(30 އޭޕްރީލްގެ އަދަދާ ގުޅޭ)
ޝާމްކަރައަށްދާ މަގުގައި އޮންނަ އެ ސަހަރާވީ ރަށަކީ ބަދަވި ޤަބީލާތަކުގެ މަރުކަޒެކެވެ. އެ ޤަބީލާތަކަކީ ޣައްސާނީންގެ އެކުވެރީންގެ ޙައިޘިއްޔަތުން ރޫމީންގެ ޙަލީފުން ކަމުގައިވެފައިވާ ބައެކެވެ. އެރަށުގެ ޢަސްކަރީ އަހަންމިއްޔަތާއި ސިޔާސީ އަހަންމިއްޔަތު މުސްލިމުން ވަރަށް ރަނގަޅަށް ދަނެއެވެ. އެހެންކަމުން ކައުސާހިބާ صلّى اللّـه عليه وسلّم ގެ ތަބޫކު ދަތުރުފުޅުގައި އެރަށަށް ޙަމަލަދެއްވަން خــالــد بــن الـوليـد رضـى اللّـه عنـــه ފޮނުއްވިއެވެ. خــالــد ގެފާނު އެންމެ ފަސްސަތޭކަ ސަވާރުންނާއިގެން ވަޑައިގެން އެރަށުގެ ވެރިޔަކަށްހުރި އަކީދަރު ބިން ޢަބްދުލްމަލިކު ހައްޔަރުކުރައްވައިގެން ކައުސާހިބާގެ އަރިހަށް ގެންދެވިއެވެ. އަކީދަރަކީ ކްރިސްޓިޔަނެކެވެ. އަކީދަރު މަދީނާއަށް އައިސް އިސްލާމްވެގެން އޭނާގެ ރަސްކަން އަލުން ހޯދިއެވެ. ނަމަވެސް ކައުސާހިބާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމާ ވިދިގެން އޭނާ އިސްލާމްދީން ދޫކޮށްލިއެވެ. ޢަރަބިކަރައިގައި މުރުތައްދުވުމުގެ ހުޅުފަޅައިގެންދިޔަ ދުވަސްވަރު އޭނާވެސް މުސްލިމުންނާ ހަނގުރާމަޔަށް ތައްޔާރުވާން ފަށައިފިއެވެ. أميـرالمؤمنـين الصّدّيق الأكـبـر رضى اللّـه عنــه، خــالــد بــن الـوليـد رضـى اللّـه عنـــه ޢިރާޤަށް ފޮނުއްވި ދުވަސްވަރު ދޫމަތުލްޖަންދަލަށްވެސް ލަޝްކަރެއް ފޮނުއްވިއެވެ. عيـاض بن غنـم رضـى اللّـه عنـــه ގެ ވެރިކަމުގެ ދަށުގައެވެ. (ދެބޭކަލުން ޢިރާޤަށް ފޮނުއްވަމުން ޚަލީފަތުލްމުސްލިމީން އަންގަވައިފައިވަނީ އެންމެފުރަތަމަ ހީރަތަށް ވަޑައިގެންނެވުނު ބޭކަލަކީ ޢިރާޤުގައިވާ އިސްލާމީ ލަޝްކަރުތަކުގެ ކޮމާންޑަރ އިން ޗީފް ކަމުގައެވެ. ހީރަތު ފަތަޙަވުމުން އެއްބޭކަލަކު ހީރަތުގައި މަޑުކުރައްވައިފައި އަނެއްބޭކަލަކު މަދާއިނަށް މިސްރާބު ޖެއްސެވުމަށެވެ.)
