އެންމެން އެކުގައި މަސައްކަތްކޮށްގެން ކާބަފައިން އިސްލާމްދީނާއި ގައުމިއްޔަތު ހިމާޔަތްކޮށްދިން ފަދައިން މިއަދުގެ ޖީލަށް ވެސް އެކަން ކޮށްދެވޭނެ ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މިއަދު ކުރިމަތިލާން މިޖެހެނީ 21 ވަނަ ގަރުނުގެ އުނދަގޫ، ދަތި މަގުތަކުގެ ތެރޭގައި ކަމަށާއި މިހާލަތުން އަރައިގަނެވޭނީ އަޅުގަނޑުމެންގެ ޒުވާނުން މަތިވެރިވެގެންވާ އިސްލާމްދީނުގެ ތަރުބިއްޔަތަކުން ތަރުބިއްޔަތުކޮށްގެން ކަމަށެވެ.
"ރިވެތި އަހުލާގު އެ ޒުވާނުންގެ ކިބައިގައި އަށަގަންނަވައިގެން. މިކަން ކުރެވޭނީ މުޅި ގައުމުގެ ސިޔާދަތު އެއްކޮށް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސްއާއި ކެބިނެޓް މިނިސްޓަރުންނާއި އަދި ގައުމުގެ ހުރިހާ މުއައްސަސާތަކާއި މައިންބަފައިންނާއި ހުރިހާ ރައްޔިތުން އެކު ގުޅި ލާމެހިގެން. އަޅުގަނޑުމެން އެއްކޮށް މަސައްކަތްކޮށްފި ނަމަ، މީގެ ކުރީގައި ވެސް އަޅުގަނޑުމެންގެ ކާބަފައިން އިސްލާމްދީނާއި ގައުމިއްޔަތު ހިމާޔަތްކޮށްދިން ފަދައިން އަޅުގަނޑުމެންނަށް ވެސް އެކަން ކުރެވޭނެ. ﷲގެ ރަހުމަތާއި މިންވަރުފުޅާ އެކުގައި އަޅުގަނޑުމެންގެ ގައުމު ދެން އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންނަށް ވާސިލްކޮށްދެވޭނެ،" އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ދިވެހި ގައުމިއްޔަތާއި އިސްލާމްދީނަށް ގޮންޖެހުން ކުރިމަތިވި ކޮންމެ ހިނދެއްގައި އިލާހުގެ ރަހުމަތާއެކުގައި، ދިވެހިންގެ ސާބިތުކަމާއި ހިތްވަރާއި ހިކުމަތްތެރިކަމާއި އަޒުމުން ކަމަށާއި މި ޖީލުގެ އެންމެ މުހިންމު ޒިންމާއެއް ކަމުގައިވަނީ އަންނަން އޮތް ޖީލުތަކަށް ދިވެހި ގައުމިއްޔަތާއި އިސްލާމްވަންތަކަމާއި ރިވެތި އަހުލާގު ފޯރުކޮށްދިނުން ކަމަށެވެ.
"މި މަސައްކަތަކީ އަބަދުވެސް ބޮޑު މަސައްކަތެއް. ބޮޑު ޒިންމާއެއް، ބޮޑު އަމާނާތެއް. އެކަމުގައި ހުރި ގޮންޖެހުންތަކަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިން ދަސްކޮށް، އިބުރަތް ލިބިގަންނަން ހުރި ކަންތައްތަކެއް. މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ގޮންޖެހުންތަކަކީ ބަނަވެފައިވާ ދުނިޔޭގައި ހިނގާ އޮއިވަރުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާން ޖީލަށް ނުބައި ނުރައްކާތެރި އަސަރުތަކެއް ކޮށްފައި،" އޭނާ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ ރަނގަޅު ސޯލިހު ވެރިކަމަކީ އެގައުމެއްގެ ރައްކާތެރިކަމާއި އަމާންކަމުގެ ސުލްހައިގެ އެންމެ މަތިވެރި އެއް ބަހާ ކަމަށާއި އެހެންނަމަވެސް އެއީ މުޅި ރައްޔިތުން ޝާމިލްވެގެންދާ ގޮތަށް ކަމަށެވެ.