(27 އޭޕްރީލްގެ އަދަދާ ގުޅޭ)
ޒަރުބަޚުތު يـاسمـين އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ނަމަވެސް އޭނާއަށް އެއްވެސް އެއްޗެކޭ ވިދާޅުވާކަށެއް ކެރިވަޑައެއް ނުގެންނެވިއެވެ. يـاسمـين ހިނިފުޅުވަޑުވަނީއެވެ. ނަމަވެސް އޭނާގެ ރީތި ލޯފުޅުގައިވަނީ ކަރުނަފޮދެވެ. ސަރޫޝް އޭނާގެ އަސްކޮޅު ދުއްވައިލެއްވުމާއެކު އެކުޑަކުޑަ ޤާފިލާ އެތަނުން ދަތުރު ފަށައިފިއެވެ.
އަމްޣީޝިޔާއަކީ ފުރާތުކޯރުގެ އައްސޭރީގެ މުހިންމު ވިޔަފާރީގެ މަރުކަޒެކެވެ. خــالــد بــن الـوليـد رضـى اللّـه عنـــه އެރަށް ފަތަޙަކުރެއްވުމަށްފަހު އެރަށުގެ ވިޔަފާރީވެރީންގެ އަތުން ބައްތެލިފަހަރު ހޯއްދަވައިގެން ކޯރުގެ މަގުން މިސްރާބު ޖެއްސެވީ ޙީރަތާ ދިމާޔަށެވެ. އެކަލޭގެފާނުގެ އަރިހުގައި އެކުވެރީންގެ ބަޔަކު ގެންދެވިއެވެ. ލަޝްކަރުގެ އަނެއްބައި ޙީރަތަށް ފޮނުއްވީ އެއްގަމުމަގުންނެވެ. ޙީރަތަކީ ޢިރާޤުގެ ކްރިސްޓިޔަނުންގެ މަރުކަޒެވެ. އެދުވަސްވަރު އެރަށުގެ އީރާނީ ގަވަރުނަރުގެ ނަމަކީ އާޒާދުބާއެވެ. خــالــد بــن الـوليـد رضـى اللّـه عنـــه ކޯރުގެ ތެރެއިން ތަންކޮޅަކަށް ވަޑައިގެންނެވިތަނާ ޙީރަތުގެ އަހުލުވެރީން ކޯރުގެ ފެންގަނޑު ހިފަހައްޓައިފައި އެހެނިހެން އާރުތަކާ ދިމާޔަށް ފެންގަނޑު ދޫކޮށްލައިފިއެވެ. خــالــد ގެފާނާއި އެކަލޭގެފާނުގެ އެކުވެރީން ދަތުރުކުރެއްވި ބައްތެލިފަހަރު ކިސަޑުގަނޑުގައި ހައްޔަރުވެއްޖެއެވެ. خــالــد ގެފާނު އެކަލޭގެފާނުގެ އެކުވެރީންގެ ބަޔަކާއެކު ބައްތެލިފަހަރުން ފައިބައިވަޑައިގެން ވަޑައިގެންނެވީ ކޯރުގެ ފެންގަނޑު ހިފަހައްޓާ ޑޭމާ ދިމާޔަށެވެ. خــالــد ވަޑައިގެން ކޯރުގެ ފެންގަނޑު ހުއްޓުވަންތިބި އީރާނު ސިފައިންގެ ގެމަތަކާ ޙަމަލަދެއްވައިފިއެވެ. އެމީހުންގެ ވެރިޔަކަށް ހުންނެވީ އާޒާދުބާގެ ދަރިކަލުންނެވެ. ގިނައިރެއް ނުވަނީސް އާޒާދުބާގެ ދަރިކަލުން ޤަތުލުވެއްޖެއެވެ. މަރުވެފައިތިބި އެތައްބަޔެއްގެ ހަށިތައް ދޫކޮށްލައިފައި އީރާނުގެ ސިފައިން ފިލައިގެން ހިނގައްޖެއެވެ.