ދޫމަތުލްޖަންދަލަށް ލަޝްކަރު ފޮނުއްވުމުގެ ބޭނުންފުޅަކީ އިސްލާމީ ދައުލަތާ ދެކޮޅަށް ރޫމީންނާއި އީރާނީން އެއްބައިވެއްޖެ ހިނދެއްގައި ޢަރަބިކަރައިގެ އުތުރު ސަރަޙައްދަށް ކުރިމަތިވެދާނެ ނުރައްކަލުން އިސްލާމީ ދައުލަތް ދިފާޢުކުރެއްވުމެވެ. އެފަދަ އިއްތިހާދެއް އުފެދުމުގެ އެކަށޭނަކަން އެވަގުތަށް ނެތްކަމުގައިވިޔަސް ހީރަތުން ފެށިގެން ޢައިނުއްތަމްރާ ހަމައަށް އަދި ޢައިނުއްތަމްރުން ފެށިގެން ދޫމަތުލްޖަންދަލާ ހަމަޔަށް ދިރިއުޅޭ ޢަރަބި ބަދަވީ ޤަބީލާތައް ކްރިސްޓިޔަން ދީނުގެ ނަމުގައި ކޮންމެފަދަ ވަގުތެއްގައިވެސް އެއްވަލަކަށް މެހިދާނެއެވެ. އެހެންވެއްޖެ ހިނދެއްގައި އުތުރުފަރާތުން އަލްޖަޒީރާ (މެސޮޕޮޓީމިޔާ) ގެ ކްރިސްޓިޔަނުންވެސް މުސްލިމުންނަށް ވަރަށް ނުސިޔާނު ބިރަކަށް ވެދާނެއެވެ. عيـاض بن غنـم رضـى اللّـه عنـــه ދޫމަތުލްޖަންދަލަށް ފޮނުއްވި ބޭނުންފުޅަކީ މިދެންނެވި ބޮޑު ނުރައްކަލުން އިސްލާމީ ދައުލަތް އަމާންކުރެއްވުމެވެ.
عيـاض رضـى اللّـه عنـــه ދޫމަތުލްޖަންދަލަށް ވަޑައިގެން އެރަށުގެ ކިއްލާ ޙިޞާރުކުރެއްވުމާއެކު ބަދަވީންގެ ޤަބީލާތަކުގެ ވަރަށް ބައިބޯ ލަޝްކަރެއް އަކީދަރަށް އެހީތެރިވާން މައިދާނަށް ނުކުމެއްޖެއެވެ. ގާތްގަނޑަކަށް އަހަރެއްހައިދުވަސް ވީއިރުވެސް عيـاض އަކަށް އެތަނުން ސަލާމަތްވެވަޑައެއް ނުގެންނެވުނެވެ. އެކަލޭގެފާނު އެއްފަރާތުންވަނީ ކިއްލާ ޙިޞާރުކުރައްވައިފައެވެ. އަނެއްފަރާތުން ބަދަވީ ލަޝްކަރުވަނީ މުސްލިމުންނަށް ފޯރުމާލާއި އެހެނިހެން އެހީލިބޭނެ މަގުތައް ބަންދުކޮށްފައެވެ. عيـاض ކިއްލާގެ ބޭރުގައި ބަދަވީ ލަޝްކަރާ ހަމަލަދެއްވާއިރަށް ކިއްލާގައި ރައްކާތެރިވެގެންތިބޭ ސިފައިން ބޭރަށް ނުކުމެ ފަހަތްޕުޅުން ޙަމަލަދެއެވެ. ބަދަވި ލަޝްކަރު ފަހަތަށްޖެހިލައެވެ. ކިއްލާއަށް ޙަމަލަ ދެއްވާއިރަށް ބަދަވީން މުސްލިމުންގެ ފުރަގަހުން ޙަމަދަލޭން ފަށާފައެވެ. عيـاض بن غنـم رضـى اللّـه عنـــه އަށް ކިއްލާގެ ޙިޞާރު ދޫކޮށްލައްވައިފައި ބަދަވީ ލަޝްކަރުގެ ކިބައިން ސަލާމަތްވެވަޑައިގެންނެވިދާނެއެވެ. ނަމަވެސް އެހެން ހައްދަވައިފިނަމަ ހިޖާޒުކަރަޔާ ހަމަޔަށް ޢަރަބިކަރައިގެ އުތުރު ސަރަޙައްދު އެކަށް ނުރައްކަލަށް ހުށަހެޅިދާނެއެވެ. ސިފައިންނާއި ފޯރުމާލު މަދުވުމުގެ ސަބަބުން މުސްލިމުންގެ ބާރު ދުވަހެއް ދުވަހަކަށް ދިޔައީ ހީނަރުވަމުންނެވެ. ނަމަވެސް ހިތްވަރުގަދަ މުސްލިމުން ފަހަތަށްޖެހޭކަށެއް ޤަބޫލެއް ނުވިއެވެ.
