އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 59

އަބްދުﷲ ފާރޫގް ހަސަން

1

(2 މެއިގެ އަދަދާ ގުޅޭ)

خــالــد بــن الـوليـد رضـى اللّـه عنـــه އިސްލާމީ ލަޝްކަރާއިގެން ޤަބީލާތަކުގެ ލަޝްކަރުގެ މެދުތެރެއަށް ވަރުގަދަ ޙަމަލައެއް ދެއްވުމުން ޤަބީލީ ލަޝްކަރު ވިއްސިވިހާލިވެގެންގޮސް އީރާނީންނާއި ރޫމީންނާ މައްސުނިވެއްޖެއެވެ. މިހާރު ދުޝްމިނުންގެ ލަޝްކަރުގެ ފަހަތުގައި އޮތީ ކޯރެވެ. ދެފަރާތުގެ އަރިމަތީންނާއި ކުރިމަތީން މުސްލިމުންވަނީ އެމީހުން ވަށައިލައިފައެވެ. ރޫމީންނާއި އީރާނީން ގެންދިޔައީ ޢަރަބި ޤަބީލާތަކުގެ މީހުން ކުރިޔަށް ކޮއްޕަމުންނެވެ. ޤަބީލާތަކުގެ މީހުން އުޅުނީ އީރާނީންނާއި ރޫމީންގެ ފަހަތުން ޙިމާޔަތް ހޯދާށެވެ. ނުވަތަ އަވަހަށް ފިލައިގެން ދެވޭނެ މަގެއް ހޯދާށެވެ. ޤަބީލާތަކުގެ ބައެއް ގެމަތައް އެހެންމީހުންގެ މަލާމާތަށް ބެލުމެއްނެތި ރޫމީ ސަވާރުންގެ މެދުތެރެއިންލައިފައި ހުޅަނގުފަރާތަށް މިސްރާބު ޖަހައިފިއެވެ. އެތަން ފެނުމުން އަނެއްބަޔަކު އީރާނީ ޙަލީފުންގެ ސަފުތައް ބުރިކޮށްލައިފައި އިރުމައްޗަށް ދަތުރުކޮށްފިއެވެ. މެދުތެރޭ ސިފަތަކުގެ މީހުންވެސް އީރާނީންނާއި ރޫމީންގެ ތެރެއިން ލައިފައި އެންމެފަހަތަށް ފައިބައި ކޯރަށް ފުމޭން ފަށައިފިއެވެ. މާގިނައިރެއްނުވެ ޤަބީލީ ލަޝްކަރު މައިދާނުން ފިލައިގެންދާން ފަށައިފިއެވެ.

ޤަބީލީ ލަޝްކަރުގެ ފިލައިގެންދާ މީހުންގެ ފަހަތުން ފަހައިދިޔުމުގެ ބަދަލުގައި މުސްލިމުން މަސައްކަތްކުރީ އީރާނާއި ރޫމީންގެ ލަޝްކަރު ވަށައިލުމަށެވެ. އެތަން ފެނިވަޑައިގެންނެވުމުން ރޫމީންގެ ކޮމާންޑަރ ޖަވާބީ ޙަމަލަ ދޭންފެށުމަށް އޭނާގެ ލަޝްކަރަށް އަމުރުކުރެއްވިއެވެ. ނަމަވެސް اللّـه أكبــر ގެ ނައުރާގެ ތެރެއަށް އޭނާގެ އަޑު އޮބިގެން ހިނގައްޖެއެވެ. خــالــد بــن الـوليـد رضـى اللّـه عنـــه ފަދައިން މުސްލިމުންގެ ކޮންމެ ސިފައިންގެ މީހަކުވެސް ހަނގުރާމަކުރަމުން ގެންދިޔައީ ފަތަޙައާއި ނަޞްރުގެ ވަގުތު ގާތްވެއްޖެކަމުގެ ޔަޤީންކަމާއެކުގައެވެ. ޤަބީލާތަކުގެ ލަޝްކަރު ފިލައިގެންދިޔުމުންވެސް ދުޝްމިނުންގެ ޢަދަދު މުސްލިމުންނަށްވުރެ އެތައްގުނައެއް އިތުރެވެ. ނަމަވެސް ފަތަޙަޔަށްވުރެ ބޮޑަށް އެމީހުން އިންތިޒާރުކުރަމުން ގެންދިޔައީ ފިލައިގެންދާން އެމީހުން ކޮމާންޑަރުގެ އަމުރު ލިބޭނެއިރަކަށެވެ. އީރާނީ ސިފައިންނަކަށް ރޫމީ ކޮމާންޑަރުގެ އަމުރުގެ އިންތިޒާރުގައި މާގިނައިރަކު ނުތިބެވުނެވެ. އީރާނީން ފިލައިގެންދާން ފަށައިފިއެވެ. އެތަން ފެނުމުން ރޫމީންވެސް ތިމާމެންގެ ޖާނު ސަލާމަތްކުރުމުގެ ދުވެލީގައި އީރާނު މީހުނަށްވުރެ ފަހަތުގައި ތިބޭކަށެއް އެއްބަހެއް ނުވިއެވެ.

