ކުޅިވަރު

އަންނަމަހުގެ 25 ގެ ކުރިން ލީގުތަކާއިމެދު ގޮތެއް ނިންމުމަށް ޔުއެފާއިން އެދިއްޖެ

އައިދާ އަބްދުލް ހަކީމް

ޔޫރަޕުގެ ލީގުތައް ކުރިޔަށް ގެންދިއުމާ މެދު ނިންމާ ގޮތެއް ޔަގީން ކުރުމަށްފަހު އެނިންމާ ގޮތެއް އަންނަ މަހުގެ 25 ގެ ކުރިން ޔުއެފާއަށް އަންގަން އެ އިދާރާއިން ގައުމުތަކަށް އަންގައިފިއެވެ.

ކޮވިޑް 19ގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ބެލަރުސް ފިޔަވާ އެހެން ހުރިހާ ގައުމެއްގައި ފުޓްބޯޅަ ލީގުތައް އޮތީ މެދުކަނޑާލާފައެވެ. ޕްރިމިއާ ލީގު ފެށުމަށް ތައްޔާރީތައް ވަމުން އަންނަ އިރު ގައުމުތަކުގެ އެތެރޭގެ ލީގުތަކާއި އިނގެރޭސި ޕްރިމިއާ ލީގާއި ފުށުއަރާފާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ޕްރިމިއާ ލީގާއި މެދު ގޮތެއް ނިންމުމަށް މުހިންމު ޓީީމުތަކުން އަންނަ ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުން ވަނީ "ޕްރޮޖެކްޓް ރީސްޓާޓް" ގެ ނަމުގައި އަލުން ސީޒަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޕްލޭނެއް އެކުލަވާލައި އެއަށް އަމަލުކުރަން ފަށާފައެވެ. ޕްރިމިއާ ލީގު ޖޫން 8 ގައި ފަށައިގެން ޖުލައިގެ ނިޔަލަށް ސީޒަން ނިންމާލުމަށް ވަރަށް ބޮޑަށް އުންމީދު ކުރާކަމަށް އިއުލާނުކޮށްފައިވާއިރު ބައެއް ޓީމުތަކުން މިހާރު ވަނީ ޕްރެކްޓިސް ފަށާފައެވެ. ރާވާފައިވާ ގޮތާއި އެއްގޮތަށް ޖޫން 8 ގައި ޕްރިމިއާ ލީގު ފަށާނަމަ އަންނަ މަހުގެ 18 ގެ ކުރިން ޓީމުތަކުން ފަރިތަކުރުންތައް ފަށަން ޖެހޭނެއެވެ.

އިޖުތިމާއީ ގައިދުރުކަން ހިފަހައްޓައިގެން ކުޅުންތެރިން ވަކި ވަކިން ތަމްރީނުތަކަށް ހާޒިރުވުމަށް ބައެއް ކްލަބުތަކުން ވަނީ ޓްރޭނިން ގްރައުންޑްތައް ހުޅުވާލާފައެވެ. އެގޮތުން މިހާތަނަށް ޕްރެކްޓިސް ފަށާފައިވާ ޓީމް ތަކަކީ އާސެނަލް، ޓޮޓެންހަމް ހޮޓްސްޕާ، ބްރައިޓަން އަދި ވެސްޓްހަމްއެވެ.