މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް މައްސަލައެއް ހުށަހަޅައިފައި ނުވާ ކަމަށް ހައި ކޯޓުން ބުނެފިއެވެ.
ޕީޕީއެމްގެ ފަރާތުން އިންތިހާބާ ގުޅޭ ޝަކުވާތަކެއް ހުށަހެޅުމަށް ރޭގެ ވަގުތެއްގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ހައި ކޯޓަށް ވަޑައިގެން އުޅުއްވާ ކަމަށް މީސްމީޑިއާގައި ވާހަކަތަކެއް ދެކެވިގެންދިޔައެވެ. ނަމަވެސް އެ ވާހަކަތައް ދެމެވެމުންދިޔަ ވަގުތު އާޒިމާ ވަނީ ފޭސްބުކް މެދުވެރިކޮށް، އޭނާ ހުންނެވީ ގޭގައި ކަމަށް ވިދާޅުވެފައެވެ.
ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ އެކަމާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅިފައި ނުވާ ކަމަށެވެ.
އާޒިމާއާ ގުޅޭގޮތުން އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކުރެއްވި ޓުވީޓަކާ ގުޅިގެން މަރުގެ އިންޒާރުތައް ލިބެމުންދާ ކަމަށް އާޒިމާ ވަނީ ރޭގެ ވަގުތެއްގައި ފޭސްބުކް މެދުވެރިކޮށް ވިދާޅުވެފައެވެ.
އެ ޕޯސްޓުގައި އާޒިމާ ވިދާޅުވީ މެންބަރެއްގެ ޓުވީޓެއްގެ ސަބަބުން މަރުގެ އިންޒާރު ލިބެމުންދާ ކަމަށާއި އިންތިހާބު ބޭއްވި ދުވަހަށް ފަހު 100 އެއްހާ އިންޒާރު ލިބިފައިވާ ކަމަށެވެ.
"އިދިކޮޅު މެންބަރެއް ކުރެއްވި ޓުވީޓެއްގެ ސަބަބުން އަޅުގަނޑަށް ދަނީ މަރުގެ އިންޒާރު ލިބެމުން. އަޅުގަނޑު ކޯޓަށް ނުދާ ކަމަށް ކުރިން ވެސް ވާނީ ބުނެފަ. މީހުން ގުޅާފަ ބަލައިގެން އުޅުމަށް އެބަ އަންގާ. ބައެއް މީހުން ގުޅާފަ ކާރުގެ ރަޖިސްޓްރޭޝަން ނަންބަރު ދިނުމަށް ވެސް އެދޭ. އިންތިހާބު ބޭއްވި ދުވަހަށްފަހު 100 އެއްހާ އިންޒާރު ވަނީ ލިބިފަ. މިހުރިހާ ކަމެއް އިންސާފުވެރިތޯ؟ މިއީތޯ ޑިމޮކްރަސީއަކީ؟ އަދި އިންޓަނޭޝަނަލް ކޮމިއުނިޓީއަށް މިކަން ރަނގަޅުތޯ؟،" އާޒިމާގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވިއެވެ.
އިދިކޮޅުގައި ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާއަކީ ސައްހަ ނޫން ނަތީޖާއެއް ކަމަށް ކަނޑައެޅުމަށް އާޒިމާ ހައި ކޯޓަށް ވަޑައިގެން އުޅުއްވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.