ރައްޔިތުންގެ މަޖިލިސް

ކައުންސިލަރުންގެ އުމުރު 3 ޖޫންއަށް ހަމަވިޔަސް، މަގާމުގައި ދެމި ތިބެވޭގޮތަށް ބިލް ހުށަހަޅައި ބަހުސްފަށައިފި

އިބްރާހިމް ޒަކީ

މިހާރު އިންތިހާބު ކޮށްފަިއވާ ކައުންސިލަރުންގެ އުމުރު 3 ޖޫންއަށް ހަމަވިޔަސް، އެ ކައުންސިލަރުން މަގާމުގައި ދެމި ތިބެވޭ ގޮތަށް، ހަދަން "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލް 2020" ހުށަހަޅައި މަޖިލީހުގައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަލް ލަތީފެވެ.

ބިލް ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، މިހާރު މިއޮތް ކޮވިޑް 19 ގެ ހާލަތާ ގުޅިގެން، އޭޕްރީލް 4 ގައި ބާއްވަން އޮތް ކައުންސިލް އިންތިހާބު ގެ ވޯޓުލުން ފަސްކޮށްފައިވާއިރު، މިހާރު ތިބި ކައުންސެލަރުންގެ ދައުރު، 3 ޖޫންއަށް ހަމަވާއިރު، ގާނޫނީ ހުސްކަމަކަށް ހިނގައިދާނެ ކަމަށެވެ.

އެހެންކަމުން އެފަދަ ހުސްކަމަކަށް ނުގޮސް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން މެނުވީ ނުހިންގޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާތީ އެކަން ކުރުމަށް ހުށަހަޅުއްވި ބިލެއް ކަމަށްވެސް ހަސަލް ލަތީފް ވިދާޅުވިއެވެ.

މި މިލުގައި ބުނެފައިވަނީ، ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ ދަށުން ބާއްވަން ޖެހޭ އިންތިހާބު ބާއްވައި ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން، މަގާމާ ހަވާލުވަންދެން މިގާނޫނަށް އަމަލުކުރަން ފަށާއއިރު އިންތިިހާބު ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެމީހުންގެ މަގާމުގައި ދެމި ތިބޭނެ ކަމަށެވެ.

ގާނޫނުއަސާސީގެ އަށްވަނަ ބާބާއި، ކޯކަލް ކައުންސިލްތަކުގެ ގާނޫނުން ކައުންސިލްތަކަށް ލިބޭ އެންމެހައި ބާރުތައް އެއްވެސް އިސްތިސްނާއެއް ނެތި އެކައުންސިލަރުންނަށް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ ދަށުން ބާއްވަން ޖެހޭ އިންތިހާބު ބާއްވައި، އަލަށް އިންތިހާބު ކުރާ ކައުންސިލަރުން އެމީހުންގެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން މި ގާނޫނު އުވި މިހާރު ތިބި ކައުންސެލަރުންގެ މުއްދަތު ހަމަވާނެ އެވެ.