ދިވެހިންނަކީ އަބަދުވެސް އެއްބައިވަންތަ، އެއްބައެއް ވަންތަ ބައެކެވެ. އެކަމަށް ތާހީރުގެ ރަން ސަފުހާތައް ހެކިދެއެވެ. ކޮލެރާގެ ދުވަސްވަރު ރާއްޖޭގެ ރައްޔިތުން ދެއްކި އެއްބައިވަންތަ ކަމާއި، އޭގެ ފަހުން 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ވަގުތުގައި ދިވެހިން ދެއްކި ނަމޫނާ މިއަދުވެސް އެހުރީ ހާމައަށް ފެންނާށެވެ. ތަނަވަސް މީހާ ނިކަމެތި މީހާއަށް އެހީތެރިވެދިނެވެ. ފައިދާއަށް ބެލުމެއް ނެތި ވިޔަފާރިވެރިން އެމީހުންގެ ފިހާރަތަައް ހުސްކޮށްލީ ރައްޔިތުންގެ ހައްގުގައެވެ. އުނުއޮރިޔާން ނިވާކުރާނެ ފަދައެއްވެސް ނެތި ބިކަވެފައި ތިބި މީހުންނާއި، ކާއެތިކޮޅެއް ނުލިބި ބަނޑަށް ޖެހިފައިވާ މީހުންގެ މޫނުމައްޗަށް އެހީތެރިކަމުގެ އަތްތަކުން އުޖާލާކަން ގެނެސްދިނެވެ.
މިއަދު އަނެއްކާ ވެސް މިވަނީ ދިވެހިންގެ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ދައްކަންވީ ވަގުތު ޖެހިފައެވެ. ޗައިނާގެ މައި ދޮރާށިން ނުކުމެ، އެތައް ގައުމެއްގެ އިގްތިސާދު ފުނޑާލަމުން މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް 19ގެ ތޫފާން އައިސް މިވަނީ އަޅުގަނޑުމެންގެ ރާއްޖެއަށް ވެސް ޖެހިފައެވެ. ތޫފާނުގެ ގަދަ ވަޔާއެކު، ރާއްޖޭގެ އިގްތިސާދު މުލުން ލުހިއްޖެއެވެ. ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓިއްޖެއެވެ. އެތައް ކުންފުންޏެއް ބަނގުރޫޓުވެ، އެތައް މުވައްޒަފުންނެއްގެ ވަޒީފާ ގެއްލި، މުސާރަތައް ކުޑަކުރަން މަޖުބޫރުވެ އިގްތިސާދީ ބޮޑު ކާރިސާއެއް ގައުމަށް ކުރިމަތިވެއްޖެއެވެ.
ވެރިރަށް މާލޭގައި ކޮވިޑް 19 ފެތުރެން ފެށި ފަހުން މާލެ ލޮކްޑައުންކުރިއެވެ. އޭގެ ފަހުން އަތޮޅުތެރެއަށް ބަލީގެ ނުރައްކާ އޮތުމުން، މުޅި ރާއްޖެ ލޮކްޑައުންކޮށް، ހާއްސަ ހާލަތްތަތަކުގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދިއުން މަނާކުރިއެވެ. މާލެ ލޮކްޑައުންކުރުމާއެކު، އެތައް ބަޔަކު ހާލުގައި ޖެހިއްޖެއެވެ. އެކި ބޭނުންތަކަށް މާލެ އައިސް ތިބި އެތައް ބަޔަކު މަގުމަތިވެއްޖެއެވެ. އިގްތިސާދަށް އައި ހީނަރުކަމުގެ ސަބަބުން އަތުގައި ހުރި ފައިސާކޮޅުވެސް ހުސްވެ، އެތައް ބަޔަކު ގޮތް ހުސްވެ، ހަތަރުއުދަރެސް ފެނުޖެހިއްޖެއެވެ. ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހުނު މީހުންގެ އަދަދުވެސް ވަކި މަދެއް ނޫނެވެ. ބައެއް ކަހަލަގެ ޒަރޫރީ ތަކެތި ނުގަނެވި، އަނެކުންގެ އެހީއަށް އެދުނު އާއިލާތައްވެސް ބައިވަރެވެ.