خــالــد بــن الـوليـد رضـى اللّـه عنـــه ކޯރުގެ ފެންގަނޑު ހުޅުވައިލެއްވުމަށްފަހު އެނބުރިވަޑައިގެން އެކަލޭގެފާނު ލަޝްކަރާ ބައްދަލުކުރައްވައިފިއެވެ. خــالــد ގެފާނު އަނެއްކާވެސް ބައްތެލިފަހަރުގައި ދަތުރުކުރައްވަމުން ޚަވަރުނަގުގެ ކައިރިޔަށް ވަޑައިގެން އެއްގަމަށް ފައިބައިވަޑައިގެންފިއެވެ. خــالــد ގެފާނު ލަޝްކަރާއިގެން ވަޑައިގެން ޚަވަރުނަގާއި ނަޖުފު ފަތަޙަކުރެއްވިއެވެ. އެއަށްފަހު ކުރިޔަށް ވަޑައިގެން ހީރަތުގެ ރަށްބޭރުގައި ލަޝްކަރު މަޑުކުރައްވައިފިއެވެ.
އާޒާދުބާއަށް އޭނާގެ ދަރިކަލުން ޤަތުލުވީ ޚަބަރާއި ކިސްރާ އުރުދުޝޭރު އަވަހާރަވި ޚަބަރު ލިބިވަޑައިގެންނެވުމާއެކު އޭނާ ހީރަތުން ފިލައިވަޑައިގެން ވަޑައިގެންފިއެވެ. ހީރަތުގެ އަހުލުވެރީން ރަށުގެ ބޭރުފާރާ އިންވެގެންހުރި ހަތަރު ކިއްލާޔަށް ވަދެ ޙިޞާރުވެގަތެވެ. خــالــد بــن الـوليـد رضـى اللّـه عنـــه މުސްލިމުންގެ ހަތަރު ޖަނަރަލުން އެ ހަތަރު ކިއްލާއަށް ޙަމަލަދެއްވާން ޢައްޔަންކުރެއްވިއެވެ. (އެ ހަތަރު ޖަނަރަލުންނަކީ مثــنّـى بــن حــارثـــة، ضرار بن خطّاب، ضرار بن الأزور، ضرار بن مقرن (رضى اللّـه عنــهم) އެވެ. مثــنّـى ޙަމަލަދެއްވީ ޤަސްރު ބަނީބުގައިލާއަށެވެ. ضرار بن خطّاب ޙިސްނު ޢަދަސިއްނީނަށެވެ. ضرار بن الأزور ޤަސްރު އަބްޔަޟަލަށެވެ. ضرار بن مقرن ގަސްރުބަނީ މާޒިނަށެވެ.) ހީރަތުގެ މީހުން މުސްލިމުންދެކެ ޖެހިލުންވުމުގެ ސަބަބުން މާގިނަދުވަހަކު ޙިޞާރުވެގެން ތިބޭކަށެއް ނުކެރުނެވެ. ޢީސާއީ ޤަބީލާތަކުގެ ވެރީންނާއި ފައްޅިތަކުގެ އިސްމީހުންގެ ވަފުދެއް خــالــد بــن الـوليـد رضـى اللّـه عنـــه ގެ އަރިހަށް އަތުވެއްޖެއެވެ. އެމީހުން ޞުލްޙައިގެ ޝަރުޠުތައް ޤަބޫލުކޮށް ކިއްލާތަކުގެ ދޮރާށިތައް ހުޅުވައިލިއެވެ.
