ފީޗާރޑް

ކޮވިޑާ ގުޅިގެން އިންޑޮނޭޝިއާގައި ތާށިވި 18 ދިވެހިން ރާއްޖެ އައުމަށްކުރި ދިގު އަދި އުނދަގޫ ދަތުރު

މުހައްމަދު ސިމާއު

6

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ފަޔާ ފައިޓަރުންގެ ގޮތުގައި މަސައްކަތްކުރާ 18 މުވައްޒަފުން ތަމްރީނަކަށް އިންޑޮނޭޝިއާއަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. ސީނުކަރައިން ބަލިމަޑުކަމުގެ ބޯވިލާގަނޑެއް ނަގައި މުޅި ދުނިޔެ މިފަދައިން ބަނަކޮށްލާނެކަން އޭރު ހިޔާލަށް ވެސް ގެންނާން އެނގޭނީ ކާކަށް ހެއްޔެވެ؟ އެންމެން ވެސް ތިބީ ދެކުނު ސުމަތުރާގެ ވެރިރަށް ޕަލަމްބާގުގައި ހުންނަ ޕޮލިޓެކްނިކް ޕެނާބަންގަން އިންސްޓިޓިއުޓަށް ހަދަން ދިޔަ ތަމްރީނު ނިންމައި އޭޕްރިލް މަހުގެ ފަހުކޮޅު މާލެ އާދެވޭނެކަމުގެ އުންމީދުގައެވެ. ރޯދައަށް އާއިލާއާއެކު ތިބެވޭނެކަމުގެ އުފަލުގައެވެ.

ނަމަވެސް ބަލިމަޑިކަމުގެ ވިލާގަނޑުގައި ޖެހި އިންޑޮނޭޝިއާގައި ވެސް ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެން ފެށިއެވެ. މުޅި ގައުމު ފުރަބަންދުކުރިއެވެ. ކޮޅެއް މެދެއް ފެންނަން ނެތް ބަލިމަޑުކަމުގައި ތިބެން ޖެހޭނީ ކިހާ ދުވަހަށްކަން ނޭނގި ހާލަތު ދިޔައީ ގޯސްވަމުންނެވެ. ނާއުންމީދުގެ އިންތިހާގައި ތިބެގެން އޭރުވެސް އެމީހުން ދިޔައީ އެނބުރި ގައުމަށް އާދެވޭނެ ގޮތެއް ވޭތޯ ބަލަމުންނެވެ. ޖޫން މަހުގެ ނިޔަލަށް ފުރަބަންދު އިތުރުކޮށް، ދަތުރުފަތުރުތައް ހުއްޓުނެވެ. ހުރިހާ މަގެއް ބަންދުވިއެވެ. އެންމެ ފަހުން ހާލުގައި ޖެހި ސަރުކާރުގެ އެހީއަށް އެދެން މަޖުބޫރު ވިއެވެ.

އޭރުވެސް ސަރުކާރުން އުޅުނީ ކޮވިޑާ ގުޅިގެން އެކި ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމުގައި އަވަދިނެތިއެވެ. އިންޑޮނޭޝިއާގައި ދިވެހި އެމްބަސީއެއް ނެތުމުން މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނާ ގުޅިގެން ކުރި މަސައްކަތުން އަލިމަގަކަށް ފެނުނީ އިންޑޮނޭޝިއާގެ ޖަކާޓާއިން ރާއްޖެއަށް އަންނަން އޮތް ފްލައިޓެކެވެ. އެއީ ލަންކާ އާއި ރާއްޖޭގައި ތިބި އެގައުމުގެ ރައްޔިތުން ބަލައި ފޮނުވަން ހަމަޖައްސާފައި އޮތް ފްލައިޓެކެވެ. ނަމަވެސް އެގައުމުގެ އެތެރޭގެ އުދުހުންތަކާއި އެއްގަމު ދަތުރުފަތުރު އޮތީ ހުއްޓިފައެވެ. ދެން ހުރަސްކުރަން ޖެހުނީ ގޮންޖެހުން ބޮޑު ދިގު ދަތުރެކެވެ.

24 ގަޑިއިރުގެ ދިގު ދަތުރެއް، ހުއްދަ ދިނީ އެންމެން ވެސް ނެގެޓިވްވުމުން

ޑޮމެސްޓިކް ފްލައިޓެއްގައި ޕަލަމްބާގުން ޖަކާޓާއަށް އަށް ދިއުމަށް އާންމު ގޮތެއްގައި ހޭދަވަނީ ގާތްގަނޑަކަށް ގަޑިއިރެކެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު 18 ފަޔާ ފައިޓަރުންނަށް ޖަކާޓާއަށް ދެވުނީ 24 ގަޑިއިރުގެ ދިގު އުދަނގޫ ދަތުރެއް ކޮށްފައެވެ.

