އެމްޕީއެލްގެ ވިޔަފާރި ބަނދަރުގައި މިވަގުތު ހިދުމަތުގައި ދެމިތިބޭނީ ކޮންޓެކްޓް ޓްރޭސިން ހަދައި ރައްކާތެރި މުވައްޒަފުން އެކަނި އެކުންފުނީން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން އެންމެ ފުރަތަމަ ލޮކްޑައުންވުމާއެކު ގިނަ އަދަދެއްގެ ބޯޓު އެއްފަހަރާ އައުމުގެ ސަބަބުން މުދާ ބޭލުމުގައި ދަތިތަކެއް ދިމާވި ކަމަށާއި ނަމަވެސް މިހާރު މުދާ ބޭލުމުގައި ހުރި ދަތިތައް ފިލުވާލެވިފައިވާ ކަމަށެވެ. އަދި ބަނދަރުގައި ހުރި މުދާ ވީހާވެސް އަވަހަށް ކްލިއާ ކޮށްދިނުމަށް އެދޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"މިހާރު ބޯޓުތަކުގެ ހުރި ބެކްލޮގްތައް އަޅުގަނޑުމެންނަށް ކްލިއާ ކޮށްލެވިއްޖެ. ދެން މިހާރު ބަނދަރުގެ ހުރި މުދާ ކްލިއާ ކުރުމުގައި ނެތް އެއްވެސް ކަހަލަ ހުރަހެއް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މުދާ ގެނައުމުން ބޯޓުގައި ގިނަދުވަހު ބެހެއްޓުން އަދި މިހާރު މުވައްޒަފުން މަދުވުމާއި މަސައްކަތްކުރާ ވަގުތު މަދުވުމުން ގިނަ ދުވަހު ކްލިއާ ނުކޮށް ހުރުމުން މުދާ ބެހެއްޓުމުން ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން ބަރުމުދާ ބަނދަރުގައި ހުރުމުން ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެހެންކަމުން މުދަލުގެ ވެރިފަރާތްތަކުން ވީހާވެސް ގިނައިން މުދާ ކްލިއާ ކުރުމަކީ އެކުންފުނިން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށް އެމްޑީ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ބޭރުން ގެންނަ މުދާ ބާލާއިރު އަދި މުދާ ކްލިއާ ކުރުމުގައިވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. މީގެ އިތުރުން މުދާ ކްލިއާ ކުރަން ވަންނަ މަޖޫރީންނާއި ވެހިކަލް ދުއްވާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ވެސް ހާއްސަ ފިޔަވަޅުތަކެއް އެކުންފުނިން އަޅައިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.