އިބްރާހިމް ޒަކީ
ޕްރިމިއާ މާކެޓްތަކަށް ކޭޓާ ނުކުރެވޭހާ ހިނދަކު ބޮޑުކަންނެލި، ކަނޑުމަސް ގަންނަ އަގުގައި ގަތުމަށް، ސަރުކާރަށް ރެކަމެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ، (އެސްއޯއީ) ކޮމިޓީން ފާސް ކޮށްފިއެވެ.
އެ ކޮމެޓީން މިގޮތަށް ފާސްކުރީ، ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، އެސްއޯއީ ކޮމިޓީން އެކުލަވާލަން ޖެހޭ ރިޕޯޓްގައި ހިމަނާ ރެކޮމަންޑޭޝަނެއްގެ ގޮތުގައި ހިމަނައިގެންނެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދު ހުށަހެޅުއްވި މި ހުށަހަޅުއްވުމުގައި އިތުރަށް ބުނެފައިވަނީ، މަހުގެ ސްޓޮކް، މިހާރު ގާއިމް ކުރެވިފައިވާ ސްޓޯރޭޖް ކެޕޭސިޓީއަށްވުރެ ގިނަކަމަށް އަންދާޒާ ކުރެވޭނަމަ ސްޓޮކް ގާއިމްކުރަން ސަރުކާރަށް އެހީވުމަށް ފިނޭންސް މިނިސްޓްރީގައި ދެންނެވުމަށާއި، ވެލިއު އެޑްކުރުމަށް ކޭނަރީ ސެޓަޕްތަކުގެ މަސައްކަތް އަވަސް ކުރުމަށް ދެންނެވުމާއި، އެކަންކަން ކުރުމަށް ކަނޑައަޅާފައިވާ ތާރީހާއި ހަރަދާއި، އެކަމުން ކުރިމަގުގައި ލިބޭނެ ފައިސާގެ އެސްޓިމޭޓެއް އެކުލަވާލައި، ޕްލޭނެއް ކަނޑައަޅައި އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
މީގެ އިތުރުން ސަރުކާރުގެ ފައިދާ ނުވާ ކުންފުނިތަކަކީ ކޮބައިތޯ ބަލައި އެފަދަ ކުންފުނިތައް އުވާލުމަށާއި، ކުންފުނިތަކުގެ މަތީ މަގާމުތަކުގައި ތިބި ބިދޭސީންގެ ބަދަލުގައި އެފަދަ މަގާމުތަކަށް ދިވެހިން ހަމަޖެއްސުމަށް ވެސް ރެކޮމަންޑޭޝަނެއްގެ ގޮތުގައި ރިޕޯޓްގައި ހިމަނަން ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުންވެސް ކުންފުނިތަކުގެ މަސައްކަތްތަކާއި، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ދޫކުރަން ނިންމާފައިވާ ލޯނުތަކާ ބެހޭގޮތުންވެސް ގިނަ ރެކޮމެންޑޭޝަންތަކެއް ކޮމިޓީން ރޭ ވަނީ ފާސްކޮށްފައެވެ.