ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓް މިނިސްޓަރު އަހްމަދު މަހުލޫފު، ބޮޑީބޯޑަރުންގެ ޝަކުވާތައް އަޑުއެހުމަށް ބޮޑީބޯޑަރުންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައިފިއެވެ.
މަހުލޫފު ވަނީ އިއްޔެ ރާޅުގަނޑު ސަރަހައްދަށް ވަޑައިގެން، ބޮޑީބޯޑިން ދަސްކުރެއްވުމަށްޓަކައި ސެޝަނެއްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. މަހުލޫފާއެކު ބޮޑީބޯޑިން ޗެމްޕިއަންގެ ގޮތުގައި ފާހަގަކޮށްލެވޭ އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ) ވެސް ބައިވެރިވިއެވެ.
މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރު އޮތީ ހުނަރުވެރިންނަށް ތަރުހީބުދީ، ކުރިމަގުގައި ގައުމަށް ރަން ވަނަތައް ހޯދައިދޭނެ ޗެމްޕިއަނުން ބިނާކުރުމަށް ތައްޔާރަށް ކަމަށެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދީފައިވާ ކުޑަ އައްޔަ ކުރި ޓުވީޓެއްގައި ބުނީ ކުޅިވަރާ ބެހޭ ވަޒީރާ ބައްދަލުކުރެވުމުން ވަރަށް އުފާކުރާ ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް އިތުރު ސެޝަންތަކެއްގައި މަހުލޫފު ބައިވެރިވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ސިނާމެލެ ބުރިޖުގެ މަސައްކަތަށް 2016 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައި ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުން ވަނީ މަނާކޮށްފައެވެ. މާލޭގައި ގިނަ ރާޅާއެރުންތެރިން ބޭނުންކުރަމުންދިޔަ ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުން މަނާކުރުމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއަށް ގިނަ ވަނަތަކެއް ހޯދައިދެމުންދާ ރާޅާއެޅުމާއި ބޮޑީބޯޑިންގެ ހަރަކާތްތައް ހުއްޓުމަކަށް ދިޔައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އޭރު ހިތްހަމަނުޖެހުން ވެސް ފާޅުކުރިއެވެ.