މެންބަރު އަހުމަދު ސިޔާމު މުހައްމަދު

ހަސަދަވެރީން ދީނީ ވަހުދަތާ ކުޅެ ފިތުނަ ކުރުވަން އުޅޭނެކަން ދަނެ، ފިސާރި ސާބިތުވެ ތިބެންޖެހޭ: ސިޔާމް

1

ހަސަދަވެރީން ދީނީ ވަހުދަތާ ކުޅެ ފިތުނަ ކުރުވަން އުޅޭނެކަން ދަނެ، ފިސާރި ސާބިތުވެ ތިބެން ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ސިޔާމް ނެރުއްވި ހިޠާބުގައި ވިދާޅުވީ 890 އަހަރަށް ވުރެ ދިގު ތާރީހެއް އިސްލާމްކަންމަތީ ރާއްޖެ ތަޖުރިބާ ކުރި ނަމަވެސް މިހާތަނަށް އަދި މިއަދާ ހަމައަށް ވެސް ﷲގެ މިމާތް ސަމާހަތުގެ މިދީނުގައި ސިލްމާ ސަލާމަތުގައި މިތިބީ ވަށައިގެންވާ ބައުންޑަރީތައް ވަރުގަދަ ކަމަށް ދެކިގެން ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް ކިރިޔާވެސް ސަލާމަތެއް އޮތީ ހަމަ ﷲގެ މަގުގައި ސާބިވެ ތިބުމަށް ގަދައަޅާ މަސައްކަތް ކުރެވުނު މިންވަރުކުންކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހެއެވެ. މިކަން ކުރެވޭނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން އިސްލާމީ ވަހުދަތު ދޫކޮށްނުލައި އެ މާތް ދީނުގައި ސާބިތުވެ ތިބެގެން ކަމަށާއި، ބައިބައިވުމަށް ގައުމުގައި ޖާގަދެވޭނަމަ ފިތުނައިން ހަސަދަވެރިން ޖާގަ ހޯދައި، އެ ހޯދާ ޖާގައިން އަޅުގަނޑުމެންގެ ދީނީ ވަހުދަތާ ކުޅެ އަޅުގަނޑުމެން ފިތުނަ ކުރުވާނޭކަން ގަބޫލުކުރުންމަތީ ފިސާރި ސާބިތުވެ ތިއްބެވުމަށް ވެސް މިފަދަ ދުވަހެއްގައި އަޅުގަނޑު ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް ނަސޭހަތްތެރިވެ އިލްތިމާސްކުރަމެވެ..،" ސިޔާމްގެ ހިޠާބުގައި ވިދާޅުވިއެވެ.

އެމްޑީއޭގެ ލީޑަރު ސިޔާމް ވިދާޅުވީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މުޅި ދުނިޔޭގައި ވެސް އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް އިންތިޒާމުވެ ހިނގަމުންދާ ކަމަށާއި އެކަންކަމުގެ އަސަރުތައް ދިވެހިންނާ ހަމައަށް ވެސް ތަފާތު ގޮތްގޮތަށް ކުރާނެކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ.

"މި ފިކުރުތަކުން ސަލާމަތްވުމަށް އަޅުގަނޑުމެންނަށް ކުރެވެން އޮތީ ކިތަންމެ ކުޑަކަމެއް ކަމުގައިވީ ނަމަވެސް، އެކަމެއް މާތްވެގެންވާ އިސްލާމްދީނުގެ ހައްގުގައި ކުރުމަކީ މިއަދު އަޅުގަނޑުމެންގެ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ހައްގަކަށް ވާނެ ކަމެއްކަން ގަބޫލު ކުރެއްވުމުގެ އަޒުމު އާކޮށް މިކަންކަމުގެ މައްޗަށް ފާރަވެރިވެ ތިބުމަށް ވެސް އަޅުގަނޑު ދިވެހި ލޮބުވެތި އެންމެހައި އުހުތުންނާއި، އަހުންނަށް އިލްތިމާސް ކުރަމެވެ..،" ސިޔާމްގެ ހިޠާބުގައި ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ "މިފަދަ ދުވަހެއްގެ ޒިކުރާ އާކުރާއިރު ހަނދާނަށް ގެންނަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު އެއް ރުކުން ކަމުގައިވާ އިސްލާމްދީން މިވެށީގައި ތާއަބަދަށް ބޭއްވުމަށް ގެންގުޅެންވީ ކޮން ވިސްނުމެއްތޯ؟،" އެ ސުވާލަށް މިއަދުވެސް މާދަމާވެސް ދޭނީ ކޮން ޖަވާބެއްތޯ އުފައްދާ ސުވާލު ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