މި ޙާލަތާ ކުރިމަތިވުމުން ޚިލާފަތުގެ ދަރުބާރުން خــالــد بــن الـوليـد رضـى اللّـه عنـــه އަށް އަމުރުފުޅުއައީ ހަމައެވަގުތު ދޫމަތުލްޖަންދަލަށް ވަޑައިގެންނެވުމަށެވެ. ހަމައެޔާއެކު عيـاض بن غنـم رضـى اللّـه عنـــه ގެ ފަރާތްޕުޅުންވެސް خــالــد ގެ އަރިހަށް ޤާސިދަކު އައެވެ. خــالــد رضـى اللّـه عنـــه ހަމައެވަގުތު ދޫމަތުލްޖަންދަލަށް ދަތުރުފުޅު ފެއްޓެވިއެވެ. خــالــد ދަތުރުކުރެއްވިލެއް ބާރުކަމުން ޝާމްކަރައިގެ ބޮޑު ސަހަރާ އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ފަށްޖެހިގެން ދިޔަކަހަލައެވެ. އެއްދުވަހެއްގެ ހެނދުނުގެ އިރުގެ އެންމެފުރަތަމަ ދޯދިތަކަށް ފެނުނީ މުސްލިމުންގެ ސިންގާތައް ކިއްލާގެ ބޭރުގައިއޮތް ބަދަވި ޤަބީލާތަކުގެ ބޮޑު ލަޝްކަރު ތަޅައި ރޯނާގަންނަވައި ބުރުއްސައިލިތަނެވެ. އެދުވަހުގެ ޢަޞުރުވީއިރު މުސްލިމުންގެ ލަޝްކަރު ވަނީ ދޫމަތުލްޖަންދަލް ޙިޞާރުކޮށްފައެވެ. އެކިއްލާއަކީ އެތާނގެ ފާރަވެރީން ގާތްގަނޑަކަށް އެއްއަހަރުވަންދެން عيـاض بن غنـم އާ ހަނގުރާމަކުރަމުންއައި ކިއްލާއެވެ.
+ + + + +
خــالــد بــن الـوليـد رضـى اللّـه عنـــه ދޫމަތުލްޖަންދަލް ފަތަޙަކުރެއްވުމަށްފަހު ގާތްގަނޑަކަށް އެއްމަސްދުވަހު ދޫމަތުލްޖަންދަލުގައި މަޑުކުރެއްވިއެވެ. އެހައިތަނުން އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ޚަބަރަކީ އައިނުއްތަމްރުން ބަލިވެގެން ފިލައިގެންދިޔަ ޤަބީލާތައް ޙަޞީދަށް ޖަމާވަމުންދާ ޚަބަރެވެ. އީރާނީ ލަޝްކަރުވެސް ޙަޞީދަށް އަތުވެއްޖެކަމުގައެވެ. خــالــد رضـى اللّـه عنـــه ދުޝްމަނުންނާ ޙަމަލަދެއްވަމުން ވަރަށް ހަލުއި ދަތުރުފުޅެއް ކުރައްވަމުން ވަޑައިގެންނެވީ ޢައިނުއްތަމްރަށެވެ. خــالــد ވަޑައިގެން قــعقـاع بــن عَمرو رضى اللّـه عنــه ގެ ވެރިކަމުގައި ޙަޞީދަށް ލަޝްކަރެއް ފޮނުއްވިއެވެ. قــعقـاع ވަޑައިގެން އީރާނީންނާއި ޢަރަބީންގެ ގުޅިފައިވާ ލަޝްކަރު ބަލިކޮށްލައްވައި ޙަޞީދު ފަތަޙަކުރެއްވިއެވެ. ޙަޞީދުގެ މައިދާނުގައި ނާކާމިޔާބުވި އީރާނީންނާއި ޢަރަބީން ރައްކާތެރިކަން ހޯދޭތޯ މަސައްކަތްކުރީ ޢިރާޤުގެ އެހެން ރަށެއްކަމުގައިވާ ޚަނާފިސުގައެވެ. ނަމަވެސް قــعقـاع ވަޑައިގަންނަވާ ޚަބަރު ލިބުމުން ފިލައިގެން ހިނގައްޖެއެވެ. އީރާނީންނާއި އެބައިމީހުން ޢަރަބި ޙަލީފުން ދެން ފައިތިލަ ސާބިތުކުރެއްވޭތޯ މަސައްކަތްކުރީ ފަޞީހުގައެވެ. ނަމަވެސް އެރަށުގައިވެސް އެބައިމީހުންނަކަށް ހިފަހައްޓައެއް ނުލެވުނެވެ.
