ޓެކްނޮލޮޖީ

12 ފޫޓުގެ އާ ސެމްސަން ޓިވީ އަންނަ އަހަރު ވިއްކަން ފަށަނީ

ސެމްސަން އިން އަލަށް ނެރޭ ޓީވީ އަންނަ އަހަރު ވިއްކަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. 12 ފޫޓުގެ މި ޓީވީ އަށް ކިޔާ ނަމަކީ "ދަ ވޯލް" އެވެ.

ސެމްސަން އިން ބުނި ގޮތުގައި މި ޓީވީ ކަސްޓަމައިޒްކޮށް ކޮންމެ ޖާގަ އަކަށްވެސް "ބްލޮކްސް" ބޭނުން ކޮށްގެން ފިޓް ކޮށްލެވޭނެއެވެ.

ޓީވީގެ ހޯމް ވާޝަންގެ ގޮތުގައި މި ޓީވީ އަންނަ އަހަރު ރިލީސް ކުރާކަން އިއުލާން ކޮށްފައިވާއިރު އަދި ޓީވީގެ އަގެއް ސެމްސަންއިން އިއުލާނެއް ނުކުރެއެވެ. ނަމަވެސް އެ ކުންފުނިން ބުނި ގޮތުގައި މީހުން ހީވެސް ނުކުރާ ވަރަށް ޓީވީގެ އަގު ހެޔޮ ވާނެ އެވެ.

ސެމްސަންގެ ރައީސް ބުނި ގޮތުގައި ޓީވީގެ މައިކްރޯ ލެޑް ޓެކްނޮލޮޖީ ނިމިފައިވާ ކަމަށާއި ދެން ބާކީ އޮތީ އޭގެ ޕްރޮޑަކްޓަޝް ސްޓޭޖް ކަމަށެވެ. "ދަ ވޯލް"އަށް ޓީވީގެ ބަދަލުގައި ޑިސްޕްލޭ ނުވަތަ ސްކްރީން ކިޔުމަށް ސެމްސަންގެ ރައީސް ވަނީ އެދިފައެވެ.

"މި ޕްރޮޑަކްޓްސް ތަކަށް ޓީވީ ކިޔާކަށް ނުޖެހޭނެ. މޯބައިލް ޑިސްޕްލޭއެކޭ އެއްގޮތަށް ކޮންސިއުމަރުންނަށް މީގެން އެމީހުން ބޭނުން ކޮންމެ ކަމެއް ކޮށްލެވޭނެ." ސެމްސަންގެ ރައީސް ހަން ޖޮންގ ހީ ބުންޏެވެ.