާޒު ތަކެއް ލިބޭތީ ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި އެކަމަކު އެއްވެސް މީހަކު ކޮރަޕްޝަނުގެ ފައިސާގައި ނުޖެހޭ ނަމަ އެކަމާ ފިކުރުބޮޑުވެ ބިލު ލަސްކުރާންވީ ސަބަބެއް ނެތް ކަމަށެވެ.

ކުރީން ވާހަކަ ދެއްކެވި ގާނޫނީ ވަކީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުންނާ މެދު ވެސް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވޭ ކަމަށާއި އެމީހުންގެ ގައިގައި ހިފާން ފަހިވާ ފަދަ ބޮޑެތި ބާރުތަކެއް ބިލުން ލިބޭން އޮތުން އެއީ ބިލު ލަސްވާ އެންމެ ބޮޑު ސަބަބު ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އެކަމަކު އެއީ ހަގީގަތް ނަމަ ދެން ރައީސް އެކަނި ބޭނުންފުޅު ވިޔަސް މި ގައުމުގައި ކޮރަޕްޝަން ހުއްޓުވޭނެ އެއްވެސް މަގެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހަކީ ތިމާމެން މުއްސަނދިވާން، ތިމާމެން ހިމާޔަތް ހޯދަން، ތިމާމެން އިއްޒަތާއި ޝަރަފު ހޯދަން ވަންނަ ތަނަކަށް ވެގެން ނުވާނެ. އެތަނުގައި މަސައްކަތްކުރާ މީހުންގެ އެންމެ މުހިންމު މަގުސަދަކަށް ވާން ޖެހޭނީ ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމާ އެކު ގައުމަށް އެންމެ ފައިދާ ބޮޑު ގޮތުގައި ރައްޔިތުން އަމަލުކުރާން ޖެހޭ ގާނޫނުތައް ހެދުން." ގާނޫނީ ވަކީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ ދެ ކޮމިޝަނުގެ މަސައްކަތް އަވަސްކުރައްވަން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އިސްވެ ހުންނަވައިގެން ކުރައްވާ މަސައްކަތާ މެދު ވެސް މިއަދު ސުވާލު އެބަ އުފެދޭ ކަމަށެވެ. މިފަދަ މުހިންމު ދެ ކޮމިޝަނަކަށް ބާރުތައް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެކަން އަވަސްކުރައްވަން މަޖިލީހުގެ ރައީސް މަސައްކަތްކުރައްވާ ނަމަ އެކަން މިހާރު އޮންނާނީ ނިމިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ ދެ ކޮމިޝަނަށް ބާރުތައް ދޭ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމެޓީއަށް ފޮނުއްވީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭގެ ފަހުން ހަފުތާއެއްވާ އިރު މިއަދާ ހަމައަށް އައި އިރު އެ މައްސަލަ ދިރާސާކުރުމަށް ކޮމެޓީގެ އެންމެ ބައްދަލުވުމެއް ވެސް ބާއްވައިފައެއް ނުވެ އެވެ.

އެހެން ކަމުން ބުނެވޭން އޮތީ އެހެން ވާހަކަ އެކެވެ. މަރުގެ މައްސަލަތައް ބަލާން ޖެހެޔޭ ކޮރަޕްޝަނުގެ މައްސަލަތައް ބަލާން ޖެހެޔޭ ވިދާޅު ނުވާށެވެ. ކޮމިޝަނަށް ގާނޫނީ ބާރުތައް ދޭން ރައީސް ފޮނުއްވި ބިލު ޕާކު ކޮށްފައި ބޭއްވުމުން ދައްކަވާ ވާހަކަޔާ އަމަލާ ދިމައެއް ނުވެއެވެ. މަޖިލީހުގެ ރައީސާއި މެންބަރުން ދައްކަވާ ވާހަކަފުޅު ދިމައެއް ނުވެ އެވެ. ހަމަ އެކަނި މަސްލަހަތު އޮންނަ ބިލުތައް އަވަސްކުރެއްވުމަކުން ގައުމީ މަސްލަހަތު ހިމާޔަތެއް ނުވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