ރިޕޯޓް

ކޮވިޑް ޖެހުނު ބައްޕަ ހޮސްޕިޓަލުން ގެޔަށް ފޮނުވައިލީ އުއްމީދު ކަނޑާލާފައި، ގޭގައި ބާއްވައިގެން ސަލާމަތްކުރީ ދަރިފުޅު

މިންހާ ފާއިޒް ރަޝާދު

އިނގެރޭސި ވިލާތުގައި ދިރިއުޅޭ، އިންޑިއާގެ ރައްޔިތެއްކަމަށްވާ ސޫރްޔަކާންތު (ސޫރްޔާ) 81، ހޮސްޕިޓަލުން ގެއަށް ދިޔަގޮތަށް، ދަރިފުޅު އަތުގައި ހިފައި މަރުވާން ގޭގައި ބާއްވައިދޭން އެދި ރޮއިގަތެވެ.

"ބައްޕަ ބުނީ ވައުދުވާށޭ، މަރުވަންޏާ ވާނީ ގޭގައޭ، ދެން އަނބުރާ ހޮސްޕިޓަލަށް ނުފޮނުވާށޭ" ސޫރްޔާގެ ދަރިފުޅު ރާޖް ނަތުވާނީ ބުންޏެވެ.

ބައްޕަގެ އުމުރުގެ ގޮތުންނާއި އެހެން ބަލިތައްވެސް ހުރުމުން، ކޮވިޑް19އިން ބައްޕަ ސަލާމަތްވާނެ ކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާލި ނަމަވެސް ދަރިފުޅު ރާޖް ހުރީ އެ އުންމީދު ދޫކޮށްލަން ތައްޔާރަކަށް ނޫނެވެ.

55 އަހަރުގެ ރާޖް ވަނީ ޖެނުއަރީ މަހުން ފެށިގެން ކޮވިޑް19 ގެ އެކި މައުލުމާތުތައް ހޯދަން ފަށާފައެވެ. އެގޮތުން ނޫސްތައް ކިޔައި އެކި ދިރާސާތައްކޮށް ބަލައި ގައުމުތަކުން އަޅާ ފިޔަވަޅުތަކާއި މީހުން މަރުވާ ސަބަބުތައް ދެނެގަނެ އޭގެ ތެރެއަށް ހުރީ މުޅިން ވަދެފައެވެ.

ސޫރްޔާގެ އާއިލީ ޑޮކްޓަރު ބާރަތު ތާކަރުވެސް ވަނީ ސޫރްޔާ ރަނގަޅުވާނެ ކަމުގެ އުންމީދު ނެތްކަމަށް ބުނެފައެވެ.

ކޮވިޑް19 ޖެހި ދުނިޔޭގެ 230،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ރަސްމީކޮށް އެނގެން އޮންނަ ގޮތުން ގިނަ ބަޔަކު ފަހު ނޭވާ ދޫކޮށްލާފައިވަނީ ހޮސްޕިޓަލުތަކުގައާއި އިންޓެންސިވް ކެއާތަކުގައެވެ. ގޭގައި ނުވަތަ އާއިލާ ކައިރީ މަރުވާ މީހުން ނިސްބަތުން މަދެވެ.

ލަންޑަނުގެ ވަޓްފޯޑް ޖެނެރަލް ހޮސްޕިޓަލުން ބައްޕަ ގެއަށް އައުމުން އެނދަށް އެރުވި އިރު ރާޖަށް ވިސްނެމުން ދިޔައީ އެންމެ ކަމަކަށެވެ. އޭނާގެ ބައްޕަވެސް ކޮވިޑް19ގެ ސަބަބުން މަރުވާ މީހުންގެ ލިސްޓަށް އިތުރުވެދާނެ ކަމަށެވެ. އެބިރު ހިތުގައި އިންތިހާއަށް އޮތެވެ.

އެޑްވަޓައިސިން ކުންފުންޏެއްގައި މަސައްކަތް ކުރާ ރާޖް އެކަން ނެގީ ޕޮޒިޓިވް ކޮށެވެ. "ބައްޕަ މަރުވިޔަކަ ނުދޭނަން. އަހަރުމެން ބައްޕަ ބަލާނަން" ރާޖް އޭނާގެ ބައްޕަ ކައިރީ ބުންޏެވެ. ރާޖް އެހެން ބުނި އިރުވެސް އެކަން ކުރާނެ ގޮތެއް އޭނާއަކަށް އަސްު ނޭނގެއެވެ.

