ރައްޔިތުންގެ މަޖިލިސް

ފިލްޒާ މަޖިލީހުގެ ރައީސް ގާސިމަށް ދެއްވި ގާނޫނީ ލަފާ ލީކުވީ ކީއްވެ؟

3

ހަގީގަތް ނޭނގޭ މަރުތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްއަށް ފޮނުއްވި ގާނޫނީ ލަފާގެ ސިޓީ މި ވަނީ މީޑިއާއަށް ލީކުވެފަ އެވެ.

އެ ސިޓީ އަކީ ބިލާ ގުޅޭ ގޮތުން ގާނޫނީ ލަފަޔަކަށް އެދިވަޑައިގެންފައި ވާތީ އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސަށް ފިލްޒާ ފޮނުއްވެވި ސިޓީއެކެވެ.

މަޖިލީހުގެ ގަވައިދުތަކާއި އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން އެ މަޖިލީހުގެ ރައީސް މައްސަލައެއްގައި ގާނޫނީ ލަފައެއް ބޭނުންފުޅުވެއްޖެ ނަމަ އެލަފައެއް ދެއްވާނީ މަޖިލީހުގެ ކައުސިލާ ޖެނެރަލް އެވެ. އަދި މި ގޮތުން ދެއްވާ ލަފަޔަކީ ސީދާ މަޖިލީހުގެ ރައީސް އާއި ކައުންސިލާ ޖެނެރަލްއާ ދެމެދު ހިންގާ މުއާމަލާތެކެވެ.

ރާއްޖޭގެ އެކި މުއައްސަސާ ތަކުގައި ހިންގާ ސިއްރު އެކި ކަހަލަ މުއާމަލާތްތައް ލީކުވުމުގެ މައްސަލައަކީ މި ފަހަކަށް އައިސް ސީރިއަސް މައްސަލައަކަށް ވަނީ ވެފަ އެވެ. ފާއިތުވި ދުވަސް ތަކުގެ ތެރޭގައި ދައުލަތުގެ ރަސްމީ ގިނަ ލިޔުންތަކެއް ވަނީ ލީކުކޮށްލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ދެއްވާ ލަފަޔަކީ މީޑިއާއަށް ލީކުވާން ޖެހޭ ލިޔުމެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެވެ އެވެ. އަދި އެފަދަ ލަފަޔަކީ ބައެއް ހާލަތުތަކުގައި ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ވެސް ގުޅިފައި ހުރެދާނޭ ލަފާ ކަމަށް ވާއިރު، އޭގެ ސިއްރުކަން ކަށަވަރުވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ރައްޔިތުންގެ މަޖިލީހަކީ ގާނޫނީ ގޮތުން މުޅި ގައުމުގެ މަސްލަހަތު ހިމާޔަތްކޮށްދޭން ޖެހޭ މުއައްސަސާ ކަމަށްވާ އިރު، އެތަނުގެ ކައުންސިލާ ޖެނެރަލް އާއި ރައީސްއާ ދެމެދު ކުރެވޭ މުއާމަލާތްތައް މީޑިއާއަށް ލީކުވާ ނަމަ އޭގައި ސުވާލު އުފައްދަން ޖެހޭ ޖާގަ އެބަ އޮތެވެ.

މި ކަމާ ގުޅޭ ގޮތުން ކޮމެންޓެއް ހޯދުމަށް ފިލްޒާއަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނެއް ނުނަންގަވަ އެވެ.

ފިލްޒާ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީ މީޑިއާއަށް ލީކުކޮށްލެއްވީ އަމިއްލަފުޅަށްތޯ ސުވާލުކޮށް މެސެޖެއް ކުރުމުން އެ މެސެޖު "ސީން" ކުރެއްވި ނަމަވެސް ޖަވާބެއް ނުދެއްވަ އެވެ. ފަހުން ގުޅުމުން ވެސް ފޯނެއް ނުނަންގަވަ އެވެ.

މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް ފިލްޒާ ފޮނުއްވި ސިޓީގައި ފިލްޒާ ވަނީ ބިލާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފި އެވެ.

ބިލު އޮތް ގޮތުން ތަހުގީގީ އިދާރާތަކުގެ ބާރު ހަނިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވިޔަސް އެފަދަ ގާނޫނެއް ހެދިގެން ނުވާނެ ކަމަށް ފިލްޒާ ވަނީ ވިދާޅުވެފަ އެވެ.

ބިލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވައި ކައުންސިލާ ޖެނެރަލް ފިލްޒާ މަޖިލީހުގެ ރައީސް ގާސިމް އަށް ދެއްވި ގާނޫނީ ލަފާ ލީކުކޮށްލުމާ ގުޅިގެން އެކަމުގެ ފަހަތުގައި އޮތީ ކޮން ސަބަބެއްތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެއީ ރައީސްގެ އިސްނެންގެވުމަށް މަޖިލީހަށް ފޮނުއްވާފައިވާ ބިލު ފާސްވިޔަ ނުދިނުމަށް ރޭވިގެން ކުރިޔަށްދާ ކަމެކެވެ.

މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާއަށް މެސެޖުކުރުމުން ވެސް ޖަވާބެއް ނުދެއްވި އެވެ. ގުޅުމުން ފޯނެއް ނުނަންގަވަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