ފިލައިގެންދާން ކޯރާ ދިމާޔަށް މިސްރާބުޖެހި ބައެއް މީހުންނަށް ބައްތެލިފަހަރުގައި ކޯރު ހުރަސްކުރެވުނެވެ. ބައެއްމީހުން އަސްމަތީގައި ކޯރަށް އެރުނެވެ. އަނެއްބަޔަކު މަސައްކަތްކުރީ ދުވެގޮސް ބައްރުގެ ތަނަވަސްކަމުގެ ތެރެއިން ސަލާމަތް ހޯދޭތޯއެވެ. މުސްލިމުންގެ އަސްތަކުގައި އޭގެ ސަވާރުން އުފުލޭހައި ހަކަތަ ނެތިއްޖެއުމަންދާންދެން މުސްލިމުން ދުޝްމިނުންގެ ފަހަތަށް ފަހަމުން ޤަތުލުކުރަމުން ގެންދިޔައެވެ. ފިރާޟުގެ މައިދާނުގައި އެތަކެއް ކޯހުގެ ދުރަށް ފެތުރިފައިހުރީ ރޫމީންނާއި ފާރިސީންނާއި ޤަބީލީ ޢަރަބީންގެ ހަށިތަކެވެ. މުސްލިމުންގެ ތާރީޚުގައި މިއީ އީރާނީންނާއި ރޫމީންނާއި އެބައިމީހުންގެ އެކުވެރި ޤަބީލީ ޢަރަބީން އިއްތިހާދުވެގެން މުސްލިމުންނާ ދެކޮޅަށްކުރި އެންމެފުރަތަމަ ހަނގުރާމައެވެ. މިހަނގުރާމައިގެ ނަތީޖާއަކީ މުސްލިމުންނަށް ވަރަށް މުހިންމު ނަތީޖާއެކެވެ. މުސްތަޤްބަލުގައި މުސްލިމުންނާ ދެކޮޅަށް މިތިންބާރު އެކަތިގަނޑަކަށްވުމުގެ އެކަށޭނެކަންވަނީ މިހަނގުރާމައިގެ ނާކާމިޔާބީގެ ސަބަބުން ނެތިގެން ގޮސްފައެވެ. خــالــد بــن الـوليـد رضـى اللّـه عنـــه ގެ އަތްޕުޅުން ޢިބްރަތްތެރި ގޮތަކަށް ބަލިވުމުން މިތިންބާރުންވެސް އެކަމުގެ އިލްޒާމު އެޅުވީ އެއްބަޔަކު އަނެއްބަޔެއްގެ ބޮލުގައެވެ. ބަދަވީން ރުޅިއައިސް ރަތްވީ ރޫމީންނާއި އީރާނީން ފަހަތުގައި ތިބެގެން މުސްލިމުންގެ ކަނޑިތަކުގެ މިޔަމައްޗަށް އެމީހުން ނެރުނީތީއެވެ. ރޫމީންނާއި އީރާނީންގެ ޝަކުވާއަކީ ބަދަވީ ޤަބީލާތައް އިންތިޒާމެއްނެތި ފިލައިގެންދާން މަސައްކަތްކުރުމުގެ ސަބަބުން އެބައިމީހުންގެ ފިރިހެންވަންތަކަން ދައްކައިލާނެ ފުރުޞަތު ނުލިބުނުކަމުގެ ޝަކުވާއެވެ. ރޫމީން ބުނަނީ އެމީހުން މުސްލިމުންގެ ފައިތިލަ މައިދާނުން އުފުރައިލާން އުޅެނިކޮށް އީރާނީން މައިދާން ދޫކޮށްލައިފި ކަމުގައެވެ. އީރާނީން ބުނަނީ ރޫމީ ސިފައިންގެ ވެރިޔާގެ ދިދައިގެ ދަށުގައި ހަނގުރާމަ ކުރެވުނުކަމީ އެމީހުންނަށް ހެދުނު ގޯހެއްކަމުގައެވެ. ކޮންމެއަކަސް ފިރާޟުގެ ނާކާމިޔާބީއަކީ ޝާމްކަރަޔާއި ޢިރާޤު ކަރައިގެ ސަރަޙައްދުގައި މުސްލިމުންގެ ދުޝްމިން ތިންބާރު އިއްތިހާދުވެގެން މުސްލިމުންނަށް ނުރައްކާތެރި ބާރަކަށް ވެވިދާނެކަމުގެ ޔަޤީންކަމާއި އިޢުތިމާދު ވަޔަށް ބުރައިގެންދިޔަ ނާކާމިޔާބީއެކެވެ.

