ރައްޔިތުންގެ މަޖިލިސް

މަޖިލިސް ޗުއްޓީއަށް ނުގޮސް މެއި 31އަށް ދައުރު އިތުރުކުރަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މިހިނގާ މިއަހަރުގެ ފުރަތަމަ ދައުރު އަންނަ މެއި މަހުގެ 31 ގެ ނިޔަލަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން މިގޮތަށް ފާސްކުރީ، މި ދަނޑިވަޅަކީ ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާން ޖެހޭ ވަގުތެއް ނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުއްވުން މަޖިލީހުން ފާސްކޮށްގެންނެވެ.

މަޖިލީހުން މި ހުށަހެޅުން ފާސްކުރީ ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.

މި ހުށަހެޅުން ހުށަހަޅުއްވަމުން މަޖިލިސް ރައީސް ވިދާޅުވީ "އަޅުގަނޑުމެން މިތިބި ނުރައްކާތެރި ފައްތަރެއްގައި، މިއީ ރައްޔިތުންގެ މަޖިލިސް ބަންދުކޮށްފައި ބޭއްވުން ބުއްދިވެރި ވަގުތެއް ނޫން،" ކަމަށެވެ.

މަޖިލިސް މެންބަރުންވެސް އޮންކޯލްގައި ތިބުން ބޭނުންތެރި ކަމަށާއި މިދިޔަ ތިންހަތަރު ފަސް ހަފްތާއެއްގެ ތެރޭގައި މަޖިލިސް ޖަލްސާތައް ބާއްވަމުން ދިއުމުން، ސަރުކާރަށްވެސް ބޭނުންވާ އެތައްކަމެއް މަޖިލީހުން ކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ހިންގާ ކަންތައްތައް ބަލައި ޖަވާބުދާރީކުރުވައި ރައްޔިތުންނަށް ސާފުކޮށްދީ ހެދުމަށް މަޖިލީހުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

މީގެ އިތުރުން ކުރަން މަޖުބޫރު ހަރަދުތައްވެސް ބޭކާރުގޮތުގައި ކުރެވިގެންދާކަށް އެއްވެސް މެންބަރަކު ބޭނުމެއްނުވާނެ ކަމަށާއި، އެހެންކަމުން ކަންކަން ހިނގަމުންދާގޮތް ބަލައި ރައްިޔތުންގެ މަޖިލީހުން އެކިއެކި މުއައްސަސާތަކަށް ދެވެންއޮތް އިރުޝާދެއް ދިނުމަކީ ބޭނުންތެރިކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލިސް ރައީސް ވިދާޅުވީ، އަންނަަ މަހުގެ ނިޔަލަށް މަޖިލީހުގެ މެންބަރުންނަށް ޗުއްޓީ ނުލިބޭނެ ކަމަށާއި ޖަލްސާއަކަށް ގޮވައިލުމުން މެންބަރުން ތިއްބަވަން ޖެހޭނީ ޖަލްސާގައި ބައިވެރިވެވޭގޮތަށް ކަމަށެވެ.