މިއީ އެންމެންނަށްވެސް އުނދަގޫ ހާލަތެކެވެ. ސަރުކާރުން އަންނަނީ ކޮވިޑުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނާއި، އާންމު ރައްޔިތުމީހާއަށް ވީހާވެސް ލުއި ގޮތަކަށް ކަންކަން ކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސަރުކާރަށްވެސް އެންމެ ރަނގަޅަށް ހުރިހާ ކަމެއް ނުކޮށްދެވޭނެކަން ގަބޫލު ކުރަން ޖެހެއެވެ. އެހެންކަމުން މިއީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދީ ދީލަތިކަމާއި އިހްސާންތެރިކަން އިސްކުރަންވީ ވަގުތެވެ. ގެތަކުގެ ކުލި ކުޑަކުރަންވީ ވަގުތަކީ މިއީއެވެ. ފޯރާ މީހުން ނުފޯރާ މީހުންނަށް އެހީތެރިވާންވީ ވަގުތަކީ މިއީއެވެ. ތިމާއަށް ވީވަރަކުން އަނެކާގެ ބޭނުންތައް ފުއްދައިދޭންވީ ވަގުތަކީވެސް މިއީއެވެ. މިއީ މުދާވެރިޔާ މުދަލުގެ އަގު ހެޔޮކޮށް ވިއްކަން ވީ ވަގުތެވެ. ތަދު ތަކެތި އަގުބޮޑުކޮށް، ވިއްކުމުގެ ބަދަލުގައި، ވިޔަފާރިއަށް ގެއްލުން ނުވާހެން ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ތަކެތި ވިއްކަން ޖެހޭ ވަގުތަކީ މިއީއެވެ. އިހުގެ ދިވެހިން ދެއްކި އެއްބައިވަންތަ ކަމުގެ ރޫހު މިއަދުވެސް ދައްކަން އެބަޖެހެއެވެ. އެހިތްވަރާއި، އެއްބަނޑުއެއްބަފާކަން މިއަދުވެސް ދަމަހައްޓަން އެބަޖެހެއެވެ.
އުފާކުރަން ޖެހޭ ކަމަކީ، މިފަދަ އުނދަގޫ ހާލަތެއްގައިވެސް އެމީހަކަށް ވީވަރަކުން ބައެއް މީހުން އެހީތެރިކަން ފޯރުކޮށްދީފައިވާތީއެވެ. ގެދޮރުވެރިންގެ ތެރެއިން ބައެއް މީހުން ވަނީ ކުލިތަކުން ބައެއް އުނިކޮށްދީފައެވެ. ބައެއް ވިޔަފާރިވެރިން ވަނީ ހިލޭވެސް ބައެއް މުދާ ރައްޔިތުންނަށް ފޯރުކޮށްދީފައެވެ. ފޭސްމާސްކާއި، އެނޫންވެސް ރައްކާތެރިކަމުގެ އާލާތްތައް ހިލޭ ފޯރުކޮށްދިނެވެ. މިއީ ދިވެހިންގެ ދީލަތިކަމާއި އެކުވެރިކަމުގެ ރޫހަށް އަދިވެސް ބަދަލެއް ނާންނަ ކަމުގެ ހެއްކެކެވެ.
ކޮވިޑަށް މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާއިރު، އެބަލިން ރައްކާތެރިވުމަށް ހެދޭނެ މާ މޮޅު "ފަންޑިތަ"އެއް ނެތެވެ. އޮތް ހަމައެކަނި ފަރުވާއަކީ ސިއްހީ މާހިރުން ދޭ އިރުޝާދުތަކަށް ބޯލަނބައިގެން ގޭގައި ތިބުމެވެ. އާންމު ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަން ދިނުމެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުންނަމަ މި ބަލިން އަރައިގަނެވޭނީ ގައުމެއްގެ ގޮތުގައި އެންމެން އެކުގައި މަސައްކަތް ކޮށްގެންނެވެ. އެކަކު އަނެކަކަށް އެހީތެރިވެ، ފަރުދީ ޒިންމާ އަދާކޮށްގެނެވެ.