އިބްރާހިމް ޒަކީ
ކޮވިޑް 19 ގެ ފުރަބަންދުގެ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، މާލެ ވަޑައިގަތުމަށް ހުއްދަދިން ގޮތާއި، ފުރަބަންދުގައި މީހުން މާލެ އައުމަށް އޮންނަ އުސޫލު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އާއި ފުލުހުންގެ ފަރާތުން ލިޔުމުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.
ފުރަބަންދުގެ މުއްދަތުގައި އަބްދުﷲ ރިޔާޒަށް މާލެ އެރުނު ސަބަބު ސާފުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
އެކަން އޮޅުންފިލުއްވުމަށް އެދި މަޖިލިސް ރައީސަށް މޫސާ ސިރާޖު ފޮނުއްވި ސިޓިގަިއ ވިދާޅުވެފައިވަނީ، މިމަހުގެ 25 ވަނަ ދުވަހު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ތިމަރަފުށީގައި ހޭދަކުރި 15 ދުވަހަށް ފަހު ފަތިހުގެ ވަގުތެއްގައި މާލެ އާދެވިފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އެ ޓުވީޓާ ގުޅިގެން ރައްޔިތުންގެ މެދުގައި މަޖިލީހުގެ މެންބަރުންނާ މެދު ނަފުރަތު އުފެދި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ނުފޫޒާއި ބާރު ބޭނުންކޮށްގެން ކަންކަން ކުރާ ބައެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަވްވެވަޑައިގަންނަވާ ތިން މެންބަރަކު ވެސް އެބޭފުޅުންގެ ދާއިރާގައި ތިއްބެވި ކަމަށާއި އެ މެންބަރުންނަށް މާލެއަށް ވަޑައިގަތުމަށް މަސައްކަތްކޮށް ނާދެވުނު ކަމުގެ މައުލޫމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެހެންކަމުން މާލެ ލޮކްޑައުންކުރެވިފައިވާ ދަނޑިވަޅެއްގައި މާލެ އަންނަން ހުއްދަދެވިފައިވޭތޯ އާއި ހުއްދަ ދެވިފައި ވާނަމަ، ހުއްދަ ދެވިފައިވަނީ ކޮންމެހެން މާލެ އަންނަންޖެހޭ ކޮން ސަބަބެއް ދިމާވެގެންކަން މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައި އެކަން ސާފުކޮށްދިނުން އެދޭ ކަމަށާއި އެކަމަކީ މެންބަރުގެ ސުލޫކާ ގުޅޭ އަމަލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ސިރާޖުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މި މައްސަައާ ބެހޭގޮތުން މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީގައި ރޭ ކުރިއަށްދިޔަ ބަހުސްގައި އެޗްޕީއޭއިންނާއި ފުލުހުންގެ ފަރާތުން އެކަންތައް ލިޔުމުން އޮޅުން ފިލުވުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.
އެހުށަހެޅުއްވުން ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ، އަބުދުﷲ ރިޔާޒު މާލެ އައުމަށް ހުއްދަދިން މައްސަލައަކީ، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި، ފުލުހުންގެ ފަރާތުން ބޭއްވި ދެ ނިއުސް ކޮންފަރެންސްގައި ރައްްޔިތުންނަށް އޮޅުން ފިލުވާދީފައިވާ މައްސަލައެއް ކަމަށެވެ. އަދި އެއީ އެއްވެސް ބަޔަކަށް ނޭނގި ކޮށްފައިވާ ކަމެއްނޫން ކަމަށާއި، އެކަމުގައި ދެން ކުރެވެންއޮތީ ހުއްދަދިން ގޮތް އެ ދެފަރާތުން ލިޔުމުން ހޯދުން ކަމަށެވެ.
މީގެ އިތުރުން "މިކަހަލަ ޕެޓީކަންކަން ނަގައިގެން މިދަނޑިވަޅުގައި އެންއީއޯސީ އާއި ފުލުހުންނަށް އުނދަގޫ ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން،" ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނު ވިދާޅުވީ، އެ މައްސަލައިގައި، ރިޔާޒް މާލެ އައީ ކޮންކަމަކާތޯ ބެލުމަށް، އޭނާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން ޖެހޭ ކަމަށެވެ. ރިޔާޒާ އެއްގޮތަށް މާލެ އައުމުގެ ހުއްދައަށް އެދުނު ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބުދުލް މުގުނީ އާއި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވެސް އެ ބޭފުޅުން ހުއްދައަށް އެދިފައިވާ ގޮތް ބެލުމަށް ކޮމިޓީއަށް ހާޒިރު ކުރުމަށް ހާރޫނު ހުށަހެޅުއްވިއެވެ.
މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަަދު ރާއީ ވިދާޅުވީ، އެ ކޮމިޓީއަށް ރިޔާޒު ހާޒިރުކުރަން ޖެހެނީ، މި ނާޒުކު ދަނޑިވަޅުގައި، ރަށުން ރިޔާޒު ފުރުއްވީ ކޮން މަގުސަދެއްގައިތޯ އޮޅުން ފިލުވުމަށް ކަމަށެވެ. އަދި ރިޔާޒު މާލެއައުމަށް ފުރަމުން "މިއަދުގެ ހިތްގައިމު ފަތިހު ވަގުތުގައި ރަށުން ފުރައިގެން އިރުމެދު ނުޖެހެނިސް މާލެ އާދެވިއްޖެ. ތިމަރަފުށީގަ ހޭދަކުރި 15 ދުވަހު އެކިގޮތްގޮތުން އެހީތެރިވެދެއްވި އެންމެންނަށް ޝުކުރު ދަންނަވަން،" ކަމަށް ވިދާޅުވި ކުރެއްވި ޓުވީޓް އަމިއްލައަށް ސޯޝަލް މީޑިއާގައި ހާމަކުރި ގޮތް ކޮމިޓީއަށް ސާފުކޮށް އޮޅުން ފިލުވައިދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، ރިޔާޒަށް ހުއްދަ ލިބުނު ގޮތަށް، ހުއްދަ ހޯދައިގެން މުގުނީ އާއި ފިރުޝާން ވެސް މާލެ އައިސްފައިވާ ކަމަށާއި، އެހެންކަމުން މިކަމުގައި އިތުރަށް އޮޅުން ފިލުވާނެ ކަމެއް ނެތް ކަަމަށެވެ. އަދި މިއީ ހާއްސަ ހާލަތެއް ކަމަށާއި، އެޗްޕީއޭއިން މަސައްކަތް ކުރަމުންދާނީ މި ހާއްސަ ހާލަތުގައި އެފަރާތަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުން ކަމަށާއި، މި ދަނޑިވަޅުގައި މުއައްސަސާތަކަށް އުނދަގޫކުރުމުގެ ބަދަލުގައި އެތަންތަނަށް އިތުބާރު ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި ނާޒިމްގެ ހުށަހެޅުން ފިޔަވައި އެއްވެސް ހުށަހެޅުމަކަށް ތާއީދުވެސް ލިބިފައެއް ނުވެއެވެ.
އަބްދުﷲ ރިޔާޒަށް މާލެ ވަޑައިގެންނެވުނު ގޮތާ ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެފައިވަނީ އަބްދުﷲ ރިޔާޒު މާލެ ވަޑައިގަތުމަށް ހުއްދަ ދިނީ އެހެން މީހުންނަށްވެސް ދޭ އުސޫލުން ކަމަށާއި އެކަމުގައި ތަފާތުކޮށްފައި ނުވާނެ ކަމަށެވެ.
ފައިރޫޝް ވިދާޅުވީ، މާލެ ވަޑައިގަތުމުގެ ހުއްދައަށް ރިޔާޒް އެޗްޕީއޭގައި އެދިވަޑައިގެންފައިވަނީ އީމެއިލްގެ ޒަރީއާއިން މިމަހުގެ 17 ވަނަ ދުވަހުގައި ކަމަށާއި އެ އީމެއިލް 18 ވަނަ ދުވަހު އެޗްޕީއޭއިން ފުލުހުންނަށް ފޯރުކޮށްދިނުމުން، ފުލުހުންގެ ފަރާތުން އެ އީމެއިލަށް ޖަވާބު ދީފައިވާނީ 25 އޭޕްރީލްގައި ކަމަށެވެ.
"ދެން މިކަމާ ގުޅިގެން ފުލުހުންނަށް ހުއްދަ ދެވޭނެ ކަމަށް ނިންމާފައި މިއޮތް ނިންމުމާ ގުޅިގެން 18 އޭޕްރީލްގައި މި ލިބުނު އީމެއިލަށް ފުލުހުން ޖަވާބު ދީފައި މިވަނީ 25 އޭޕްރީލްގައި. ފުލުހުންގެ ފަރާތުން މި ޖަވާބު ދެވުނީ އެންއީއޯސީގައި ގާއިމުކޮށްފައި ހުންނަ ޕޮސިލް ކްލަސްޓާއިން ބަލަން ޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހު، ރިޔާޒަށް ވަކި ހާއްސަ ހުއްދައެއް ދެވުނީއެއް ނޫން." ފައިރޫޝް ވިދާޅުވިއެވެ.
ފައިރޫޝް ވިދާޅުވީ، އަތޮޅުތެރެއިން މީހުން ގެނައުމުގައި އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި އެކަމުގައި އަމަލު ކުރާނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.