އެމްޕީއެލް

އެއް މުވައްޒަފަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި، އޭނާ އެންމެ ފަހުން އޮފީހަށް ނުކުތީ އޭޕްރިލް 18ގައި: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް ގެ އެއް މުވައްޒަފަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށާއި އޭނާ އެންމެ ފަހުން އޮފީހަށް ނުކުތީ މިދިޔަ މަހު 18ގައި ކަމަށް އެކުންފުނިން ބުނެފިއެވެ.

މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފަކު މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"ސީދާ އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެމްޕީއެލްގެ އެއް ސްޓާފަކު ޕޮޒިޓިވްވެފައިވޭ. އެ ސްޓާފު ޕޮޒިޓިވިކަން އެނގިފައި ވަނީ މީގެ ހަތަރު ފަސް ވަރަކަށް ދުވަސް ކުރިން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ޕޮޒިޓިވް ވި މުވައްޒަފަކީ އެމްޕީއެލްގައި ލޮކްޑައުންވެގެން މަަސައްކަތް ކުރާ ސްޓާފެއް ނޫން ކަމަށެވެ. އަދި އެ މުވައްޒަފު އެންމެ ފަހުން މަސައްކަތަށް ނުކުތީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

އެ މުވައްޒަފުގެ އިތުރުން އެހެން އެއްވެސް މުވައްޒަފަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާކަމަށް ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، ސަރުކާރު ގިނަ މުވައްޒަފުންތަކެއް ހުޅުމާލެ ކޮވިޑް ވިލެޖްގައި މަސައްކަތް ކުރާއިރު އެމްޕީއެލްގެ މުވައްޒަފުން ކޮވިޑް ވިލެޖުގެ އަމަލީ މަސައްކަތުގައި ބައިވެރި ނުވާ ކަމަށެވެ. ނަމަވެސް، އެތަނަށް ބޭނުންވާ ސާމާނު ހުރި ކޮންޓެއިނަރުތަކެއް ފޮނުވައިދިންކަމަށް އޭނާ ވިދާޅުވި އެވެ.