ރާޖް އަކީވެސް މިދިޔަ ނޮވެމްބަރުގައި ހާޓް އެޓޭކެއް ޖެހިފައި ހުރި މީހެކެވެ. ނަމަވެސް އޭނާވަނީ މާޗް 23ގައި އިނގިރޭސިވިލާތް ލޮކްޑައުން ކުރިއިރު ބައްޔަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މާޗް މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރާޖް އޭނާގެ 80 އަހަރުގެ މަންމަ އަދި ބައްޕައާއެކު ގޭގައި އައިސޮލޭޓް ވެއްޖެއެވެ. ރާޖްގެ ބައްޕަ އަކީ ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީސް (ސީއޯޕީޑީ) ހުންނަ މީހެކެވެ. އެހެން ކަމުން މުޅި އެއާއިލާ އަކީވެސް ހައި ރިސްކު އާއިލާއެކެވެ.

ނަމަވެސް ބައްޕަ ސޫރީގެ ހަށިގަނޑުން ބަލީގެ ނިޝާންތައް ފެންނަން ފެށީ މާޗް 25ގައެވެ. ފުރަތަމަ ފެށީ ވަރުދެރަވާންށެވެ. އަދި ފުއްޕާމެއަށް އުނދަގުވާން ފެށިއެވެ. ނަމަވެސް ކޮވިޑް19ގެ އެންމެ އާންމު އަލާމާތް ކަމުގައިވާ ކެއްސުމާއި ހުމެއް ނާދެއެވެ. އެކަމަކު ރާޖަށް އޭނާގެ ބައްޕަ ކޮވިޑް19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނެވެ.

ސޫރްޔާއަށް ނޭވާލާން އުނދަގޫވުމުން އަވަހަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރުން ސޫރްޔާއަށް ކޮވިޑް19 ޖެހިފައިވާކަން 95 ޕަސެންޓް ކަށަވަރުކޮށްދީ ފޮނުވާލަން ބޭނުންވީ ގެއަށް ކަމުގައި ރާޖް ބުންޏެވެ. އަދި ސޫރްޔާގެ ހާލު ގޯސްވިޔަސް އޭނާ ވެންޓިލޭޓަރަށްވެސް ނުލެވޭނެކަމަށް ޑޮކްޓަރުން ބުނިކަމަށް ވެއެވެ. ސަބަބަކީ ސޫރްޔާ އަކީ ސީއޯޕީޑީ ހުންނަ މީހެއްކަމުން ވެންޓިލޭޓް ކޮށްފިއްޔާ އޭނާއަށް އެކަމުގެ ސަބަބުން ވާ ގެއްލުން މާބޮޑުވާނެތީއެވެ.

ވެންޓިލޭޓަރަށް ލައިގެން ނޭވާ ލެއްވުމަކީ ފުރާނަ ސަލާމަތްކުރަން އޮންނަ އެންމެ ނާޒުކު ހާލަތުގައި އަމަލުކުރާ އެއްގޮތް ކަމަށްވީ ނަމަވެސް ބައެއް ހާލަތްތަކުގައި އިންޓެންސިވް ކެއާގައި އެޑްމިޓް ކުރުމަކީ ބަލި މީހާއަށް އެންމެ ރަނގަޅުގޮތް ކަމުގައެއް ނުވެއެވެ. މި ރިޕޯޓު ހަދާފައިވާ ނޫސް، ސީއެންއެން އިން ވަނީ، ވަޓްފޯޑް ޖެނެރަލް ހޮސްޕިޓަލަށް މި ކޭސްއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅާފައެވެ. ހޮސްޕިޓަލުން އެއަށް ވަކި ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް ސޫރްޔާގެ ޑިސްޗާޖް ޝީޓުތައް ވަނީ ސީއެންއެންއަށް ލިބިފައެވެ.

