މަޖިލިސް މެންބަރު އަލީ އާޒިމް

އާ ކަންތައްތަކާއެކު ނަމަވެސް މާލެ ހުޅުވާލަން ޖެހޭ، އެހެންނޫނީ ބޮޑެތި ދަތިތަކެއް ރައްޔިތުންނަށް ދިމާވެދާނެ: އާޒިމް

އިބްރާހިމް ޒަކީ

ކޮވިޑް 19 ގެ މިހާލަތުގައި އާ ކަންތައްތަކާއެކު ނަމަވެސް މާލެ ހުޅުވާލަންޖެހޭ ކަމަށާއި، އެހެންނޫނީ ބޮޑެތި ދަތިތަކެއް ރައްޔިތުންނަށް ދިމާވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅޭގިތުން ޖުޑީޝަރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޖުޑިޝަރީ ކޮމެޓީން ހުށަހެޅި ރެކޮމެންޑޭޝަންތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، މިވަގުތަކީ ކޯޓުތައް ބަންދުގައި އޮންނަންވީ ވަގުތު ނޫން ކަމަށެވެ.

"ކޮންމެ ދެހަފުތާއަކުން ސަރުކާރު ބަންދުވަމުންދާއިރު ރައްޔިތުންނަށް ދިމާވާ ވަރަށް ގިނަ ކަންތައްތައް އެބަހުރި، ބޮޑެތި ތަކުލީފު އުނދަގޫތައް އެބަހުރި ކޯޓާ ގުޅޭގޮތުން ހުރި ދަތިތައް ވަކިން ކުޑައެއްނޫން،" އަލީ އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯޓާ ނުލައި މިހާރު އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭ ކަމަށާއި އެކަމަށްޓަކައި ކޯޓުތައް ހުޅުވަން ޖެހޭ ކަމަށެވެ.

"ކޯޓާ ނުލައި މިހާރު ބެންކަކުން ލޯނެއް ހޯދުންވެސް، ކޯޓާނުލައި ސައިކަލެއް ރަޖިސްޓްރީކޮށްލުންވެސް ކޯޓާނުލައި ދެމަފިރިއެއް ވަރިވުންވެސް ކައިވެނި ކުރުންވެސް، މިހުންނަނީ ވަރަށް ދުރުގައި ހުރި ވަރަށް އުނދަގޫ ކަންތައްތައް،" އަލީ އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު ތިބެން ޖެހިފައި މިވާ ގޮތަށް ބަންދުގައި ތިބެން ވެއްޖެނަމަ، ދިމާވެފައިވާ މިރޯގާގެ ނުރައްކަލާ އެއްވަރުގެ ގެއްލުންތަކެއް ރައްޔިތުންނަށް ކުރިމަތިވެދާނެ ކަމަށެވެ.

އެހެންކަމުން ކޮންމެވެސް ވިސްނުމެއްގެ ތެރެއިން، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ގައިދުރުކޮށް މާސްކު އަޅައިގެން ނަމަވެސް ފިހާރަތަކާއި، އަސާސީ ހިދުމަތްދޭ ތަންތައް ހުޅުވާލައި މާލެ ހުޅުވާލަން ޖެހޭ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑް 19 ގެ ޓެގް ޓީމުގެ ޑޮކްޓަރުން ބުނާ ހަމައެކަނި ބުނުމަށް ކަންތައްތައް ކޮށްލައިގެން ތިބެވެން ނެތް ކަމަށެވެ.

މަގުމައްޗަށް ނިކުމެ އުޅެވޭނެ ގޮތެއް އެފަރާތްތަކުން ބުނެދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.