އެދުވަސްވަރު އިސްލާމީ ލަޝްކަރުގެ ބާކީތިބި މުޖާހިދުންނާއިގެން خــالــد މިސްރާބުޖެއްސެވީ ޢިރާޤުގެ ހުޅަނގު އުތުރަށެވެ. ފުރާތުކޯރުގެ އައްސޭރީން ދުޝްމިނުންނާ ހަނގުރާމަ ކުރައްވަމުން ވަޑައިގެން މަޑުކުރެއްވީ ފިރާޟުގައެވެ. ފިރާޟަކީ ޢިރާޤުކަރަޔާއި ޝާމްކަރައާއި އަލްޖަޒީރާގެ ސަރަޙައްދު އައިސްގުޅޭ ނުކުތާއެވެ. އެހިސާބަށް ދެވުމުން އިސްލާމީ ލަޝްކަރަށް ފުރާތުކޯރުގެ އައްސޭރީން އިރުމަތީފަރާތުން ފެންނަނީ އީރާނުގެ ސަރަޙައްދީ ޗެކްޕޯސްޓުތަކެވެ. ހުޅަނގުފަރާތުން ފެންނަނީ ރޫމީ ރަސްކަމުގެ ސަރަޙައްދީ ޗެކްޕޯސްޓްތަކެވެ. ދެފަރާތުގެ ޗެކްޕޯސްޓުތަކުގެ ދޭތެރޭގައިވަނީ ސަރަޙައްދީ ޤަބީލާތަކުގެ ފޭލިގެތަކެވެ. ވެދިޔަތާނގައި ލިބިފައިވާ ނާކާމިޔާބީތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައިވަނީ ބަދަލުހިފުމުގެ އަލިފާން ރޯވެފައެވެ. ވަގުތުގެ މަޞްލަޙަތާއި ޙާލަތު ނިޔާކުރަނީ خــالــد بــن الـوليـد رضـى اللّـه عنـــه ކުޑަކުޑަ ލަޝްކަރަކާއިގެން އެބައިމީހުނާ ހުރަހޮޅިވަޑައިނުގެންނެވުމަށެވެ. އެފަދަ ބޮޑު ލަޝްކަރަކާ ހަނގުރާމަ ނުކުރައްވައި ފަހަތަށް ޖެހިވަޑައިގަތުމަށެވެ. ހީރަތަށް ވަޑައިގެން އިތުރަށް ތައްޔާރުވެވަޑައިގެން މައިދާނަށް ވަޑައިގެންނެވުމެވެ. ނަމަވެސް ކައުސާހިބާ صلّى اللّـه عليه وسلّم، سَيف اللّـه ގެ ޝަރަފުވެރި ލަޤަބު ދެއްވައިފައިވާ މަތިވެރި ފާތިހު މުސްލިމުންގެ ސިންގާތަކަށް ފަތަޙައިގެ ނުވަތަ ޝަހީދުވުމުގެ މަގު ފިޔަވައި އެހެން މަގެއް ދައްކަވާކަށެއް ބޭނުންފުޅެއް ނުވިއެވެ. އެކަލޭގެފާނުގެ ޢަސްކަރީ ރަދީފުގައި ކާމިޔާބީގެ އިދިބަހެއް ނޯވެއެވެ. އެހެންކަމުން خــالــد رضـى اللّـه عنـــه އިސްލާމީ ލަޝްކަރާއިގެން ކޯރުގެ އައްސޭރީގައި ބަނޑަހަޖައްސަވައިފިއެވެ.