ރާޖް ބުނި ގޮތުގައި އޭނާއަށް އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ބައްޕަ މަރުވާން ހޮސްޕިޓަލަށް ދޫކޮށްލާފައި ދިއުމެވެ. އަނެއްގޮތަކީ ގެއަށް ގެންގޮސް ބައްފަގެ ފަހު ދުވަސްތައް އަރާމުގައި ގެންގުޅުމެވެ. ގޭގެ އެހެން މީހުނަށް ވައިރަހުން ރިސްކު އޮތްކަމުގައި ވިއަސް ރާޖް އިހުތިޔާރު ކުރީ ބައްފައަށް އަޅައިލުމާއި ލޯބި ދީގެން ގޭގައި ގެންގުޅުމަށެވެ.

ސޫރްޔާ ގެއަށް ގެންދިއުމުގެ ކުރިން ރާޖް ވަނީ ގޭތެރެ ސާފުކޮށް، މަންމަ ގޭގެ ތިރީ ބުރީގައި އައިސޮލޭޓްކޮށް ފުރަތަމަ ބުރީގެ ސޫރްޔާގެ ކޮޓަރި ހޮސްޕިޓަލު ވޯޑެއް ގޮތަށް ބަދަލު ކޮށްފައެވެ.

ރާޖް އޭނާގެ ބައްޕަ ސޫރީއަށް ފަރުވާ ދިނުމުގައި އަމަލު ކުރީ އޭނާ ކުރި ދިރާސާތަކުން އެނގުނު އެންމެ ރަނގަޅު ގޮތްތަކަށެވެ. އެގޮތުން ގޫގުލްގައި ސްޕްރެޑްޝީޓެއް ހަދައި ބައްޕަގެ ހޫނުމިން ބަލަން ފެށިއެވެ. އަދި ބްލަޑް ޕްރެޝަރާއި އޮކްސިޖަން ސެޗުރޭޝަން ވެސް ގަވައިދުން ބަލަމުން ގެންދިއައެވެ. މި ހުރިހާ ކަމެއް ކުރީވެސް އެކަމަށް ބޭނުން ކުރާ މޮނީޓަރުތައް ހޯދައިގެންނެވެ.

ބައްޕަ ގާތު ކޮޓަރީގައި ހޭދަ ކުރާ ވަގުތު މަދުކުރުމަށް ބޭބީ މޮނީޓަރު އެޕް ސެޓްކޮށް އައިޕެޑެއް ބައްޕަ ކައިރީ ބެހެއްޓިއެވެ. މީގެ ސަބަބުން އާއިލާގެ އެހެން މީހުނަށްވެސް ބައްޕަގެ ހާލު ބަލައި ހެދެއެވެ. ރާޖްގެ ބޭބެ މަނީޝް އުޅެނީ އާއިލާއާއެކު އެމެރިކާގައެވެ. މަންމަ އެއްގެއެއްގައި ހުއްޓަސް އައިސޮލޭޓްވެގެން ހުންނަން ޖެހެނީ އެހެން ބުރިއެއްގައެވެ. މިގޮތަށް އައިފެޑް ހުރުމުން އެކި މީހުނަށް އެކި ވަގުތު ބައްޕަ އާއެކު ހޭދަކުރެވި ރާޖަށް އަރާމު ކުރުމަށްވެސް ވަގުތުކޮޅެއް ލިބިގެންދިޔައެވެ.

ރާޖަށް މިކަމުގައި އެންމެ ބޮޑަށް އެހީވެދިނީ އެމީހުންގެ އާއިލީ ޑޮކްޓަރެކެވެ. އޭނާ ވަނި ސޫރްޔާ ހައިޑްރޭޓްކޮށް ބަހައްޓަން ލަފާދީފައެވެ. އަދި ވައިޓަލްސް ގަވައިދުން މޮނިޓަރު ކުރުމަށް ވަނީ ބުނެފައެވެ.

ރާޖް ބުނި ގޮތުގައި ބައްޕަ ރަނގަޅުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ގޭގައި ކުރިންވެސް ބައްޕައަށް ފަރުވާދެމުން ގެންދާ ސީޕެޕް މެޝިން އެވެ.