މުސްލިމުން ޞުލްޙަވެރިކަމާއެކު ހީރަތު ފަތަޙަކުރުމާއި އެއަށްފަހު ޞުލްޙައިގެ ޝަރުޠުތައް ފުރިހަމަކުރުމުގައި ދެއްކި ތެދުވެރިކަމާއި ވަފާތެރިކަމުގެ ސަބަބުން އެސަރަޙައްދުގެ ޢަރަބީންގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުމަކީ ޠަބީޢީކަމެކެވެ. މާޒީގެ ތާރީޚުގައި ހަނގުރާމަވެރި ދެބައެއްގެ ދެމެދުގައި ޞުލްޙަވެވޭއިރު އަބަދުވެސް ފެނިފައިވަނީ ބާރުހުރި ފަރާތަކަށް ފަހިވާގޮތަށް ޝަރުޠުތައް އެކަށައަޅާތަނެވެ. އެއަށްފަހު ބާރުގަދަ ފަރާތުން ބޭނުންގޮތަކަށް ޢަމަލުކުރާތަނެވެ. ބަލިވެއްޖެކަމަށް އިޢުތިރާފުވާ މީހުންގެ ޖާނާއި މާލު ހުރިހައި ޙައްޤުތަކަކުން މަޙްރޫމުކުރެވޭތަނެވެ. މުޢާހަދާގެ އެއްވެސް މާއްދާއެއް އެމީހުންގެ އިންސާނީ ޙައްޤުތައް ކަށަވަރުކޮށެއް ނުދެއެވެ. ގަދަވިފަރާތުން ބޭނުން ކޮންމެ އިރަކު ގެންދަނީ އެބައިމީހުންގެ ކަނޑިތަކުގެ ތުނޑުން މުޢާހަދާގެ މާއްދާތައް ކޮށައި ކުދިކުރަމުންނެވެ. ނަމަވެސް خــالــد بــن الـوليـد رضـى اللّـه عنـــه ސޮއިކުރައްވައިފައި ހީރަތުގެ އަހުލުވެރީންނަށް ދެއްވި ކަރުދާހަކީ އެތާނގެ އަހުލުވެރީންގެ ޖާނާއި މާލާއި އެބައިމީހުންގެ ދީން ރައްކާތެރިކޮށްދިނުމުގެ ޒިންމާއާ މުސްލިމުން ޙަވާލުވިކަމުގެ ޖާމިނުވުމެކެވެ. އެހެންކަމުން ހީރަތުގެ އަހުލުވެރީންނަށް އެކަރުދާސް ވެފައިވަނީ ބިރުވެރި އަނދިރި މާޒީއެއްގެ ތެރެއިން ނިކުމެ އޭގެ ނިވަލުގައި އަލި މުސްތަޤްބަލެއް ލިބިގަތުމުގެ އައްޑަނައެއް ކަމުގައެވެ. އެ މުޢާހަދާގެ ދަށުން ހީރަތުގެ މީހުން މުސްލިމުންނަށް ދޭންޖެހޭ ޢަސްކަރީ ޓެކުހަކީ އެރަށުގެ އަހުލުވެރީން އީރާނީ ސާހިބުންނަށް ދެމުންއައި ވާރަށްވުރެ މާކުޑަކުޑަ އެއްޗެކެވެ. އެ މުޙާއަދާގައިވަނީ ބަލިކަށި ފަޤީރު ޒިންމީން ޓެކްސް ދެއްކުމުން އިސްތިސްނާކޮށްފައެވެ. މުސްކުޅީންނާއި، ނުކުޅެދޭ މީހުންނާއި، ވާރިޘަކު ނެތްމީހުންނާއި، ޔަތީމުންނަށް މުސްލިމުންގެ ބައިތުލްމާލުން ޕެންޝަން ލިބުން ލާޒިމުކޮށްފައެވެ. މުސްލިމުންނާއި، ޒިންމީންގެ ޖާނާއި މާލާއި ޢިއްޒަތާއި އަބުރުގެ ޙުރުމަތް އެއްފަދަކޮށްފައެވެ. މުސްލިމެއްގެ އަތުން ޒިންމީއަކު ޤަތުލުވެއްޖެނަމަ އެ މުސްލިމެންގެ ކިބައިން ޤިޞާޞް ހިފުމަކީ އިސްލާމީ ދައުލަތުގެ ވާޖިބެކެވެ. ސަރުކާރުގެ އެއްވެސް ފުރަދާނަޔަކު ޒިންމީއަކަށް އަނިޔާވެރިވެއްޖެނަމަ އެމީހަކުވާނީ މަގާމާ އެކަށީގެންނުވާ މީހެއް ކަމުގައެވެ. އެހެންކަމުން ހީރަތުގެ އަހުލުވެރީން ޤަރުނުތަކެއް ވަންދެން އީރާނުގެ އަނިޔާވެރިކަމާއި ގޮށްމުށުގެބާރުގެ އުޑީގައި ފިސްވުމަށްފަހު އެބައިމީހުންގެ ތާރީޚުގައި އެންމެފުރަތަމަ ފަހަރަށް އެބައިމީހުންނަށްވަނީ އިންސާނީވަންތަކަމުގެ ޙައްޤު ލިބިފައެވެ. އިންސާނުންގެ ގޮތުގައި ދިރިއުޅުމުގެ މިނިވަންކަން ލިބިފައެވެ. މުސްލިމުންގެ މިރީތި ސުލޫކުގެ ނަތީޖާއަކަށްވީ خــالــد بــن الـوليـد رضـى اللّـه عنـــه އެހިސާބުގަނޑުގެ އެހެނިހެން ސަރަޙައްދުތަކަށް މިސްރާޖަބު ޖެއްސެވުމުން އެއްބަޔަކަށްފަހު އަނެއްބަޔަކު މުސްލިމުންގެ ކިޔަމަނުގައިވުމެވެ. ހީރަތުގެ އަހުލުވެރީން ނަމޫނާއަކަށް ބަލައިގެންނެވެ. خــالــد بــن الـوليـد رضـى اللّـه عنـــه އެ ސަރަޙައްދުގެ އިންތިޒާމުތައް ބަލަހައްޓަވަން އަމީރުން ޢައްޔަންކުރެއްވިއެވެ. ޢަސްކަރީ ޗެކްޕޯސްޓުތައް ޤާއިމުކުރެއްވިއެވެ. އެއަށްފަހު ހީރަތުގައި އެކަލޭގެފާނުގެ ނާއިބަކަށް قــعقـاع بــن عَمرو رضى اللّـه عنــه ބަހައްޓަވައިފައި ދަތުރު ފެއްޓެވީ އަލްއަންބާރާ ދިމާޔަށެވެ. ހީރަތަކީ ޢިރާޤުގައި މުސްލިމުން އުފެއްދި އެންމެފުރަތަމަ ޢަސްކަރީ މަރުކަޒެވެ. خــالــد އަންބާރަށް ވަޑައިގެންނެވީ އެރަށަށް ޖަމާވަމުންދިޔަ އީރާނީ ލަޝްކަރާ ކަނޑިއާ ކަނޑި އެޅުއްވުމަށްޓަކައެވެ.
އަންބާރު ދިފާޢުކުރުމާ ޙަވާލުވެގެންތިބި އީރާނީ ސިފައިން ހަތިޔާރު ބެހެއްޓީ ވަރަށް ވަރުގަދަ ކުރިމަތިލުމަކަށް ފަހުގައެވެ. އަންބާރަށްފަހު خــالــد ގެފާނު އެކަލޭގެފާނުގެ މަންޒިލަކަށް ހެއްދެވީ ޢައިނުއްތަމްރެވެ. އެރަށަކީ ޝާމްކަރައާއި ޢިރާޤު ކަރައިގެ ސަރަޙައްދީ އިމާ ދާދިގާތުގައި އޮންނަ މުހިންމު ރަށެކެވެ. އެރަށުގެ ޙާކިމަކީ އީރާނުގެ މަޝްހޫރު ޖަނަރަލް ބެހެރާމް ޗޯބީންގެ ދަރިކަލުން މެހެރާނެވެ. އައިނުއްތަމްރުގެ އާބާދީގެ ގިނަމީހުންނަކީ ބަނީތަޣުލަބާއި، ނަމްރާއި، އިޔާދާއި، މިތިން ޤަބީލާގެ ޢަރަބި ބަދަވީންނެވެ. އެބައިމީހުންގެ ވަންހަ ވަނީ ފުރާތުކޯރުން ފެށިގެން ޝާމްކަރައިގެ ސަހަރާޔާ ހަމަޔަށް ފެތުރިފައެވެ. އެ "ގެހިފައިގެން ދަތުރުކުރާ" ޤަބީލާތަކުގެ ވިނަދަނޑުތަކަކީ މާޒީގެ ތާރީޚުގައި ރޫމީންނާއި އީރާނީންގެ ސަރަޙައްދީ އިން ފާހަގަކުރާ ހިސާބެވެ. ހީރަތުގައި ވެރިކަންކުރާ ލަޚުމީންނާއި ޝާމްކަރައިގައި ވެރިކަންކުރާ ޣައްސާނީންގެ މެދުގައި ހަނގުރާމަ ހިނގާއިރު ބަދަވީ ޤަބީލާތައް ޖެހެނީ އެކިފަހަރު އެކިއަތަށެވެ. އެއްފަހަރު ލަޚުމީންނާ ބައިވެރިވިކަމުގައިވާނަމަ އަނެއްފަހަރަކު ބައިވެރިވަނީ ޣައްސާނީންނާއެވެ. އެބައިމީހުންގެ ބަދަވީ އާދަކާދަޔާއި ޚަސީލަތްތަކުގެ ސަބަބުން ޢިރާޤާއި ޝާމްކަރައިގެ ތަންކޮޅެއް ރަށްވެހި ޤަބީލާތަކަށްވުރެ އެމީހުން މާބޮޑަށް މިނިވަނެވެ. އެބައިމީހުން މުސްތަޤިއްލު ގޮތެއްގައި ކިސްރާގެ ރައްޔިތުން ކަމަކަށެއްވެސް ޤައިސަރުގެ ރައްޔިތުން ކަމަކަށެއްވެސް ނުފެއެވެ.
خــالــد بــن الـوليـد رضـى اللّـه عنـــه ޢިރާޤަށް ވަޑައިގެންނެވުމާއެކު އެކަލޭގެފާނަށްވަނީ އީރާނީން ޢައިނުއްތަމްރަށް ސިފައިން ޖަމާކުރާ ޚަބަރު ލިބިވަޑައިގެންފައެވެ. މެހެރާން "ގެހިފައިގެން ދަތުރުކުރާ" (މުސްތަޤިއްލު ގޮތުގައި އެއްތަނެއްގައި ވަޒަންވެރިވެގެން ނުތިބޭ) ޤަބީލާތައް އޭނާއާ އެއްބައިކުރެއްވި ޚަބަރުވެސް خــالــد ވަނީ އަޑުއައްސަވައިފައެވެ. އެހައިދުރު ހިސާބެއްގައި އީރާނީން ޢަސްކަރީ މަރުކަޒެއް ހަދައި ތައްޔާރުވަމުން ދިޔުމުގެ މަޤްޞަދަކީ، މުސްލިމުން މަދާއިނަށް މިސްރާބު ޖެހުމުން ޢައިނުއްތަމްރުގައި ތިބޭ ސިފައިން އިރުދެކުނު ފަރާތުންގޮސް މުސްލިމުންގެ ފަހަތުން ޙަމަލަދިނުމެވެ. ދިޖުލަތު ކޯރާއި ފުރާތުކޯރާ ދެމެދުގެ ތަނެއްގައި އީރާނީންނާއި މުސްލިމުންނާ ދެމެދު ކާމިޔާބީގެ ނިޔާކަނޑައެޅޭފަދަ ވަރުގަދަ ހަނގުރާމައެއް ފެށިއްޖެނަމަ ޢަރަބިކަރައިން މުސްލިމުންނަށް ފޯރުމާލު ލިބުމާއި، އެހީގެ ސިފައިން އައުމުގެ މަގު ބަންދުކޮށްލުމެވެ. އެހެންކަމުން މުސްލިމުން މަދާއިނާ ދިމާޔަށް މިސްރާބު ޖެހުމުގެކުރީން ޢައިނުއްތަމްރު ފަތަޙަކޮށް އެރަށުގައި މުސްލިމުންގެ ބާރު ހިންގުމަކީ މުސްލިމުންގެ ބުރަކަށި ޙިމާޔަތްކުރުމަށްޓަކައި ކޮންމެހެން ލާޒިމު ކަމެއްކަމުގައި خــالــد رضـى اللّـه عنـــه ވަނީ ވިސްނައިވަޑައިގެންފައެވެ.
