ބޮލީވުޑް ބަތަލު އިރްފާން ޚާން މަރުވެއްޖެއެވެ.
މުމްބާއީގެ ކޮކިލާބެން ދިރުބާއި އަމްބާނީ ހޮސްޕިޓަލުގެ އައިސީޔޫގައި "ކޮލޯން އިންފެންޝަން" އަށް ފަރުވާދެމުން ދަނިކޮށް އިރުފާނު މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. 53 އަހަރުގެ އިރުފާނަކީ ޓިއުމާއަށް ފަރުވާ ހޯދަމުން އައި ތަރިއެކެވެ.
އިއްޔެ ހަވީރު އިރްފާނު އައިސީޔޫއަށް ބަދަލު ކުރުމާއެކު ވެންޓިލޭޓަރަށް ގުޅިކަމުގެ އަޑުތައް ފެތުރިގެންދިޔައެވެ. ނަމަވެސް އިރްފާނުގެ ފަރާތުން ތަރުޖަމާނުވަނީ އެކަން ދޮގުކޮށްފައެވެ. އިރްފާނު ބައްޔާ ހަނގުރާމަ ކުރަމުންދާ ވަގުތެއްގައި ދޮގު ވާހަކަތައް ފެތުރުމުން ތަރުޖަމާނު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އިރްފާން ވަނީ ނިއުރޯއެންޑޮކްރިން ޓިއުމާ (ނެޓްސް) ގެ ޝިކާރައަކަށްވެ 2018 ވަނަ އަހަރުން ފެށިގެން އެއް އަހަރު ދުވަހު އިނގިރޭސި ވިލާތުގައި ފަރުވާ ހޯދާފައެވެ. އެނބުރި އިންޑިއާއަށް ދިއުމަށްފަހު ވަނީ ފިލްމު "އަންގްރޭޒީ މީޑިއަމް" ގެ ސީކުއިލް ނިންމާފައެވެ.
ނަމަވެސް ފިލްމު މިދިޔަ މަހު ރިލީސްކުރަން އޮއްވައި އަނެއްކާވެސް ހާލު ބޮޑުވެ އޭގެ ޕްރޮމޯޝަންތަކުގައި ވެސް އިރްފާނަށް ބައިވެރިއެއް ނުވެވުނެވެ.
އިރްފާނުގެ މަންމަ ސައީދާ ބޭގަމް މިދިޔަ ހޮނިހިރު ދުވަހު މަރުވިއިރު، ޖަނާޒާގައި އިރްފާނު ބައިވެރިވީ ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށެވެ.
މޮޅު ފިލްމުތަކެއް ކުޅެފައިވާ އަދި ހުނަރުވެރި ބަތަލު އިރްފާނުގެ ކުއްލި މަރާއެކު މީސް މީޑިއާގައި އަންނަނީ ހިތާމަ ފާޅުކޮށް ހަނދާންތައް އާކުރަމުންނެވެ. އިރްފާން މަރުވިއިރު އަންބަކާއި ދެ ފިރިހެން ކުދިން ދުނިޔޭގައި އެބަތިއްބެވެ.