"ބައްޕައަށް ނޭވާލާން އުނދަގޫވާއިރަށް އެ މެޝިން ގުޅަނީ" އެގޮތުން ދުވާލަކު 16 ގަޑިއިރު ވަންދެން އެ މެޝިން ޑޮކްޓަރުގެ ލަފާގެ މަތިން ބައްޕައަށް ގުޅާ ކަމަށް ރާޖް ބުންޏެވެ.

ހޮސްޕިޓަލުން ދޫކޮށްލިތަނާ ތިން ދުވަސް ވީއިރުވެސް ސޫރީއަށް ރަނގަޅަކަށް ނުކެވެއެވެ. އަދި ނަފްސާނީގޮތުންވެސް ހުރީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. ބައްޕަ މި ގުނަމުން ދަނީ ހަޔާތުގެ ވަހު ވަގުތު ކަމަށް ރާޖްގާތުވެސް ބުނިކަމަށް ވެއެވެ.

ހަތަރުވަނަ ދުވަހު ސޫރީގެ ކޮވިޑް19ގެ ނަތީޖާ ލިބުނު އިރު ޓެސްޓު ޕޮޒިޓިވް ކަމަށް އާއިލީ ޑޮކްޓަރު، ތަކަރު ފޯނުން ގުޅާފައި ބުންޏެވެ. ނަމަވެސް އިނގިރޭސި ވިލާތުގައި ޕީޕީއީ ލިބުމުގެ ދަތިކަން ހުރުމާއެކު އެނުލައި ޕޮޒިޓިވް ބަލި މީހެއް ކައިރިއަށް ޑޮކްޓަރަކު ދިއުމަކީ ކުރެވޭނެ ކަމަކަށް ނުވާތީ އޭނާއަކަށް އެގެއަށް ނުދެވުނެވެ.

"އަހަރެން ގޮސްފިއްޔާ އަހަރެން އެކަންޏެއް ނޫން. އާއިލާވެސް އަދި އަހެރެން ފަރުވާދޭން ޖެހޭ އެހެން ބަލި މީހުންވެސް ރިސްކަށް ވެއްޓޭނެ" ސީއެންއެންއަށް ދިން އިންޓަވިއުގައި ޑޮކްޓަރު ބުންޏެވެ.

އެހެންކަމުން ރާޖް ހަދަމުން ދިޔަ ސްޕްރެޑްޝީޓަށް ބަލައި ސޫރްޔާގެ ހަށިގަނޑުގައި އުފެދިފައިވާ ސެކަންޑަރީ ލަންގް އިންފެކްޝަނަށް އެންޓިބައޯޓިކެއް ނެގުމަށް ލަފާދިނެވެ. އަދި ދުވާލަކު ވަކި ވަގުތެއް ވަންދެން ސޫރްޔާ ބަނޑުފުށް މައްޗަށް ބޭއްވުމަށްވެސް ޑޮކްޓަރު ލަފާދިނެވެ. ކޮވިޑް19 އަށް ޕޮޒިޓިވް ވާ މީހުން ބަނޑުފުށް މައްޗަށް ބޭއްވުމުން ފުއްޕާމެއަށް އޮކްސިޖެން ދާލެއް ފަސޭހަވާކަން ޑޮކްޓަރުންގެ ހޯދުން ތަކުން ވަނީ އެނގިފައެވެ.

ސޫރްޔާގެ ހާލު ސީރިއަސް ކަމުން އެގެވެސް ޑޮކްޓަރު މޮނިޓަރިންއަށް ލިއެވެ. އޭގެ ސަބަބުން އެގެއަށް ޕެރަމެޑިކްސް ދާން ޖެހިއްޖެ ހާލަތެއްގައިވެސް އެއީ ކޮން ހާލަތެއްްގައި ހުރި ގެއެއްކަން އެނގިގެންދާނެއެވެ.