އެއްދުވަހަކު މެހްރާނަށް ލިބިވަޑައިގެންނެވި ކުއްލި ޚަބަރަކީ އިސްލާމީ ލަޝްކަރު ޢައިނުއްތަމްރަށް މިސްރާބުޖެހި ޚަބަރެވެ. މެހްރާން ބަދަވީ ޤަބީލާތަކުގެ ލަޝްކަރަށް ބާރުއެޅުއްވީ ރަށާ ދުރުގައި އިސްލާމީ ލަޝްކަރު މަތަކުރުވުމަށެވެ. އީރާނީން ޢައިނުއްތަމްރުގެ ކިއްލާގައި ރައްކާތެރިވެގަތެވެ. ބަދަވީ ޤަބީލާތަކުގެ ލަޝްކަރުގެ ލީޑަރަކީ ޢަޤަބާ ބިން އަބީ ޢައްޤާ އެވެ. އޭނާ މައިދާނަށް ނުކުތީ ޢަރަބީންނަށް ޢަރަބީންނާ ކުރިމަތިލާން މާ ރަނގަޅަށް އެނގޭނެކަމުގައި ދަޢުވާކުރަމުންނެވެ. ނަމަވެސް ހަނގުރާމަ ފެށުމާއެކު ޢަޤަބާގެ ބައިބޯ ލަޝްކަރުގެ ޙާލަތު ހުރީ ސިންގާތަކެއް ހަތަރުފަރާތުން ވަށައިލައިފައިވާ ކަންބަޅި އައިނެއްގެ ހާލު ހުންނާނެ ގޮތަށެވެ. ގަޑިޔެއްހައިއިރުގެ ތެރޭގައި ޢަޤަބާ ހައްޔަރުވެއްޖެއެވެ. އޭނާގެ އެކުވެރީން މައިދާން ދޫކޮށްލައިފައި ފިލައިގެން ހިނގައްޖެއެވެ. خــالــد ބަދަވީ ޤަބީލާތައް ކަފާސްކޮށްލެއްވުމަށްފަހު ޢައިނުއްތަމްރުގެ ކިއްލާ ޙިޞާރުކުރައްވައިފިއެވެ. އީރާނީންނަށް ޙިޞާރުވެގެން ތިބޭންކެރުނީ ދާދި ކުޑަދުވަސްކޮޅަކުއެވެ. ދުވަސްކޮޅަކު ތިބެލައިފައި އެބައިމީހުން ހަތިޔާރު ބަހައްޓައިފިއެވެ.
+ + + + +
ޢައިނުއްތަމްރުގެ މައިދާނުގައި އީރާނުގެ ލަޝްކަރު ބަލިވި ޚަބަރަށްފަހު އީރާނު މީހުންނަށް އަޑުއިވުނު އެންމެ މުހިންމު ޚަބަރަކީ خــالــد بــن الـوليـد رضـى اللّـه عنـــه އެރަށުން ނިކުމެވަޑައިގެން ކޮންމެވެސް ނޭނގޭ މަންޒިލަކާ ދިމާޔަށް ދަތުރުކުރައްވައިފި ޚަބަރެވެ. ދައުލަތުގެ ފުރަދާނައިންނާއި ސިފައިންގެ ކޮމާންޑަރުންގެ ދޫފުޅުމަތީގައިވާ ސުވާލަކީ خــالــد އެވަޑައިގެންނެވީ ކޮންތަނަކަށް ބާވައެވެ؟ މިސުވާލެވެ. އީރާނުގެ ޖާސޫސުންނަށް ހޯދުނުހައިވެސް މަޢުލޫމާތަކީ خــالــد ގެ ވެރިކަމުގެ ދަށުގައި ޢައިނުއްތަމްރުން ނިކުތް އިސްލާމީ ލަޝްކަރު ދަތުރުކުރީ ދެކުނަށްކަމެވެ. ނަމަވެސް ޢައިނުއްތަމްރުގެ ދެކުނުގައި ކިސްރާގެ ރަސްކަމުގައި ހިމެނޭ މުހިންމު އެއްވެސް ރަށެއްވެސް ކިއްލާއެއްވެސް ނެތެވެ. خــالــد ފަދަ އަރައިހުންނެވި ޖަނަރަލަކު ހިއްޕަވަން ބޭނުންފުޅުވާނެފަދަ އަވަށެއްވެސް ނެތެވެ.
