ކޮވިޑް 19

ކޮވިޑުގެ ފުރަތަމަ މަރު: ރާއްޖެ ބިރުވެރިކަމާއި ހިމޭންކަމުގައި، އާމިނަތު ފަސްދަށަށް ދިޔައީ ސުވާލުތަކެއް ދޫކޮށްފައި

7

ކޮވިޑު ބަލީގައި ރާއްޖޭގައި ވެސް މީހުން މަރުވާނެ ވާހަކަ އެންމެންވެސް އައީ އަޑުއަހަމުންނެވެ. އެ އަދަދު އެތައް ސަތޭކައަކަށް ނުވަތަ އެތައް ހާހަކަށް އެރުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް ސިއްހީ މާހިރުން ގެންދެވީ ވިދާޅުވަމުންނެވެ. މީހުން ކޮވިޑަށް ޕޮޒިޓިވް ވުމާއި ހާލު ދެރަވުމާއި މަރުވުމުގެ މަރުހަލާ އަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެވެސް ދެކޭނެ އަދި ތަޖުރިބާކުރާނެ ހާލަތެއް ކަމަށް އެބޭފުޅުން ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މި ހާލަތުގެ ތަކުގެ ތެރެއިން، މީހުން ކޮވިޑަށް ޕޮޒިޓިވް ވުމާއި ހާލު ދެރަވުމުގެ ވާހަކަ ދިވެހީން އަޑު އަހައިފި އެވެ. ކިތަންމެ ވަރަކަށް އަޑު އެހި ނަމަވެސް ކޮންމެ ހާލަތަކީ ވެސް ސިހުން ގެނުވާ ހާލަތެެކެވެ. ރާއްޖޭން ފުރަތަމަ ފަހަރަށް ކޮވިޑް ފެނުން، ފުރަތަމަ ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވުން، މާލެއިން ކޮވިޑް ފެނުން، ރާއްޖޭގެ ރަށްރަށުން ކޮވިޑް ފެނުން ފަދަ ޑޮކްޓަރުން ވިދާޅުވަމުން ގެންދެވި ހުރިހާ ހާލަތެއް ދިވެހީން ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ދެކިފަ އެވެ. އެއިން ކޮންމެ ހާލަތެއްވެސް ދިވެހީންގެ ހިތްތަކަށް ބިރުވެރިކަމާއި ސިހުން ގެނުވިއެވެ.

އެންމެންވެސް އެދިއެދި ތިބީ ރާއްޖެއަށް މިބަލި ނައުމަށެވެ. އެކަމަކު ދުވަސްތަކެއް ލަސްވި ނަމަވެސް އެދުވަސް އައީ އެވެ. ދެން އެދެވުނީ ދިވެއްސަކަށް މި ބަލި ނުޖެހި މިކަން ނިމިގެންދޭތޯ އެވެ. އެކަމަކު އެތައް ދިވެހީންނަކަށްވެސް ބަލި ޖެހުނީ އެވެ. ދެން އެދުނީ މާލޭގެ ހާލަތަށް ބަލައި، މިތަނުގެ ތެރެޔަށް ބަލި ނުފެތުރޭތޯ އެވެ. އެކަމަކު މާލެ ތެރެޔަށްވެސް މިބަލި ފެތުރި، ދެތިން ކިލޯ މީޓަރު ތެރޭގައި ދިރިއުޅޭ ދޮޅުލައްކަ މީހުންގެ ރައްކާތެރިކަމާ މެދު ޔަގީންކަން ދެވޭނެ އެއްވެސް މީހަކު މިއަދަކު ނެތެވެ. މާލޭގެ ހާލަތަކީ މިއީއެވެ. އެންމެންވެސް މިތިބީ ބައްޔަށް ހުށަހެޅިފައެވެ.

ބަލީގެ ހާލަތު ގޯހުން ގޯހަށް ދިޔަނަމަވެސް، ދިވެހީން އެންމެ ފަހުން އެދިއެދި ތިބީ ގިނަ ބަޔަކަށް ބަލި ޖެހުނު ނަމަވެސް، މީހަކު މަރު ނުވެ، ރާއްޖެ މިބަލިން ސަލާމަތް ވޭތޯ އެވެ. ބަލި ޖެހެމުން އަންނަ މީހުންގެ އަދަދު ސަތޭކައިން ގުނެން ފަށާފައިވާއިރު، މުޅި ސިއްހީ ނިޒާމުގެ ހުރިހައި ހަކަތައެއް ހުސްކުރަމުން އައީ އެންމެ މީހެއްގެ ފުރާނަވެސް ހަށިގަނޑާއި ވަކިވިޔަނުދީ ސަލާމަތް ކުރެވޭތޯ އެވެ. ޑޮކްޓަރުންނާއި ނަރުހުން، ސިއްހީ ދާއިރާގެ އެހެން އެންމެން، ފުލުހުންނާއި ސިފައިން އަދިވެސް އެތައް ހާސް ބަޔަކު މި ބައްޔަށް އަމިއްލަ ޒަމީރު ހުށަހަޅައިގެން ނުރައްކަލުގައި ތިބެ ރެޔާއި ދުވާލު އެއްވެސް އަރާމެއް ނެތި އާއިލާއާއި އަނބިދަރީން ދޫކޮށް ކުރަމުން އަންނަނީ މި މަސައްކަތެވެ. ބަލިވާ މީހުންނާއި ބައްޔަށް ހުށަހެޅުުގެ ފުރުސަތު ބޮޑުވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތެވެ.