+ + + + +

ފިރާޟުގެ މަތިވެރި ފަތަޙައަށްފަހު އިސްލާމީ ލަޝްކަރު މަޑުކޮށްގެންތިބީ ހީރަތުގެ ރަށްބޭރުގައެވެ. އެއްރެޔަކު މުއަސްކަރުގެ ބޭރުގައި ފަތިސްނަމާދަށްފަހު މުސްލިމުން އަޑުއަހަމުން ގެންދިޔައީ އެބައިމީހުންގެ ލޮބުވެތި ކޮމާންޑަރ خــالــد بــن الـوليـد رضـى اللّـه عنـــه ގެ ތަޤްރީރެކެވެ. خــالــد ވިދާޅުވިއެވެ.

"މުސްލިމުންގެ ޣާޒީންނޭވެ! ތިޔަބައިމީހުން އަޑުއަހައިފައި ވާނޭފަދައިން ޚިލާފަތުގެ ދަރުބާރުންވަނީ އަހަރެން ޝާމްކަރައިގެ މައިދާނަށްދާން އަމުރު ފޮނުއްވައިފައެވެ. އަހަރެންގެ ހިތްއެދޭގޮތަކީ މަދާއިނުގައި އަހަރެންގެ އަތުން އިސްލާމްދީނުގެ ދިދަ ނެގުމެވެ. އެހެންނަމަވެސް ޚަލީފަތުލްމުސްލިމީން މިވަގުތު އަހަރެންގެ ޚިދުމަތް ބޭނުންފުޅުވަނީ އެހެން މައިދާނެއްގައެވެ. އެކަލޭގެފާނުގެ އަމުރުފުޅަށް އުރެދުމަކީ އަހަންނަށް ކުޅަދާނަކަން ލިބިގެންވާ ކަމެއްނޫނެވެ. އަހަރެން އަލަށް މިކުރިމަތިލާ މައިދާނުގައިވެސް أميـرالمؤمنـين އަހަންނާމެދު ކުރައްވާ އުންމީދުތައް ފުރިހަމަކުރުމުގެ ތައުފީޤު ދެއްވުންއެދި ތިޔަ އަޚުން ދުޢާކޮށްދިނުން އެދެމެވެ. ޝާމްކަރައިގައި އަހަރެންގެ މަސައްކަތް ވަރަށް އަވަހަށް ނިންމުމަށްފަހު އެނބުރިއައިސް ތިޔަބައިމީހުނާ ބައްދަލުކުރުމުގެ ތައުފީޤު ދެއްވުން އެދިވެސް ދުޢާކޮށްދިނުން އެދެމެވެ. އަހަރެން އުންމީދުކުރަނީ مثــنّـى بــن حــارثـــة رضى اللّـه عنــه ފަދަ ޢަޒުމްފުޅު ވަރުގަދަ ލީޑަރަކު ހުންނަވަނިކޮށް ތިޔަބައިމީހުންގެ ހިތްވަރު ނޭލޭނެކަމުގައެވެ. ތިޔަބައިމީހުން اللّـه ގެ މަގުގައި ކުރިއަށްދާއިރު ތިޔަބައިމީހުންގެ ޢަދަދާއި ޢަސްކަރީ ވަސީލަތްތަކަށްވުރެ ބޮޑަށް ނަޞްރުގެ ޙައްޤުވެރީން ކަމުގައިވުމުގެ ސަބަބަކަށްވާނީ ޝަހީދުވުމަށް އެދޭ އެދުމެވެ.