އީރާނީންގެ ނަޒަރުގައި خــالــد بــن الـوليـد އަކީ ހަމައެކަނި ހިތްވަރުފުޅުގަދަ އާދަޔާ ޚިލާފު މޮޅު ޖަނަރަލެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެފާނަކީ ޝަހެންޝާހުންނާއި އަޅުންގެ ދުނިޔޭގައި ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ ދިދަޖެހުމަށްޓަކައި ތެދުވި އުންމަތުގެ ހިތްވަރާއި ފަންވަރާއި ކެރުމާއި ޢަޒުމުގެ ތަރުޖަމާނުވެސްމެއެވެ. އެހެންކަމުން އެކަލޭގެފާނު ޢައިނުއްތަމްރުނުން ފުރައިވަޑައިގެން ނޭނގޭ ދިމާޔަކަށް ދަތުރުކުރެއްވުމަކީ އީރާނުގެ ފަޤީރުންގެ ޖިފުޓިތަކުން ފެށިގެން ރަސްކަމުގެ އީވާނާއި ބޮޑުންގެ ކިއްލާތަކަށްދާނދެން އީރާނުގެ ތަންދޮރުފިލާ އެންމެންގެ ވާހަކައިގެ މައުޟޫޢެވެ. خــالــد بــن الـوليـد ދެކުނުފަރާތަށް ދަތުރުކުރެއްވުމުގެ މަޤްޞަދަކީ ކޮބައިބާވައެވެ؟ خــالــد އީރާނާ ދެކޮޅަށް އިތުރު މައުރިކާއެއް ހިންގެވުމުގެ ޚިޔާލުފުޅު ދޫކޮށްލައްވައިފައި އެނބުރިވަޑައިގެންނެވީ ބާވައެވެ؟ ނުވަތަ އީރާނުގެ އެންމެ ތަޖުރިބާކާރު ޖަނަރަލުންގެ ވިސްނުންފުޅަށްވެސް ނުގެންނެވޭވަރުގެ ޢަސްކަރީ އުކުޅެއް ހައްދަވަނީބާވައެވެ؟ ނުވަތަ މަދާއިނެކޭ އެއްފަދައިން މަދީނާއަށްވެސް خــالــد އެބުރިވަޑައިގަންނަވަން މަޖުބޫރުވެވަޑައިގަންނަވާފަދަ އިންޤިލާބެއް އައީބާވައެވެ؟ خــالــد ގެ ލަޝްކަރުގެ ގޮސްއައިސްވުމާއި އެނޫންވެސް އެ ލަޝްކަރުގެ ޙަރަކާތްތަކުގެ މަޢުލޫމާތު ހޯދުމާ ޙަވާލުކޮށްފައިތިބި ޖާސޫސުން އެންމެފަހުން ފޮނުވި ޚަބަރަކީ ޝާމްކަރައިގެ ބިރުވެރި ތަނަވަސް ސަހަރާގައި خــالــد ލަޝްކަރާއިގެން ދަތުރުކުރެއްވިލެއް ބާރުކަމުން ފަހަތްޕުޅުގައި ދާއިންނަވަރު ނުވިވާހަކައެވެ.