އެހެންނަމަވެސް ކުރީންވެސް ބުނަމުން އައި ވަގުތު ޖެހުނީ އެވެ. ދިވެހިރާއްޖޭން ވެސް މީހުން މަރުވާނެ ކަމަށް ޑޮކްޓަރުންނާއި ފަންނީ ބޭފުޅުން ވިދާޅުވަމުން ގެންދެވި ބިރުވެރި ވާހަކައިގެ ފުރަތަމަ ހަގީގަތް ދިވެހިންނާ ބައްދަލުކުރީ އެވެ. ކޮވިޑު ބަލީގައި ފަހު ނޭވާ ދިވެހި ޖައްވަށް ދޫކޮށް، މ. ބަހީޖުޕެލަަސް، އާމިނަތު އާދަމް، 83އ ނިޔާވީ އެވެ.

އާމިނަތު އާދަމް ނިޔާވީ އިއްޔެ އިރުއޮއްސުނު ވަގުތުއެވެ. އޭނާގެ ނިޔާވުމާއި ގުޅިގެން ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ރޭ ދަންވަރު 3:00 ޖެހުމާއި ގާތްވަންދެން ކުރިޔަށް ގެންދިޔަ ނޫސްވެރީންގެ ބައްދަލުވުމުގައި މި ސުވާލުތަކަށް ޖަވާބު ނުލިބުމުން ނޫސްވެރީންގެ ސުވާލުމައްޗަށް ސުވާލު ވަނީ އުފެދިފަ އެވެ.

އެންމެ ފުރަތަމަ ސުވާލަކީ، ނިޔާވި އާމިނަތު އާދަމް ފިރިމީހާ ކޮވިޑަށް ޕޮޒިޓިވް ވެ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިޔައިރު، އާމިނަތު އާދަމްގެ ޓެސްޓު ހެދުން ލަސްވީ ކީއްވެ ހެއްޔެވެ؟ އުމުރަށް ބަލާއިރު މި ހާލަތުގައި އާމިނަތު އާދަމް ވާނީ ހައިރިސްކް މީހަކަށް ކަމަށްވާ އިރު، އޭނާގެ ފިރިމީހާ ޕޮޒިޓިވް ވެގެން ގެންދިޔަތާ 24 ގަޑިއިރު ވެގެން ދިޔައިރުވެސް އާމިނަތުގެ ސާމްޕަލް ނުނެގުނީ ކީއްވެހެއްޔެވެ؟ ސާމްޕަލް ނެގުމަށްފަހު އާމިނަތު ނިޔާވުމުގެ ކުރީން ފާއިތުވި ތިން ދުވަސް ތެރޭ ނަތީޖާ ނުނެރެވުނީ ކީއްވެ ހެއްޔެވެ؟ ނިޔާވުމާއި ހަމަޔަށް ސާމްޕަލްގެ ނަތީޖާ ނުނެރި ފަސްކުރެވުނީ ކީއްވެ ހެއްޔެވެ؟ މީ ޖަވާބު ބޭނުންވާ ސުވާލުތަކެވެ.

ރޭގެ ނޫސްވެރީންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މި ކަމުގައި އެއްވެސް ކަހަލަ އިހުމާލެއް ވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަތްދަށުން ކަމެއް ދޫވެފައި އޮތްނަމަ، އެކަމެއް އަވަހަށް ހައްލުކުރައްވާނެ ކަމަށާއި އިސްލާހުކުރަން ޖެހޭ ކަމެއް އޮތްނަމަ އެކަންވެސް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިހާލަތުގައި އެއްވެސް މީހަކު ގަސްދުގައި މީހަކު މަރުވާން ދޫކޮށް ނުލާނެ ކަމެވެ. އެނގި ހުރެ ގަސްދުގައި އިހުމާލެއް ނުވާނެ ކަމެކެވެ.

