މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ހުޅުވަން ބޭނުންވާ ފިހާރަތަކާއި ޑެލިވެރީތަކަށް ހުއްދަ ނެގުމަށް ސީދާ ފުލުހުންނަށް ހުށަހަޅަން އަންގައިފި

އަލީ ޔާމިން

ހުޅުވަން ބޭނުންވާ ފިހާރަތަކާއި ޑެލިވެރީތަކަށް ހުއްދަ ނެގުމަށް ސީދާ ފުލުހުންނަށް ހުށަހަޅަން އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، މީގެ ކުރިން އޮތް ގޮތުން ފިހާރަތަކަށް އަދި ޑެލިވަރީގެ ހުއްދައަށް އެދި ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަދި ސިޓީ ކައުންސިލަށް ކަމަށެވެ. އަދި އެ ދެ އިދާރާއަށް އެ މައުލޫމާތު ހުށަހެޅުމުން ހުއްދަތައް ދޫކުރަމުން އައިސްފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަމަށެވެ.

ނަމަވެސް އެ އުސޫލު އަލުން ރިވިއުކޮށް މިއަދު މެންދުރު 12 އިން ފެށިގެން އަމަލު ކުރަން ފެށި އާ ސިސްޓަމްގެ ދަށުން ހުޅުވަން ބޭނުންވާ ފިހާރަތަކާއި ޑެލިވެރީތަކަށް ހުއްދަ ނެގުމަށް ބޭނުންވާ ފަރާތްތަކުން ސީދާ ހުށަހަޅަން ޖެހެނީ ފުލުހުންނަށް ކަމަށް ވިސާމް ވިދާޅުވިއެވެ.

"މިއަދު މެންދުރު 12 އިން ފެށިގެން އަމަލު ކުރަން މި ފެއްޓި އާ ސިސްޓަމްގެ ދަށުން ހުރިހާ ފިހާރަތައް އަދި ޑެލިވަރީ ޕާމިޓަށް އެދިވަޑައިގެންނަވާ ފަރާތްތަކުން ސީދާ ހުށަހަޅުއްވަން މިޖެހެނީ މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް." ވިސާމް ވިދާޅުވިއެވެ.

ސްޕްރިޑެންޓް އޮފް ޕޮލިސް ހުސެން ސަމީރު ވިދާޅުވީ، ފުލުހުން އަލަށް ދޫކުރާ ފާސްތަކުގެ ސަލާމަތީ ފީޗާތައް ވަރުގަދަވާނެ ކަމަށާއި އެގޮތުން އެއީ ކޮން ކޮން ފަރާތަކަށް ކީއްކުރަން ދޫކޮށްފައިވާ ފާހެއްކަން، ފާހުގައިވާ ކިއުއާރް ކޯޑުން ދެނެގަނެވޭނެ ކަމަށެވެ. އަދި ހަތަރު ވައްތަރެއްގެ ފާހެއް ދޫކުރުމަށް ފުލުހުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.