ރައްޔިތުންގެ މަޖިލިސް

ކައުންސެލަރުންގެ މުއްދަތު ދަންމާލަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފި

އިބްރާހިމް ޒަކީ

އަންނަ ޖޫން މަހުގެ 3 އަށް އިންތިހާބީ މުއްދަތު ހަމަވާ، ކައުންސިލަރުންގެ ދައުރު ދަންމާލަން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަލް ލަތީފު ރައްޔިތުންގެ މަޖިލީހުގެ މިއަދުުގެ ޖަލްސާއަށް ހުށަހެޅުއްވި އެބިލްގެ އިބްތިދާއީ ބަހުސް ނިމުމުން ބިލް މަޖިލީހަށް ބަަލައިގަތުމާބެހޭގޮތުން ނެގި ވޯޓުގައި ބިލް މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 53 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ބިލް ބަލައިގަންނަން ނުފެންނަ ކަމަަށް 6 މެންބަރުން ވޯޓު ދެއްވިއެވެ.

މި ބިލް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލް 2020" ގެ ނަމުގައި ހުށަހެޅި މި ބިލުގެ މަގުސަދަކީ މިދިޔަ އޭޕްރީލްމަހުގެ 4 ގައި ބާއްވަން ޖެހޭނެކަމަށް ގާނޫނުގައި ބުނާ، ލޯކަލް ކައުންސިލް އިންތިހާބު، ކޮވިޑް 19 އާ ގުޅިގެން ބޭއްވޭ ގޮތް ނުވުމާ ގުޅިގެން އެ އިންތިހާބުގެ ވޯޓުލުން އަހަރެއްހާ ދުވަހަށް ފަސްކޮށްފައިވާއިރު، މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އަންނަ ޖޫންމަހުގެ 3 އަށް ހަމަވާއިރު، ދިމާވާ ގާނޫނީ ހުސްކަން ފޫބެއްދުމަށެވެ.

މި ބިލްގައިވާގޮތުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ ދަށުން ބާއްވަން ޖެހޭ އިންތިހާބު ބާއްވައި ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން، މަގާމާ ހަވާލުވަންދެން މިގާނޫނަށް އަމަލުކުރަން ފަށާއިރު އިންތިިހާބު ކޮށްފައި ތިބި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެމީހުންގެ މަގާމުގައި ދެމި ތިބޭނެ ކަމަށެވެ.

ގާނޫނުއަސާސީގެ އަށްވަނަ ބާބާއި، ލޯކަލް ކައުންސިލްތަކުގެ ގާނޫނުން ކައުންސިލްތަކަށް ލިބޭ އެންމެހައި ބާރުތައް އެއްވެސް އިސްތިސްނާއެއް ނެތި އެކައުންސިލަރުންނަށް ލިބޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ ދަށުން ބާއްވަން ޖެހޭ އިންތިހާބު ބާއްވައި، އަލަށް އިންތިހާބު ކުރާ ކައުންސިލަރުން އެމީހުންގެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން މި ގާނޫނު އުވި މިހާރު ތިބި ކައުންސެލަރުންގެ މުއްދަތު ހަމަވާނެ އެވެ.