ވިޔަފާރި

ސަޓާގެ ނޮމިނޭޝަންތަކަށް ވޯޓު ލުމުގެ މުއްދަތު އޮކްޓޯބަރު މަހުގެ ނިޔަލަށް އިތުރު ކޮށްފި

މަރިޔަމް ޝަހުދާ

ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ޝަރަފުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ނޮމިނޭޝަން ތަކަށް އޮންލައިންކޮށް ވޯޓު ލުމުގެ މުއްދަތު އޮކްޓޯބަރު މަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

ސަޓާގެ ފަރާތުން އިއްޔެ އާންމު ކުރި ނޫސްބަޔާނުގައި ވަނީ ނޮމިނޭޝަންތަކަށް އޮންލައިންކޮށް ވޯޓު ލުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ކަމަށެވެ. އަދި ޖޫރީ އިވަލުއޭޝަންގެ މަސައްކަތްވެސް ކޮވިޑް 19 އާއި ގުޅިގެން ފަސް ކޮށްފައިވާ ކަމަށް ސަޓާ އިން މައުލޫމާތު ދެއެވެ.

އެގޮތުން https://www.southasiantravelawards.com ސައިޓު މެދުވެރިކޮށް މި އެވޯޑަށް ނޮމިނޭޓު ވެފައިވާ ފަރާތްތަކަށް ވޯޓު ދެވޭނެ ކަމަށް ސަޓާއިން ބުނެއެވެ. މިއަހަރުގެ އެވޯޑަށް 40 އަށް ވުރެ ގިނަ ކެޓަގަރީއަކުން 1000 އަށް ވުރެ ގިނަ ނޮމިނޭޝަން ލިބިފައިވާ ކަމަށް ސަޓާ އިން ބުނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ކުންފުނިތަކުގެ އިތުރުން ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި ހިމެނޭ އިންޑިއާ، ބޫޓާން، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީ ލަންކާގެ ކުންފުނި ތައް ހިމެނޭ ކަމަށް ސަޓާއިން ބުނެއެވެ.

ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. ހައިރައިޒުން އިންތިޒާމު ކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ ސަޓާ މިއަދު ވެފައިވަނީ، ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ އެވޯޑަކަށެވެ. އެގޮތުން އެ މަސައްކަތުގެ އަގު ވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގްވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފައެވެ.

މިއަހަރުގެ ސަޓާ އެވޯޑްސް ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އެންމެ ފަހު ކުއާޓާގައެވެ. އެގޮތުން ސަޓާ 2020ގެ ޕާޓްނަރުންނާއެކު ޖެނުއަރީ މަހު ވަނީ ސޮއިކޮށްފައެވެ. ސަޓާ 2020ގެ ޕްލެޓިނަމް ޕާޓްނަރަކީ ގަލްފް ކްރާފްޓް މޯލްޑިވްސްއެވެ. އަދި ގޯލްޑް ޕާޓްނަރަކީ ހޯކްސް ޕްރައިވެޓް ލިމިޓެޑް އެވެ.