ނުހަނު ލޯބިވާ އަޚުންނޭވެ! އަހަރެންގެ އެކުވެރީންނޭވެ! މަދާއިނާއި ދިމިޝްޤަކީ ތިޔަބައިމީހުން އިސްލާމްދީނުގެ ފާން އިރުގެ އަލީގައި ދެކެފައިވާ ސީދާ މަގުގެ މަންޒިލްތަކެވެ. ތިޔަބައިމީހުންނަކީ އިރުމައްޗާއި ހުޅަނގުގައިވާ އަނިޔާއާއި ގޮށްމުށުބާރުގެ ބޮޑެތި ހިސާރުތައް ފުނޑުފުނޑުކުރުމަށްޓަކައި އަރަހުށި މާތް اللّـه ޚިޔާރުކުރެއްވި ނަސީބުވެރީންނެވެ. ތިޔަބައިމީހުންނަކީ އަންނަނިވި ޖީލުތަކަށް ޙައްޤުގެ މަގު ހޯދައިދިނުމަށްޓަކައި އިސްވެދަތުރުކުރާ ދަތުރުވެރީންނެވެ. ތިޔަބައިމީހުންނަކީ މުސްތަޤްބަލުގެ ދަރީން އެ ޤާފިލާއެއްގެ ހިރަފުހުގެ ތެރެއިން އިންސާނީ ކަރާމަތާއި ޝަރަފު ހޯދާންޖެހޭނެ ޤާފިލާގެ މީހުންނެވެ. ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ ދުޢާއަކީ ތިޔަބައިމީހުންގެ ހިތްވަރާއި، ފަންވަރާއި ބުންވަރު ގަދަކުރެއްވުމެވެ. ޢަޒުމް ވަރުގަދަ ކުރެއްވުމެވެ. ތިޔަބައިމީހުންނަކީ މުސްލިމުންގެ އަންނަނިވި ނަސްލުތަކަށް ފަޚުރުވެރިކަމާއެކު އެބައެއްގެ ހަނދާން އާކުރަންޖެހޭފަދަ ބަޔަކުކަމުގައި ލެއްވުމެވެ. ތިޔަބައިމީހުންގެ ދަރީންނާއި ކާފަ މާފަދަރީންނަށް ކިސްރާއާއި ޤައިސަރުގެ ކޮއިލުގައި އިސްލާމްދީނުގެ ދިދަޖެހި އަބްޠާލުންނަކީ ތިމަންމެންގެ ކާފައިންނާއި މާފައިންނޭ ބުނުމުގެ ފަޚުރު ލިބުމެވެ. އަހަރެން ޝާމްކަރައިގެ މައިދާނުން އެނބުރި އައުމުން އަހަރެން ޢިރާޤަށް ދޫކޮށްފައިދިޔަ ޤާފިލާ މަދާއިނަށްދާ މަގުގައި އެތައް މަންޒިލްތަކެއް ކުރިޔަށް ހިނގައްޖެކަން އެނގުމަށްވުރެ ބޮޑު އުފަލެއް އޮންނާނެހެއްޔެވެ؟ أميـرالمؤمنـين އަށް ޢިރާޤުގެ ޙާލަތު ވަންހަނާވެވަޑައިގެންފައެއް ނުވެއެވެ. އަހަންނަށް ޔަޤީނެވެ. أميـرالمؤمنـين ތިޔަބައިމީހުންނަށް އެހީފޮނުއްވުން ލަހެއް ނުކުރައްވާނެއެވެ. އަރަހުށި މާތް اللّـه ތިޔަބައިމީހުން ޙިމާޔަތްކުރައްވައި ނަޞްރުވެރި ކުރައްވާށިއެވެ."