ދެން އޮތީ އާމިނަތު ހޮސްޕިޓަލަށް ގެންދިއުމުން ކަން ހިނގި ގޮތް ކަމަށް ފެތުރޭ އަޑުތަކުގެ ވާހަކައެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި، އާމިނަތު އައިޖީއެމްއެޗަށް ގެންދިޔަ އެމްބިޔުލެންސްގައި މީހުން ތިބީ އެންމެ ރައްކާތެރިކަމުގެ ހެދުމުގައެއް ނޫނެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމުން އާމިނަތަށް ފުރަތަމަ ފަރުވާދިން ސިއްހީ ބައެއް އެހީތެރީންވެސް ތިބީ އެންމެ ރައްކާތެރި ހެދުމުގައި ނޫން ކަމަށް ވާހަކަތައް ފެތުރިފައިވެ އެވެ.

ރޭގެ ޕްރެސްގައި ހެލްތު މިނިސްޓަރު ވިދާޅުވިގޮތުގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އާމިނަތު ވަނީ ނިޔާވެފަ އެވެ. ކޮވިޑް އާންމުގޮތެއްގައި ފެތުރެނީ ބަލި ޖެހިފައި ހުންނަ މީހަކު ކެއްސައި ކިނބިހި އަޅާއިރު ނުކުންނަ ޑްރޮޕްލެޓްސް ގެ ޒަރީއާއިން ކަމަށް ވާތީ، ނިޔާވެފައި އޮންނަ މީހެއްގެ ފުށުން އެހެން މީހަކަށް އެބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ޑރ. އަލީ ލަތީފް ރޭ ވިދާޅުވި އެވެ.

ސުވާލަކީ، ނިޔާވި މީހާގެ ފުށުން އެތައް ބަޔަކަށް ބަލި އެރިތޯއެއް ނޫނެވެ. އެކަމަކު ސުވާލަކީ މައްޔިތާ ގެއިން ފެށިގެން އައިޖީއެމްއެޗަށް ގެންގޮސް، ކޮވިޑަށް ޝައްކުވެ އެނގުނު ހިސާބަށް ސިއްހީ އެހީތެރީން އަމަލު ކުރީ ހަމަޖައްސާފައި އޮންނަ ވަރުގަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންތޯއެވެ. މިއަދު މިކަން މި ދިމާވީ މައްޔިތަކާ ނަމަވެސް، މާދަމާ ދިމާވާނީ ކެއްސަ ކެއްސައި އޮތް މީހަކަށް ވުމަކީވެސް ފުރުސަތު ނެތް ކަމެއް ނޫނެވެ. އެހެންކަމުން ސިއްހީ ދާއިރާގެ މީހުން އެމީހުންގެ ރައްކާތެރިކަން އެންމެ ވަރުގަދަޔަށް ކަށަވަރުކުރުމަކީ މިހާލަތުގައި ގައުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ލާޒިމު ކަމެކެވެ. އެހެނީ އެންމެ ފުރަތަމަ ސިއްހީ އެހީތެރީން ބަލިވެ، އެނދުމަތިވެއްޖެ ނަމަ، ބަލި މީހުންނަށް ފަރުވާ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެތީ އެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ސިއްހީ އެހީތެެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކެނޑިނޭޅި އިލްތިމާސްކުރަނީ އެހެންވެ އެވެ. މިފަދަ ހާލަތެއްގައި ގައުމެއްގައި ދެން ތިބޭ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގުރުބާން ވާނީ އެމީހުން ކަމަށް ވާތީއެވެ. ފަހު ވަގުތާއި ހަމަޔަށްވެސް އެމީހުން ސަލާމަތުން ތިބެން ޖެހޭތީއެވެ.

ކޮންމެ މީހެއްގެވެސް ފަހު ވަގުތު އަންނާނެ އެވެ. އެގޮތުން އާމިނަތު އާދަމް އެވަނީ އަހަރެމެންނާ ވަކިވެގެން ގޮސްފަ އެވެ. ކޮވިޑުގެ އާލަމީ ވަބާގެ މަރުގެ ސިލްސިލާ ރާއްޖޭގައި ފެށިގެން މި ދިޔައީ އާމިނަތު އާދަމްގެ ނިޔާވުމާ އެކުގަ އެވެ. މުޅި ރާއްޖެއަށް ކޮވިޑް މަރުގެ ބިރުވެރި އިންޒާރު ދެމުންނެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަން ވެރިކުރުވަމުންނެވެ. ހަމަ މިއާއެކު އާމިނަތު ފަސްދަށަށް އެ ދިޔައީ ދިރިތިބީން ޖަވާބު ހޯދުމަށް ސުވާލުތަކެއް ވެސް ދޫކުރަމުންނެވެ.