އޭޕްރިލް 25 ވަނަ ދުވަހު އިންޑޮނޭޝިއާގެ ގަރޫޑާ އެއާލައިންސްގެ ޗާޓަރު ފްލައިޓެއް ރާއްޖެއަށް އަޅަން އޮތްކަން ސަރުކާރަށް އެނގުމާއެކު އިންޑޮނޭޝިއާގައި ތިބި ކުދިން ގެނައުމުގެ މަސައްކަތް ފެށިއެވެ. ފްލައިޓު ފުރަން އޮތީ މެއި މަހުގެ ދެވަނަ ދުވަހުއެވެ. ހުރި ގޮންޖެހުންތަކާއެކު ވެސް އިންޑޮނޭޝިއާގެ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނަގައި ދަތުރު ރާވަން ފެށިއެވެ. މިކަންކަމުގައި އިސްކޮށް އުޅުނީ މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުންނެވެ.

އެގޮތުން ކޮވިޑަށް ޓެސްޓުކޮށްގެން ނޫނީ ދަތުރު ނުކުރުމަށް އެދުމުން ޕަލަމްބާގުގައި ހުންނަ ހޮސްޕިޓަލަކުން ޓެސްޓު ވެސް ހެދިއެވެ. ނަސީބަކުން އެންމެންގެ ނަތީޖާ ވެސް ނެގެޓިވްއެވެ. އިންސްޓިޓިއުޓުން ޗާޓަރު ބަހެއްގައި 18 މީހުން ދަތުރުފެށީ އޭޕްރިލް 30 ވަނަ ދުވަހު ރާއްޖޭ ގަޑިން ހަވީރު 4:00 ޖެހި އިރުއެވެ. އެއީ 411 ކިލޯ މީޓަރު ދުރުގައި އޮންނަ ބަކައުހެނީ ޕޯޓަށް ދިއުމަށެވެ. ހަ ގަޑިއިރުގެ ދިގު ދަތުރެއްކަމުން ރޯދަ ވީއްލަން ވެސް ޖެހުނީ ގެނެވުނު މަދު ކާއެތިކޮޅުން ބަސް ތެރޭގައެވެ.

ލޮކްޑައުންއާ ގުޅިގެން މަގުތައް ފަޅުވެފައި އަމާންވެފައި އޮތުމުން މާބޮޑު ދައްޗެއް ނެތި މަންޒިލަށް ވާސިލުވާނެ ކަމަށް ހީކުރެވުނަސް އެކަންވީ ކުށްހީއަކަށެވެ. ސެކިއުރިޓީ ބަލަހައްޓާ ގިނަ ޗެކްޕޮއިންޓުތަކަށް ބަސް ހުއްޓަން ޖެހުނެވެ. އެކި ސިޓީތަކުގައި އެކި ގަވާއިދު އޮތުމުން ބައެއް ޕޮއިންޓުތަކުގައި އެތައް އިރަކު ތިބެންޖެހުނެވެ. ނަމަވެސް ރާއްޖެ ގަޑިން ރޭގަނޑު 12:00 ޖެހިއިރު ދަތުރުގެ ބައިވެރިން ތިބީ ޕޯޓުގައެވެ.

ބޯ ވިއްސާރައިގައި ހަ ގަޑިއިރު ތިބެންޖެހުނު، ހުރަސް ކުރަންޖެހުނީ ގަދަ ކަނޑެއް

ޖަކާޓާއަށް ދިއުމަށް ދެން ހުރަސްކުރަން އޮތީ މާ ކަނޑެކެވެ. އެއީ ބަކައުހެނީ ޕޯޓުން މެރާކް ޕޯޓަށް ދިއުމަށެވެ. އެކަމަށްޓަކައި ސަރުކާރުން އޮތީ ފެރީގެ ހިދުމަތް ވެސް ހަމަޖައްސައިފައެވެ. އެއީ ވެހިކަލް އަރުވައިގެން ދަތުރުކުރެވޭ ފެރީއެއް ކަމުން، 18 ބައިވެރިންނާއި ވޭން ވެސް މެރާކަށް ގެންދިއުމަށް އޮތީ ހުއްދަ ދީފައެވެ. އެއީ މެރާކް ޕޯޓުން ވެހިކަލެއް ލިބުމުގައި ދަތިތަކެއް ދިމާވެދާނެތީއެވެ. ނަމަވެސް ލޮކްޑައުންއާ ގުޅިގެން ފެރީއަށް ބަސް އެރުވުމަށް މެރާކް ޕޯޓުން ދެކޮޅު ހަދަންފެށިއެވެ.

ހުއްދަ ނުލިބުމުން، ވެހެމުންދިޔަ ބޯ ވިއްސާރައިގައި ދަތުރުގެ ބައިވެރިން ޕޯޓުގައި ތާށިވިއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ނުތަނަވަސްކަން ވެރިވިއެވެ. ކަންދިމާކުރި ގޮތުން ދަތުރުގެ ބައިވެރިން ހާރު ކާން ޖެހުނީ ވެސް ކަޕް ނޫޑުލިސްއަކުންނެވެ.