މުސްލިމުންނާ ދެކޮޅަށް ގުޅިފައިވާ ޢަސްކަރީ އިއްތިހާދެއް އުފައްދަން ރޫމީންގެ ސަރަޙައްދީ ކޮމާންޑަރ އީރާނީންނަށް ދަޢުވަތު ދެއްވިއެވެ. އީރާނީ ކޮމާންޑަރުން ކުޑަވެސް ލަސްވެވަޑައިގަތުމަކާނުލައި އެހުށަހެޅުން ޤަބޫލުކުރެއްވިއެވެ. އެދެބައިމީހުންގެ އިއްތިހާދުގެ ނަތީޖާއަކީ އޭގެކުރީން خــالــد ގެ ނަންފުޅު އަޑުއިވިލިޔަސް ބިރުން ރޫރޫއަޅާ ޢަރަބި ބަދަވީންގެ ޤަބީލާތައްވެސް ސިންގާތަކަކަށް ބަދަލުވުމެވެ. ރޫމީންގެ ކޮމާންޑަރ ދުވަސްކޮޅަކު ތައްޔާރުވެވަޑައިގެންނެވުމަށްފަހު خــالــد بــن الـوليـد رضـى اللّـه عنـــه އަށް ޚަބަރު ފޮނުއްވިއެވެ. "ކަލޭގެފާނު ކޯރު ހުރަސްކުރައްވައިފައި މިފަރާތަށް ވަޑައިގަންނަވާނީތޯއެވެ. ނުވަތަ އަޅުގަނޑުމެން ތިޔަފަރާތަށް ދާންވީތޯއެވެ." خــالــد ގެފާނު ޖަވާބު ފޮނުއްވިއެވެ. "ތިބާ މިފަރާތަށް ވަޑައިގަންނަވާށެވެ." ނަތީޖާއެއްގެ ގޮތުން ރޫމީންނާއި، އީރާނީންނާއި ޤަބީލާތަކުގެ ގުޅިފައިވާ ބިޔަ ލަޝްކަރު ބައްތެލިފަހަރުގައި ކޯރު ހުރަސްކޮށްފިއެވެ.
އީރާނީންނާއި ރޫމީންގެ ކޮމާންޑަރުން ބޭނުންފުޅުވީ ހަނގުރާމައިގެ ކުރީ މަރުޙަލާތަކުގައި ބަދަވި ޤަބީލާތައް ކުރިޔަށް ނެރުއްވުމަށެވެ. އެބޭފުޅުންގެ ބައިބޯ ލަޝްކަރުތައް ހަމައެކަނި ފަތަޙައިގެ ބައިވެރީންކަމުގައި ވުމަށްޓަކައި ކުރިޔަށް ގެންނެވުމަށެވެ. އެހެންކަމުން އީރާނީންނާއި ރޫމީންގެ ކޮމާންޑަރުން ޢަރަބި ބަދަވި ޤަބީލާތަކަށް ވިސްނައިދެއްވިއެވެ. ތިޔަބައިމީހުންގެ ލަޝްކަރުގެ ދޭދޭ ޤަބީލާތަކުގެ މީހުން ވަކިވަކިކޮށްލައިގެން މުސްލިމުންނާ ދިމާކުރާށެވެ. އެންމެ ހިތްވަރުގަދަ ޤަބީލާއަކީ ކޮބައިކަން ފާހަގަވުމަށްޓަކައެވެ. ބަދަވީ ޤަބީލާތަކުން ވަކިވަކީން ސަފުތައް ހަދައިގެން ތިންފަރާތުން މުސްލިމުންނާ ޙަމަލަދީފިއެވެ. ނަމަވެސް މުސްލިމުންގެ ތީރުތަކުގެ އަމާޒުފަތްގަނޑަކަށްވުމަށްފަހު އެބައިމީހުންގެ ކުރިއެރުން ހުއްޓިއްޖެއެވެ. ކޮންމެ ޤަބީލާއެއްގެ ސަރުދާރަކުވެސް އެމީހެއްގެ ޤަބީލާ ނުރައްކަލަށް ހުށަނާޅައި އަނެއްބަޔަކަށް ކުރިޔަށް ދިއުމަށް ހިތްވަރުދޭން ފަށައިފިއެވެ. خــالــد بــن الـوليـد رضـى اللّـه عنـــه އަށް އެމަންޒަރު ފެނިވަޑައިގެންނެވުމާއެކު މުސްލިމުންގެ ސަވާރުންނަށް ދުޝްމިނުންގެ ލަޝްކަރުގެ ދެއަރިމައްޗަށް ޙަމަލަދޭން އަމުރުކުރައްވައިފިއެވެ. މުސްލިމުންގެ ސަވާރުން ހިނދުކޮޅެއްގެ ތެރޭގައި ޤަބީލާތަކުގެ ލަޝްކަރުގެ ސަފުތައް އެފުށްމިފުށަށް ޖަހައިލިއެވެ. ޤަބީލާތަކުގެ އެތައް ގެމަތަކެއް ވިއްސިވިހާލިވެގެން އެބައިމީހުންގެ ފަހަތުގައި ތިބި ރޫމީންނާއި އީރާނީންގެ ތެރެޔަށްގޮސް ވަދެއްޖެއެވެ. ބާކީތިބި މީހުން ލަޝްކަރުގެ މެދުތެރެޔާ ދިމާޔަށް ފަހަތަށްޖެހޭން ފަށައިފިއެވެ.
خــالــد بــن الـوليـد رضـى اللّـه عنـــه އިސްލާމީ ލަޝްކަރާއިގެން ޤަބީލާތަކުގެ ލަޝްކަރުގެ މެދުތެރެއަށް ވަރުގަދަ ޙަމަލައެއް ދެއްވުމުން ޤަބީލީ ލަޝްކަރު ވިއްސިވިހާލިވެގެންގޮސް އީރާނީންނާއި ރޫމީންނާ މައްސުނިވެއްޖެއެވެ. މިހާރު ދުޝްމިނުންގެ ލަޝްކަރުގެ ފަހަތުގައި އޮތީ ކޯރެވެ. ދެފަރާތުގެ އަރިމަތީންނާއި ކުރިމަތީން މުސްލިމުންވަނީ އެމީހުން ވަށައިލައިފައެވެ. ރޫމީންނާއި އީރާނީން ގެންދިޔައީ ޢަރަބި ޤަބީލާތަކުގެ މީހުން ކުރިޔަށް ކޮއްޕަމުންނެވެ. ޤަބީލާތަކުގެ މީހުން އުޅުނީ އީރާނީންނާއި ރޫމީންގެ ފަހަތުން ޙިމާޔަތް ހޯދާށެވެ. ނުވަތަ އަވަހަށް ފިލައިގެން ދެވޭނެ މަގެއް ހޯދާށެވެ. ޤަބީލާތަކުގެ ބައެއް ގެމަތައް އެހެންމީހުންގެ މަލާމާތަށް ބެލުމެއްނެތި ރޫމީ ސަވާރުންގެ މެދުތެރެއިންލައިފައި ހުޅަނގުފަރާތަށް މިސްރާބު ޖަހައިފިއެވެ. އެތަން ފެނުމުން އަނެއްބަޔަކު އީރާނީ ޙަލީފުންގެ ސަފުތައް ބުރިކޮށްލައިފައި އިރުމައްޗަށް ދަތުރުކޮށްފިއެވެ. މެދުތެރޭ ސިފަތަކުގެ މީހުންވެސް އީރާނީންނާއި ރޫމީންގެ ތެރެއިން ލައިފައި އެންމެފަހަތަށް ފައިބައި ކޯރަށް ފުމޭން ފަށައިފިއެވެ. މާގިނައިރެއްނުވެ ޤަބީލީ ލަޝްކަރު މައިދާނުން ފިލައިގެންދާން ފަށައިފިއެވެ.
(ނުނިމޭ)