މުހައްމަދު އައުޒަމް
ދިވެހި މުޖުތަމައިން ކޮރަޕްޝަން ނައްތާލުމަކީ ދިވެހިން މިއަދު ކަނޑައަޅަންޖެހޭ ގައުމީ ލަނޑުދަނޑިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ އެންޓިކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައެވެ.
މިހިތާބުގައި ގާސިމް ވިދާޅުވީ ކޮރަޕްޝަނަކީ ހުރިހާ މުޖުތަމައުއެއްގެ ތެރެއަށް އޭގެ ނުބައި އަސަރު ފެތުރި މޫލައިފައިވާ އެ ނުބައި ވަބާއިން މުޖުތަމައުތައް ސަލާމަތްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންގެންދާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީވެސް އެއީ ކަމުގައި ދެކޭ ކަމަށް ވިދާޅުވިއެވެ.
ގާސިމްގެ ހިތާބުގައި ވިދާޅުވީ މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ސަމާލުކަންދޭންވީ ކަމަކީ ކޮރަޕްޝަންގެ ނުބައި އަމަލު މި ދިވެހި މުޖުތަމައުގައި ފެތުރެމުންދާ ސަބަބުތަށް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުން ކަމަށެވެ. އަދި ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވެސް ދެފުށްފެންނަ ގޮތަށް އެކަމުގެ ސައްހަ މައުލޫމަތު ރަނގަޅުގޮތުގައި ފޯރުކޮށްދެވިގެން ދިއުމަކީ އެފަދަ ކަންތަކުގެ ތެރެއިން ކޮރަޕްޝަން މަދުކުރެވި ރައްޔިތުންގެ އިތުބާރު ލިބޭނެކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ތަރައްގީއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ކޮރަޕްޝަންގެ އަމަލު ކަމަށާއި ގައުމުގެ ފުދުންތެރިކަން ހަމަހަމައަށް ރައްޔިތުންނަށް ފޯރުކޮށްނުދެވޭ މައިގަނޑު ސަބަބަކީވެސް ކޮރަޕްޝަން ކަމަށާއި މިވަބާ އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާލެއް ބޮޑުކަމަށް ވެސް ހިތާބުގައި ބުނެފައިވެއެވެ.
"ކޮރަޕްޝަންގެ މި ނުބައި އަމަލު ހިންގާ ފަރާތްތަކާއި މިކަމަށް އެއްބާރުލުންދޭ ފަރާތުގެ މައްސަލަތަށް އެއްވެސް އިސްތިސްނާއެއް ނެތި ބަލައި ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅައި، ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރަންޖެހޭ ފަރާތްތަށް ހާޒިރުކުރުވައި، ކަނޑައެޅިފައިވާ ހައްގު އަދަބުދީގެން ނޫނީ މިނުބައި ވަބާއިން އަޅުގަނޑުމެންގެ މި ކުޑަކުޑަ ގައުމުވެސް ސަލާމަތް ކުރެވެން އޮތް ކަމަށް ނުދެކެން..،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ހިތާބު ނިންމާލައްވަމުން ގާސިމް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ގައުމީ ފެންވަރެއްގައި ކުރަމުންގެންދާ ބުރަ ބޮޑު މަސައްކަތް ފާހަގަކޮށް ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވައިފައެވެ.