އެމްޕީއެލްގެ 100 އަށްވުރެ ގިނަ މުވައްޒަފުން ހިދުމަތްދެމުން އަންނަނީ އެމްޕީއެލްގެ ވިޔަފާރި ބަނދަރުގައި ލޮކްޑައުންގައި ތިބެގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީ ޝާހިދު ވިދާޅުވީ އެމްޕީއެލްގައި ލޮކްޑައުން ވެގެން މަސައްކަތުގައި އުޅެނީ ވަރަށް މުހިއްމު މުވައްޒަފުންތަކެއް ކަމަށެވެ. އޭގެ ތެރޭ ހެވީ ވެހިކަލް އޮޕަރޭޓަރުން، ވިންޗް އޮޕަރޭޓަރުން، ޓަގް އޮޕަރޭޓަރުން، އަދި އެހެނިހެން ވެެހިކަލްތައް އޮޕަރޭޓް ކުރާ މުވައްޒަފުން ހިމެނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ބަސް ޑްރައިވަރުންނާއި ކްރޭން ޑްރައިވަރުން ވެސް ތިބީ އެމްޕީއެލްގެ ލޮކްޑައުންގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އެމްޕީއެލް ޕޯޓުގައި ލޮކްޑައުންގައި ތިބީ ޕޯޓުގެ އޮޕަރޭޝަނަށް މުހިއްމު ސްކިލްޑް މަސައްކަތްތެރިންގެ އިތުރުން އެންމެ ކްރިޓިކަލް، އަދި އެންމެ މުހިއްމު މުވައްޒަފުންގެ ތެރެއިން ބައެއް ކަމަށެވެ.
މިފަދައިން މަސައްކަތްތައް ރާވާފައިވަނީ މި މުވައްޒަފުން ކޮވިޑް 19އަށް ހުށަހެޅުމުގެ ފުރުސަތު ވީހާވެސް ކުޑަ ކުރުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މި ނިންމުމަކީ މުވައްޒަފުން މަސައްކަތަށް ފަހު ގެއަށް ދާނަމަ އެ މުވައްޒަފުން ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެ، ޕޯޓުގެ މަސައްކަތްތަކަށްވެސް ބުރޫ އަރާނެކަމަށް ފެންނާތީ ނިންމި ނިންމުމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މި ހާލަތުގެ ގޮތުން އެކި ގޮންޖެހުންތައް ދިމާވެފައިވާ ކަމަށެވެ. އެމްޕީއެލް ޕޯޓުގެ މަސައްކަތްތައް ކުރުމުގައި އިސްކަން ދިނީ ވޮލަންޓިއާ ކޮށްގެން އަމިއްލައަށް ވަޒީފާއަށް ނިކުންނަ މުވައްޒަފުންނަށް ކަމަށާއި، މި ހާލަތުގައި އެމްޕީއެލް އަށް ހިދުމަތް ދެވޭނެ މުވައްޒަފުންގެ އަދަދަށް ބެލުމަށް ފަހު ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމްޕީއެލް ޕޯޓުގައި މަސައްކަތް ކުރާ އެތައް މުވައްޒަފުންނެއް މިހާރުވެސް ތިބީ އަމިއްލަ ގޭގައި ލޮކްޑައުންގައި ކަމަށް ވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.