ޖަޕާން

ކޮވިޑް 19 : ޖަޕާނުގެ ތަފާތު ވާހަކަތަކެއް! އަމަލުކުރާގޮތް ވެސް މުޅީން ތަފާތު

މިންހާ ފާއިޒް ރަޝާދު

ކޮވިޑް19ގެ ވަބާ މުޅި ދުނިޔެއަށް ފެތުރި ބޮޑެތި ގިނަ ގައުމުތައް ލޮކްޑައުން ކޮށްފައި އޮތްއިރު ޖަޕާނު ލޮކްޑައުނެއް ނުކުރެއެވެ. ހަމައެގޮތަށް ތައިވާނާއި ހޮންގް ކޮންގް އަދި ސައުތު ކޮރެއާ ހިމެނޭ ގޮތަށް ޗައިނާގެވެސް ބައެއް ސިޓީތައް މުޅިން ލޮކްޑައުނެއް ނުކުރެވެެ. ނަމަވެސް އެގައުމުތަކުގެ ބައެއް ސިޓީތައް ބަންދުކޮށް ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅިއެވެ.

ޖަޕާނުގައި ކަން ހިނގަމުންދާ ގޮތަކީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ. އެންމެ ބޮޑު ސުވާލަކީ އެގައުމުގައި ޓެސްޓު ހެދުން މަދީ ކީއްވެތޯއެވެ.

ޖަރުމަނާއި ސައުތު ކޮރެއާއަށް ބަލާއިރު، ޖަޕާނުގައި ޓެސްޓު ކުރާ މިންވަރުން އިތުރު ސުމެއް މަދުހެން ހީވެއެވެ. އެގައުމުގެ މައި ސިޓީ ޓޯކިޔޯގެ އާބާދީ އެކަނިވެސް 9.3 މިލިއަނަށް އަރައެވެ. އެއީ ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ސިޓީއެވެ. ނަމަވެސް ފެބްރުއަރީން ފެށިގެން ޓެސްޓުކޮށްފައިވަނީ 10،981 މީހުނެވެ. އޭގެން ޕޮޒިޓިވް ވީ 4000 މީހުނެވެ.

މި އަދަދުތަކުން ސުވާލު އުފެދޭ ކަމަކީ އާބާދީގެ ނިސްބަތުން ޓެސްޓު ކޮށްފައިވާ ނިސްބަތް މަދުވެފައިވާއިރު އޭގެންވެސް ޕޮޒިޓިވް ވެފައިވާ މީހުންގެ ޕަސެންޓޭޖު ބޮޑުކަމުންނެވެ.

މި އަދަދުތަކުން އެނގޭ ކަމަކީ ޖަޕާނުގައި ޓެސްޓު ކުރަނީ ބަލީގެ އަލާމާތްތައް ހުރި ނުވަތަ ވަރަށް ބޮޑަށް ބަލި މީހުން އެކަނިކަމެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި އެގައުމުގައި ޓެސްޓުކުރަން ލަފާދެނީ ނިއުމޯނިއާ ހުންނަ ބަލިމީހުން އެކަންޏެވެ.

ޖަޕާނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެންގައި ބުނެފައިވާ ގޮތުގައި ނިއުމޯނިއާ ޖެހިފައިވާ ބަލި މީހުން އެކަނި ޓެސްޓު ކުރަން ލަފާދޭ ގޮތަށް ރަސްމީ ލިޔެކިއުންތަކުގައިވެސް ވަނީ ހިމަނާފައެވެ. އެއީ އެގަމުގައި ޓެސްޓު ކުރުން މަދުވާ ސަބަބު ކަމަށްވެސް އޭނާ ބުންޏެވެ.

ޖަޕާނުގެ ހާލަތު އިތުރަށް ދެނެގަތުމަށް ސީއެންއެންއިން ވަނީ މަސައްކަތް ކޮށްފައެވެ.

ޖަޕާނުގައި މަސައްކަތް ކުރާ އެމެރިކާ ބިޒްނަޒް އެނަލިސްޓެއް އަދި ވޮލަންޓިއާ ޓްރާސްލޭޓަރެއް ކަމަށްވާ ޖޯޑިއަން ހެއިލީ ސްކައިޕް މެދުވެރިކޮށް ސީއެންއެއްއަށް ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި އޭނާ ވަނީ ޖަޕާނު ބަހުން ރަނގަޅަށް ވާހަކަ ނުދެއްކޭ ރަހުމަތްތެރިއަކަށް އެހީވުމަށް މަސައްކަތް ކޮށްފައެވެ.