ކަންކަން ހަމަޔަކަށް އެޅުވުމަށް އޭރުވެސް މެލޭޝިއާ ހައިކޮމިޝަނުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އިންޑޮނޭޝިއާގެ ފޮރިން މިނިސްޓްރީން ޕޯޓަށް ގުޅުމުން ވެސް ފެރީއަށް ބަސް އެރުވުމަށް ހުއްދައެއް ނުދިނެވެ. ނަމަވެސް އުންމީދު ކަނޑާނުލައި އެހެން ގޮތް ގޮތުން ވެސް ހުއްދަ ލިބޭތޯ ހައި ކޮމިޝަނުން މަސައްކަތްކުރިއެވެ.

ފެރީއަށް ބަސް އަރުވައިގެން ދަތުރުގެ ބައިވެރިން މެރާކްއަށް ދިއުމުގެ ހުއްދަ ލިބުނީ ޕޯޓުގައި ތާށިވެފައި ތިބިތާ ހަ ގަޑިއިރު ފަހުންނެވެ. އޭރު ރާއްޖެ ގަޑިން ފަތިހު 5:00 ޖަހައި އަލިވިލެނީއެވެ. އެއީވެސް އަމާން ދަތުރެއް ނޫނެވެ. ކުރަމުންދިޔަ ވިއްސާރައާއި ކަނޑު ގަދަކަމުންނެވެ. އޮންނަ އުސޫލުގެ ދަށުން ފެރީއަށް ވެހިކަލެއް އަރުވައިފިނަމަ އެ އުޅަނދެއްގެ އިންޖީނު ނިއްވާލަންޖެހެއެވެ. އެހެންކަމުން 18 މީހުން ބަސް ތެރޭގައި ތިބެން ޖެހުނީ ބަހުގެ އޭސީ ނިއްވާލައިގެން ހޫނުގައެވެ. މި ދަތިތަކާއެކު ފެރީގައި ބަކައުހެނީ ޕޯޓުން މެރާކް ޕޯޓަށް ދެވުނީ އެއްގަޑިއިރުގެ ދަތުރަކަށްފަހުއެވެ.

ރާއްޖެއިން ކީ ހޫނު މަރުހަބާއެއް، ފޮރިން މިނިސްޓްރީއާ އެމްބަސީގެ ސްޓާފުން ނުނިދާ

މެރާކް ޕޯޓުން ދަތުރުގެ ބައިވެރިން ދެން މިސްރާބު ޖެހީ ޗާޓަރު ފްލައިޓު ފުރުމަށް ހަމަޖެހިފައި އޮތް ސޮއެކާނޯ ހަޓާ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ހުންނަ ޕޮޕް ހޮޓެލަށް ދިއުމަށެވެ. އަރާމުކޮށްލައި ތާޒާ ވެލުމަށެވެ. އެތަނުގައި ތިބެފައި ދަތުރުގެ ބައިވެރިން އެއާޕޯޓަށް ދިޔައީ ރާއްޖެ ގަޑިން 4:15 ހާއިރުއެވެ. އަދި 18 ބައިވެރިންނާއެކު ގަރޫޑާ ފްލައިޓު ކޮލަމްބޯއަށް ދަތުރު ފެށީ އޭގެ ގަޑިއިރެއް ފަހުންނެވެ.

ހަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ފަޔާ ފައިޓަރުން ގޮވައިގެން ރާއްޖެ އައި ފްލައިޓު އެމީހުން މަސައްކަތްކުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސިއެވެ. އެވަގުތު އެކުގައި މަސައްކަތްކުރާ އެކުވެރިން ތިބީ އެމީހުންގެ އިސްތިގުބާލުގައެވެ. ފަޔާ ފައިޓަރުންގެ ޔުނީފޯމުގައި ބައިވެރިންނަށް އެރުވީ ކުރުނީހެކެވެ.

މިއީ މި 18 ބައިވެރިންނަށް އުދަނގޫ ދިގު ދަތުރެއް ނަމަވެސް ދަތުރު އިންތިޒާމް ކުރުމުގައި މެލޭޝިއާ ހައި ކޮމިޝަންގެ ފަރާތުން އެންމެ ބުރަކޮށް އުޅުއްވި ބަދްރުއްދީން ވިދާޅުވި ގޮތުގައި، ދަތުރުގެ ބައިވެރިންގެ ހުރިހާ ކަމެއް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މެލޭޝިއާގެ ސަފީރު ވިސާމް އަލީ ގެންދެވީ ވަރަށް ގާތުން ބައްލަވަމުންނެވެ. އަދި ކޮންމެ ދެ ގަޑިއިރަކުން އެކަމުގެ މައުލޫމާތު އެބޭފުޅުންނަށް ހިއްސާ ކުރައްވަމުން ގެންދެވިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެކަމުގައި މެލޭޝިއާގެ ހައި ކޮމިޝަނާއި ފޮރިން މިނިސްޓްރީގެ މުވައްޒަފުން ތިން ދުވަސް ވަންދެން ރެޔާއި ދުވާލު މަސައްކަތް ކުރެއްވިއެވެ. އެބޭފުޅުންގެ އެންމެ މުހިންމު ކަމަކަށް ވެފައި އޮތީ ދިވެހިން އަމިއްލަ ވަޒަނަށް ގެނެސްދިނުމެވެ.