خــالــد بــن الـوليـد رضـى اللّـه عنـــه އޭގެފަހުން ތިންވަނަޔަށްވީރޭގެ އިރާދަމު އެކަލޭގެފާނު ލަޝްކަރުގެ ތެރެއިން ހޮއްވަވައިލެއްވި ނުވަހާސް މުޖާހިދުންނާއިގެން ޢިރާޤުގައި ބާކީތިބި މުސްލިމް މުޖާހިދުންނަށް އަލްވަދާޢު ވިދާޅުވިއެވެ. مثــنّـى بــن حــارثـــة رضى اللّـه عنــه އެކަލޭގެފާނުގެ ނަންހުރި ޤާއިދުގެ އަރިހުގައި އެތައް ކޯހެއްގެ ދުރަށް ދަތުރުކުރެއްވިއެވެ. خــالــد ގެ ލަޝްކަރު ހީރަތުގެ ފެހިކުލައިގެ ސަރަޙައްދުން ނިކުމެ ސަމާވާގެ ތަނަވަސް ސަހަރާގެ ތެރެޔަށް ވަނުމުގެ ވަގުތު ޖެހުމުން އިސްލާމީ އުންމަތުގެ ލާމަސީލު ދެ ޖަނަރަލުން ކަމުގައިވާ خــالــد بــن الـوليـد އާއި مثــنّـى بــن حــارثـــة (رضى اللّـه عنــهما) އަސްމަތީން ފައިބައިވަޑައިގެން ބަޣަލްގީރު ކުރެއްވިއެވެ.

خــالــد بــن الـوليـد ވިދާޅުވިއެވެ. "مثــنّـى އެވެ. މާތް اللّـه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަރަށް އަވަހަށް އެނބުރި އަންނާނަމެވެ."

مثــنّـى ގެ މޫނުފުޅުމައްޗަށް ހިތާމަވެރި ހިނިތުންވެވަޑައިގަތުމެއް ވެރިވުމާއެކު ވިދާޅުވިއެވެ. މާތް اللّـه ކަލޭގެފާނު ރައްކާތެރި ކުރައްވާށިއެވެ." مثــنّـى އެހެން ވިދާޅުވެފައި އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ.

އިރުކޮޅެއްގެފަހުން مثــنّـى ހުންނެވީ ފަރުބަދައެއްގެ މަތީގައި އަސް މަޑުކުރައްވައިގެންނެވެ. خــالــد ގެ ލަޝްކަރު ސަމާވާގެ ބިޔަ ސަހަރާގެ ތެރެޔަށް އޮބައިލާ މަންޒަރު ބައްލަވާށެވެ. އެ ލަޝްކަރު ފަރުބަދަތަކާ އެޅި ނިވައިވުމާއެކު مثــنّـى ގެ ލޯފުޅުން ކަރުނަފޮދު އަތުވެއްޖެއެވެ. އެ ލޯފުޅަކީ މަރުގެ ސަކަރާތުގެ ބިރުވެރި މައިދާނުގައިވެސް މޫނުފުޅުމަތީގައި ހިނިފުޅުވެޑުވުމުގެ ނިގާބު އަޅުއްވަން އާދަވެފައިވާ ދެލޯފުޅެވެ. އެއީ އިންސާނީ މަތިވެރިކަމުގެ ނަމޫނާއަކަށް އަދާކުރެއްވި އެންމެފަހުގެ ވެދުމެވެ. އެއީ ޢަޒުމާއި، ހިންމަތާއި ޤުރްބާނީއާއި އިޚްލާޞްތެރިކަމުގެ މުޖައްސިމެއްގެ ލޯފުޅުން އިންސާނީ ތާރީޚުގެ މިސާލެއް ނުވާފަދަ ޖަނަރަލަކަށް އަދި އެހައިމެ މަތިވެރި ފާތިހަކަށް އަދާކުރެއްވި ލޯތްބާއި ކަމޭހިއްތެވުމުގެ އެންމެފަހުގެ ވެދުމެވެ. އެފަދަ މަތިވެރި ލޯތްބަކާއި ކަމޭހިއްތެވުމެއް އުފެދޭނީވެސް އެފަދަ ފުރިހަމަ ދެއިންސާނެއްގެ އެކުވެރިކަމުގެ ތެރެއިންނެވެ. މިއީ އެދެބޭކަލުންގެ އެންމެފަހުގެ ބައްދަލުވެވަޑައިގެންނެވުމެވެ. އެއަށްފަހު އެދެބޭކަލުންގެ ޙަޔާތްޕުޅުގެ މަގުވަނީ އަބަދަށްޓަކައި ދެކަފިވެފައެވެ.

(ނުނިމޭ)