ނަމަވެސް އުންމީދު އާވެގެން ދިޔައީ ރާޖްގެ ލޮލުގެ ކުރިމަތީގައެވެ. ސޫރްޔާ މަޑުމަޑުން ރަނގަޅުވާން ފެށިއެވެ. ރާޖް ބުނި ގޮތުގައި ބައްޕަ ރަނގަޅު ވަމުން އަންނަކަން އޭނާއަށް ފާހަގަވާން ފެށީ ބައްޕައަށް ކަންކަމާ ޝަކުވާ ކުރާހާ ހިތްވަރު ލިބެން ފެށުމުންނެވެ. "ސައި ނުބައޭ ވެސް ބުނަން ފެށި، ނުވަތަ ޕިއްޒާ އާއި ޗިޕްސޭ ކާނީވެސް ބުނޭ، ނޫނީ ބޮޑާހާކާނެ" ރާޖް ބުންނެވެ.

އެންމެ ފަހުން އުފާވެރި ވަގުތު އެއާއިލާއަށް އައެވެ. ސޫރްޔާ ބަލިން ފަސޭހަވެ، މިދިޔަ ހަފުތާގައި ވަނީ އޭނާގެ ގޭގެ ބަގީޗާގައި ހިނގާންވެސް ފަށައިފައެވެ.

"ގޫގުލް ޑޮކްޓަރަށް ބަރޯސާވާކަށް ނުޖެހުނު. އަސްލު ޑޮކްޓަރުންގެ އެހީ ވަރަށް ބޮޑަށް ލިބުނު" ރާޖް ބުންޏެވެ.

ރާޖް އިތުރަށް ބުނީ އިނގިރޭސިވިލާތުގެ އެހެން އާއިލާތަކާ ބަލާފަ އޭނާގެ އާއިލާގެ ފުދުންތެރިކަންވެސް ހުރުން އެއީ މިވަގުތު އޮތް ނަސޭބަކަށް ވި ކަމަށެވެ. އެކަމަށްޓަކަައިވެސް ޝުކުރިވެރިވާ ކަމަށެވެ.

ސޫރްޔާގެ ހާލަތު ސްކްރީން މެދުވެރިކޮށް ނަމަވެސް މޮނީޓަރު ކުރުމަށް އުޅުނު ޑޮކްޓަރު ބުނީ ސޫރްޔާ ބަލިން ފަސޭހަވީ ކޮން ކަމަކުން ކަމެއް ބުނަންވެސް ނޭނގޭ ކަމަށެވެ.

"އެއީ އާއިލާގެ ލޯތްބާއި އަޅައިލުން ކަމަށްވެސް ވެދާނެ. ނޫނީ އެހާވަރަށް ޑޭޓާތައް ބެލެހެއްޓިގެން އެއަށް ސީދާ ފަރުވާ ދެވުނީމަ ކަމަށްވެސް ވެދާނެ. ހަގީގަތުގައި އެވީގޮތް ބުނާކަށް ނޭނގެ" ޑޮކްޓަރު ބުންޏެވެ.

ހުރިހާ އުންމީދެއް ގެއްލިފައި އޮތް މިއާއިލާއަށް އުންމީދު މިވަނީ ލިބިފައެވެ. ފަހުވަގުތާ ޖެހެންދެންވެސް އުންމީދު ގެއްލުވާނުލައި މަސައްކަތް ކުރުމުގެ ނަތީޖާ ފޮންޏެވެ. ބައްޕަގެ ބަލި ހާލަތު އެހާ ސީރިއަސްވެގެން ދިޔައިރުވެސް އެ ބައްޕަގެ އަތުގައި ހިފައި ރާޖް އޭނާގެ ބައްޕައަށް ދިން ހިތްވަރުވެސް ފަރުވާގައި ވަރަށް ބޮޑު ދައުރެއް އަދާކުރިއެވެ. ކޮންމެއަކަސް އަނދިރިގަނޑަކުން މިކުޑަކުޑަ އާއިލާއަށް މިވަނީ އުޖާލާކަން ލިބިފައެވެ. އުފާވެރިކަން އަނބުރާ އައިސްފައެވެ. ކެތްތެރިކާއި ހިތްވަރުންނެވެ. ރަނގަޅު ވުމުގެ އުއްމީދެއް ނެތް ކަމަށް ބުނެ ގެޔަށް ދޫކޮށްލި ބައްޕަ ސަލާމަތްކުރުމުގައި މިފަހަރު ބޮޑު ދައުރެއް އަދާމިކުރީ ދަރިފުޅެވެ.