ބޮލީވުޑް

ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމުގައި ސަލްމާން އަދި އަނުޝްކާ

ސަލްމާން ޚާން އަދި އަނުޝްކާ ޝަރުމާގެ ޖޯޑުވަނީ 2016 ވަނަ އަހަރު ނުކުތް ފިލްމް "ސުލްތާން"އިން މަގްބޫލުކަން ހޯދައިފައެވެ. އެއީ އެދެތަރިން އެކީގައި ފިލްމެއް ކުޅުނު ފުރަތަމަ ފަހަރަށް ވެފައި، ފިލްމުގައި ދެތަރިންގެ ކެމިސްޓްރީއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މިހާރު ރިޕޯޓުތައް ބުނާ ގޮތުގައި ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމްގައި ތަރިންގެ ގޮތުގައި ހަރަކާތްތެރި ވާނީ ސަލްމާން އަދި އަނުޝްކާއެވެ. އަދި މި ފިލްމާ ބެހޭ މާބޮޑު މައުލޫމާތު ހިއްސާކޮށްފައި ނުވި ނަމަވެސް ސަލްމާން ވަނީ ސަންޖޭގެ ފިލްމުގައި ހަރަކާތްތެރިވާ ކަމަށް އިއުތިރާފުވެފައެވެ. އަދި އަނުޝްކާވެސް އެހެން ފިލްމްތަކުގައި ސޮއި ނުކޮށް މަޑުކޮށްގެން ހުރީ ސަންޖޭގެ ފިލްމްގެ ޝޫޓިން ތާރީހުތައް ފައިނަލް ވަންދެން ކަމަށް މައުލޫމާތު ލިބެއެވެ.

ސަލްމާން ވަނީ މީގެ ކުރިންވެސް ސަންޖޭގެ ފިލްމް "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގައި ހަރަކާތްތެރިވެފައެވެ. އެ ފިލްމަކީ ލޯބީގެ ފިލްމެކެވެ.

މިދުވަސްކޮޅު ސަލްމާން މަސައްކަތް ކުރަމުން އަންނަނީ އަލީ އައްބާސް ޒަފަރުގެ "ބާރަތް" ގައެވެ. މި އަންނަ އީދުގައި ރިލީސް ކުރަން ހަމަޖެހިފައިވާ އެ ފިލްމުގައި ކެޓްރީނާ އާއި ސުނިލް ގްރޯވަރު، ދިޝާ ޕަޓާނީ އަދި ނޯރާ ފަޓެހި ފެނިގެން ދާނެއެވެ.

އަނެއްކޮޅުން އަނުޝްކާ އަންނަނީ އޭނާގެ ފިލްމް "ޒީރޯ" ރިލީސް ކުރާ ތާރީހުގެ ފަހު ދުވަސްތައް ގުނަމުންނެވެ. ޑިސެމްބަރު 21 ގައި ރިލީސްކުރާ މި ފިލްމްގައި ޝާހުރުކް ޚާން އާއި ކެޓްރީނާ ފެނިގެން ދާނެއެވެ.