އިންޑިއާގެ އެންމެ ބޮޑު ޕްރައިވެޓް ކުންފުނި ކަމަށްވާ ރިލައެންސް އިންޑަސްޓްރީސްގެ ޗެއާމަން މުކޭޝް އަމްބާނީގެ ދަރި އިޝާ އަމްބާނީ ގެ ކައިވެނީގެ ފުރަތަމަ ހަފްލާ ކަމުގައިވާ ޕްރީ ވެޑިން ބޭޝްގައި ބައިވެރިވުމަށް ބޮލީވުޑްގެ ގިނަ ތަރިން ތަކެއް އަންނަނީ އުދެއިޕޫރުގައި ހަރަކާތްތެރިވަމުންނެެވެ.
މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ޝާހުރުކް ޚާން، އަބީޝެކް ބައްޗަން، އާމިރު ޚާން، އައިޝްވަރިޔާ ރާއީ ބަޗަން، ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނާސް، ދީޕިކާ ޕަޑުކޯން އަދި ރަންވީރު ސިންގް ފަދަ ބޮލީވުޑް ތަރިން މި ހަފްލާގައި ބައިވެރިވެ ވަނީ އެކީގައި މަޖާ ވަގުތުތަކެއް ހޭދަކޮށްފައެވެ. ގިނަ ތަރިންތަކެއް ވަނީ އެކި ލަވަތަކަށް ނަށައި ހަދައިފައެވެ.
ޕްރީ ވެޑިން ބޭޝްގައި ހާއްސަ ފަރާތެއްގެ ގޮތުގައި ބައިވެރިވީ ހޮލީވުޑް ލަވަ ކިޔުންތެރިޔާ ބިޔޯންސޭ އެވެ.
ހަފްލާގައި ބިޔޯންސޭ ބައިވެރިވި ހެދުން އޭނާ ވަނީ ފޭނުންނާ ހިއްސާކޮށްފައެވެ. ރަތް ކުލައިގެ އިންޑިއަން އެތްނިކް އެ ހެދުން ޑިޒައިން ކޮށްފައިވަނީ ކުދި ލޯގަނޑު ބޭނުން ކޮށްގެންނެވެ. ހެދުން ފުރިހަމަ ކުރުމަށް އަޅާފައިވަނީ ރަން ގަހަނާ އެވެ. އޭގެ ތެރޭގައި ބޮލުގައި އަޅާފައިވާ ބޭންޑާއި އަތުގައި އޮތް ބްރޭސްލެޓް އަދި ދިގު ކަންފަތުލާ މުދި ހިމެނެއެވެ.
ސިމްޕަލް އަދި ކްލެސީ މޭކަޕް ގައި ބިޔޯންސޭ ހުރިއިރު އިސްތަށިގަނޑު ހުރީ ސޮފްޓްވޭވްސްކޮށް ދޫކޮށްލާފައެވެ. މުޅި ލުކްގައި އޭނާ ހީވަނީ ރާނީއެއް ހެނެވެ.
އިޝާގެ ޕްރީ ވެޑިން ބޭޝްގައި ބިޔޯންސޭ ހުށަހެޅީ އޭނާގެ މަޝްހޫރު ލަވަތައް ކަމުގައިވާ "ޕާފެކްޓް" އަދި "ކްރޭޒީ އިން ލަވް" އެވެ. މި ލަވަތައް ކިޔުމަށް އޭނާ ލާފައި ހުރީ ރަން ކުލައިގެ ހެދުމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބިޔޯންސޭ އުދޭޕޫރަށް އައީ އެ ހުށަހެޅުން ހުށަހަޅައިދިނުމަށެވެ. އަދި މިއަދު އޭނާ ފުރާނެއެވެ.