އެގޮތުން އޭޕްރިލް 10ގައި އޭނާގެ ރަހުމަތްތެރިޔާ ހުންއައިސް ކެއްސަން ފެށިކަމަށާއި ނަމަވެސް އެގައުމުގެ ގަވައިދުގައި އޮންނަ ގޮތުން ހަތަރު ދުވަހު އެއަލާމާތްތަކާއެކު މަޑުކުރަން ޖެހުނު ކަމަށެވެ.

"އެހަަތަރު ދުވަސް ތެރޭގައި އޭނާއަށް ނޭވާލާން އުނދަގޫވެ އޮކްސިޖަން މަދުވުމުގެ ސަބަބުން އަނބުރަންވެސް ފެށި. ކޮވިޑް ހޮޓްލައިނަށް އަހަރެން ގުޅިން. އެކަމު އެމީހުން އެހީވާން އެއްބަހެއް ނުވި. އެމީހުން ބުނީ އޭނާ ބަލި ކަމުގައިވާނަމަ އެމްބިއުލަންސަށް ގުޅަން" ޖޯޑިއަން ބުންޏެވެ.

އޭޕްރިލް 15ގައި ރަހުމަތްތެރިއާއަށް އެކްސްރޭއެއް ނެގޭނެ ކްލިނިކެއް ހޯދުނު ކަމަށާއި، ޑޮކްޓަރު ވަނީ ކޮވިޑް19އަށް އޭނާ ޕޮޒިޓިވްކަމަށްވެސް ލަފާ ކޮށްފައިކަމަށް ޖޯޑިއަން ބުންޏެވެ. ނަމަވެސް އެޑްމިޓް ކުރުމާއި ކޮވިޑަށް ޓެސްޓުވެސް ކުރުމުގެ ބަދަލުގައި ފޮނުވާލީ އައިސޮލޭޓް ވާން ގެއަށެވެ. އޭގެ ފަހުން އޭނާގެ ހާލު އަނެއްކާވެސް ގޯސްވެ، ނޭވާލާން އުނދަގޫވެގެން އަނެއްކާވެސް ހޮސްޕިޓަލަށް ގެންދިއުމުން މިފަހަރުވެސް އެކްސްރޭ ނެގުމަށް ފޮނުވާލީ ގެއަށް ކަމަށް އޭނާ އިތުރަށް ކިޔައިދިނެވެ. އަދި ހެލްތު ސެންޓަރުން ކޮވިޑަށް ޓެސްޓުކުރުމަށް ބުނި ކަމަށެވެ.

އެންމެފަހުން އޭޕްރިލް 17ގައި ޖޯޑިއަންގެ ރަހުމަތްތެރިއާ ޓެސްޓު ކުރުމަށް ހެލްތު ސެންޓަރުން އެޕޮއިންޓްމަންޓް ލިބުނު ކަމަށާއި ނަމަވެސް އެމީހުން ވަނީ ވަލު ދޮރާށިން ވަނުމަށް އެދިފައި ކަމަށް ޖޯޑިއަން ބުންޏެވެ.

މިހުރިހާ ކަމެއް މިހެން ހިނގާއިރު، ކޮވިޑް19 ޖެހިގެން ޖަޕާނުގައި މަރުވެފައިވާ ކަމަށްވެސް ފެންނަން އޮތީ އެންމެ 400 މީހުނެވެ. ގިނަ މީހުން ހީކުރަނީ ޖަޕާނުގެ ސިއްހީ ނިޒާމު ވަރުގަދަކަމުން މަރުވާ މީހުން މަދުވަނީ ކަމަށެވެ.

ލަންޑަނުގެ ކިންގްސް ކޮލެޖުގެ ޕްރޮފެސަރު ކެންޖީ ޝިބުޔާ ބުނި ގޮތުގައި ޖަޕާނުން ގެންގުޅޭ ނިޒާމު ގަބޫލު ކުރެވޭ ކަމަށެވެ.

