ކޮވިޑް 19ގެ ސަބަބުން މާލީ ދަތިތައް ކުރިމަތިވެފައިވާ އެތުލީޓުންނަށް އެހީވުމަށްޓަކައި ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަނާއި، އިންޓަނޭޝަނަލް އެތުލެޓިކްސް ފައުންޑޭޝަން ގުޅިގެން ފަންޑެއް ހުޅުވައިފި އެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކުޅިވަރު އެތުލީޓުންނަށް މާލީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ދުނިޔޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
އެހެންކަމުން ދުނިޔޭގެ އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް ސެބަސްޝިއަން ކޯ ގެ އިސްނެންގެވުމާ އެކު އެތުލީޓުންނަށް އެހީވުމަށް ޓަކައި ވަނީ މަސަައްކަތްތަކެއް ފަށައިފަ އެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތުލީޓުންގެ ހާލު ވަރަށް ގާތުން ބަލަމުން މިއަންނަނީ. ވޭތުވެ ދިޔަ ދެ މަހެއްގެ ތެރޭގައި ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލާފައި އޮތުމުން އެތުލީޓުންނަށް ވަނީ މާލީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައި،" ކޯ ބުނެފައިވެ އެވެ.
ޕްރޮފެޝަނަލް ގިނަ އެތުލީޓުންނަކީ މުބާރާތްތަކުން ލިބޭ ވަނަތަކުގެ އާމްދަނީން ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓާ އެތުލީޓުންނެވެ. އެހެންކަމުން މުބާރާތްތައް މެދުކަނޑާލުމުން އެފަދަ އެތުލީޓުންނަށް ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށް ކޯ ވަނީ ބުނެފައެވެ.
ކޯ ބުނީ އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން އެތުލެޓިކްސްގެ ހަރަކާތްތައް ފެށި، އެތުލީޓުންނަށް އާއްމުދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ތަނަވަސްކޮށްދިނުން ކަމަށާއި މިހާރު ލިބިފައިވާ ފަންޑުން އެތުލީޓުންނަށް އެހީވާން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅުގެން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސް އާއި ޕެރަލިމްޕިކް ގޭމްސް ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އަދި ދުނިޔޭގެ ހުރިހާ ކުޅިވަރު މުބާރާތެއް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.