خــالــد ކޮންމެވެސް ނޭނގޭ މަންޒިލަކަށް ދަތުރުކުރެއްވި ވާހަކަ އިވުމުން މަދާއިނުގެ އަހުލުވެރީން ވަރަށް އުފާކުރެއެވެ. ހަމައެވަރަށް ފިކުރުވެސް ބޮޑުވެއެވެ. މާގިނަދުވަސްތަކެއްނުވެ އެމީހުންނަށް ޚަބަރު ލިބުނީ އައިނުއްތަމްރާ ތިންސަތޭކަ ވަރަކަށް މޭލު ދުރުގައި އޮންނަ ދޫމަތުލްޖަންދަލަށް خــالــد ޙަމަލަދެއްވި ޚަބަރެވެ.
ޝާމްކަރައަށްދާ މަގުގައި އޮންނަ އެ ސަހަރާވީ ރަށަކީ ބަދަވި ޤަބީލާތަކުގެ މަރުކަޒެކެވެ. އެ ޤަބީލާތަކަކީ ޣައްސާނީންގެ އެކުވެރީންގެ ޙައިޘިއްޔަތުން ރޫމީންގެ ޙަލީފުން ކަމުގައިވެފައިވާ ބައެކެވެ. އެރަށުގެ ޢަސްކަރީ އަހަންމިއްޔަތާއި ސިޔާސީ އަހަންމިއްޔަތު މުސްލިމުން ވަރަށް ރަނގަޅަށް ދަނެއެވެ. އެހެންކަމުން ކައުސާހިބާ صلّى اللّـه عليه وسلّم ގެ ތަބޫކު ދަތުރުފުޅުގައި އެރަށަށް ޙަމަލަދެއްވަން خــالــد بــن الـوليـد رضـى اللّـه عنـــه ފޮނުއްވިއެވެ. خــالــد ގެފާނު އެންމެ ފަސްސަތޭކަ ސަވާރުންނާއިގެން ވަޑައިގެން އެރަށުގެ ވެރިޔަކަށްހުރި އަކީދަރު ބިން ޢަބްދުލްމަލިކު ހައްޔަރުކުރައްވައިގެން ކައުސާހިބާގެ އަރިހަށް ގެންދެވިއެވެ. އަކީދަރަކީ ކްރިސްޓިޔަނެކެވެ. އަކީދަރު މަދީނާއަށް އައިސް އިސްލާމްވެގެން އޭނާގެ ރަސްކަން އަލުން ހޯދިއެވެ. ނަމަވެސް ކައުސާހިބާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމާ ވިދިގެން އޭނާ އިސްލާމްދީން ދޫކޮށްލިއެވެ. ޢަރަބިކަރައިގައި މުރުތައްދުވުމުގެ ހުޅުފަޅައިގެންދިޔަ ދުވަސްވަރު އޭނާވެސް މުސްލިމުންނާ ހަނގުރާމަޔަށް ތައްޔާރުވާން ފަށައިފިއެވެ. أميـرالمؤمنـين الصّدّيق الأكـبـر رضى اللّـه عنــه، خــالــد بــن الـوليـد رضـى اللّـه عنـــه ޢިރާޤަށް ފޮނުއްވި ދުވަސްވަރު ދޫމަތުލްޖަންދަލަށްވެސް ލަޝްކަރެއް ފޮނުއްވިއެވެ. عيـاض بن غنـم رضـى اللّـه عنـــه ގެ ވެރިކަމުގެ ދަށުގައެވެ. (ދެބޭކަލުން ޢިރާޤަށް ފޮނުއްވަމުން ޚަލީފަތުލްމުސްލިމީން އަންގަވައިފައިވަނީ އެންމެފުރަތަމަ ހީރަތަށް ވަޑައިގެންނެވުނު ބޭކަލަކީ ޢިރާޤުގައިވާ އިސްލާމީ ލަޝްކަރުތަކުގެ ކޮމާންޑަރ އިން ޗީފް ކަމުގައެވެ. ހީރަތު ފަތަޙަވުމުން އެއްބޭކަލަކު ހީރަތުގައި މަޑުކުރައްވައިފައި އަނެއްބޭކަލަކު މަދާއިނަށް މިސްރާބު ޖެއްސެވުމަށެވެ.)
(ނުނިމޭ)