"ޑޮކްޓަރެއްގެ ނަޒަރުން ވިސްނާނަމަ މައިލްޑް ކޭސެސް ދޫކޮށްލާފަ މިބަލަނީ ބޮޑަށް ބަލިޖެހިފައިވާ އޭގެ ހުރިހާ އަލާމާތެއް ހުންނަ މީހުން ސަލާމަތް ކުރަން. ޓެސްޓު ކުރަން ފޯކަސް މިކުރަނީ އަލާމާތް ފެންނަ މީހުން." ޕްރޮފެސަރު ބުންޏެވެ. ނަމަވެސް އާންމުންގެ ނަޒަރުން ވިސްނާނަމަ އެގޮތަށް ޓެސްޓު ނުކުރުމުން އާންމުން އެލެވެނީ ބޮޑު ރިސްކަކަށް ކަމަށް ޕްރޮފެސަރު ބުންޏެވެ.

ޕްރޮފެސަރު ވަނީ ޓޯކިއޯގެ ކިއޯ ޔުނިވާސިޓީން ހަދާފައިވާ ދިރާސާއެއްވެސް ހިއްސާކޮށްފައަވެެ.

މިދިޔަ ހަފުތާގައި ޝާއިއު ކުރި އެ ދިރާސާގައި ވަނީ ކޮވިޑް ބަލި ނޫން ކަންކަމުގައި ހޮސްޕިޓަލުގައި އެޑްމިޓްކުރި ބަލި މީހުންގެ ރެންޑަމް ޓެސްޓު ތަކެއް ކުރުމުން އޭގެތެރެއިން ހަ ޕަސެންޓު މީހުން ބައްޔަށް ޕޮޒިޓިވް ވި ކަމަށެވެ.

"އެ ޓެސްްޓުތައް ކުރެވުނީ މަދުބައެއްގެ އަނެއްކާ އެހާ ބޮޑަށް ބެލުމަކަށެއްވެސް ނޫން. ނަމަވެސް އޭގެން ލިބުނު ނަތީޖާ އަކީ ޝޮކެއް" ޕްރޮފެސަރު ބުންޏެވެ.

"އެހެންކަމުން އަލާމާތްތައް ނުހުންނަ ނުވަތަ އޭސިމްޓޮމެޓިކް ގިނަ ބަޔަކު އެބަ ބާކީ ކޮށްލެވޭ. މީގެ ސަބަބުން މުޖުތަމައު ތެރޭގައި ބަލި ފެތުރުން އިތުރުވާނެ. މިއީ ވަރަށް ބިރުވެރި ހާލަތެއް." ޕްރޮފެސަރު އިތުރަށް ފާހަގަކުރިއެވެ.

އެ ދިރާސާގެ ނަތީޖާ ތަކާ އަޅައި ބަލާއިރު ޖަޕާނުގައި ބައްޔަށް ޕޮޒިޓިވް 280 ނުވަތަ 700 ހާސް މީހުން ތިބޭނެ ކަމަށް ބެލެވޭ ކަމަށް ޕްރޮފެސަރު ބުންޏެވެ. 

މި ހަފުތާއަކީ ޖަޕާނުގެ ގޯލްޑަން ވީކެވެ. އެ ގައުމުގެ ސިޓީއެއް ކަމަށްވާ އޮކިނާވާގެ ގަވަރުނަރު ބުނި ގޮތުގައި 60،000 މީހުން ވަނީ އެރަށަށް ދިއުމަށް ބުކިން ހަދާފައެވެ. ނަމަވެސް ގަވަރުނަރު ވަނީ އެމީހުން ތިބި ތާކު މަޑުކުރުމަށް އެދިފައެވެ.

"އޮކިނާވާ މިއޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައި. ދަތުރު ކެންސަލް ކުރައްވާ!" ގަވަރުނަރު ކުރެއްވި ޓުވީޓުގައި ވެއެވެ.

ޖަޕާނުގައި ކުރިއަށް އޮތް ހަފުތާގައިވެސް އަވިދީފައި އޮންނާނެތީ، ގިނަ ބަޔަކު ގޮނޑުދޮށަށާއި ފަރުބަދަތަކަށް ދާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރެއިން އެތައް ބަޔަކު ކޮވިޑް19 ގެ ވައިރަސް އެމީހުނާއެކީ ގެޔަށް ގެންދާނެއެވެ. ޕްރޮފެސަރު ބުނި ގޮތުގައި ޖަޕާނުން ބަލި ކޮންޓްރޯލު ކުރެވޭނީ ޓެސްޓު ކުރުން އިތުރުކޮށްގެންނެވެ.

"ޓެސްޓު ނުކުރެވޭ ނަމަ ނޭނގޭނެ އަސްލު އަދަދެއް. އޭރުން މި ވަބާ ނައްތާލަން ފަސޭހައެއް ނުވާނެ" ފްރޮފެސަރު ބުންޏެވެ.