އިބްރާހިމް ޒަކީ
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލައިގެން ސަސްޕެންޑް ކޮށްފައިވާ ސިވިލްސާވަންޓުންގެ ސަސްޕެންޝަން، ކައުންސިލް އިންތިހާބު ބާއްވަން ގާނޫނުގައި ކަނޑައަޅާފައިވާ ތާރީހު ކަމުގައިވާ އޭޕްރީލް 4 އިން ފެށިގެން އިއާދަކޮށް އެ ދުވަހުން ފެށިގެން އެމީހުންނަށް ލިބޭ ހުރިހާ އިނާޔަތްތަކެއް ދޭން މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އިސްލާހު ގެނެސްފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ގެ ބަހުސް ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި މި ބިލަކީ، ކޮވިޑް 19 އާ ގުޅިގެން ކައުންސިލް އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތް ކަމަށް ބުނެ އެ އިންތިހާބު ބޭއްވުން އިލެކްޝަންސް ކޮމިޝަނުން ފަސްކޮށްފައިވާތީ، އެ އިންތިހާބު ވަކި މުއްދަތެއްގެ ތެރޭގައި ބާއްވަން ގާނޫނަކުން އިލެކްޝަންސް ކޮމިޝަނަށް ލާޒިމްކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.
ލޯކަލްކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން އިންތިހާބަށް ކުރިމަތިލުމަށްފަހު، އެއީ އިންތިހާބުގެ ކެންޑިޑޭޓުން ކަަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާ ހިނދުން ފެށިގެން އިންތިހާބުގައި ވާދަކުރާ ސިވިލްސާވަންޓުން ވަޒީފާއިން ސަސްޕެންޑް ވާނެއެވެ. އޭގެތެރެއިިން އިންތިހާބު ކާމިޔާބު ނުވާ މީހުންގެ ސަސްޕެންޝަން ރުޖޫއަވާނީ އިންތިހާބު ބާއްވައި ނިމުމަށްފަހުގައެވެ.
މިމަހު 4 ގައި ބާއްވަން އޮތް ލޯކަލް ކައުންސިލްގެ އިންތިހާބަށް ވާދަކުރާނެ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނުން އިއުލާކޮށްފައިވަނީ މާޗް މަހުގެ ހައެއްގައެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން ސަސްޕެންޑް ކުރި ސިވިލްސާވަންޓުން އަދިވެސް ތިބީ އެގޮތުގައެވެ. .
އެހެންކަމުން އިންތިހާބު ބޭއްވުމަށާއި، ސިވިލްސާވަންޓުންގެ ސަސްޕެންޝަން އުވާލުމަށް ގާނޫނުން ކަނޑައެޅުމަށް ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވަނީ އަންނަ އަހަރުގެ ޖެނުއައީ 6 ގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ. އަދި މި ބިލް މަޖިލީހުން ފާސްވެ ގާނޫނަކަށް ވުމުން މި ގާނޫނަށް އަމަލު ކުރާ ދުވަހުން ފެށިގެން ސިވިލްސާވަންޓުގެ ސަސްޕެންޝަން އުވާލެވުނީ ކަމަށެވެ.
ނަމަވެސް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މި ބިލް ފާސްކޮށްފައި ވަނީ އޭޕްރީލް 4 އިން ފެށިން ސިވިލްސާވިސްގެ ސަސްޕެންޝަން އުވާލެވުނީ ކަމަށާއި، މި ބިލަށް އަމަލު ކުރަންފަށާ ދުވަހުން ފެށިގެން އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބިލަށް ބަދަލު ގެނެސްގެންނެވެ.
މި ބިލް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގައި މިއަދު ބަހުސް ކުރިއަށް ދާއިރު، ބިލަށް އިތުރު އިސްލާހުތައް މެންބަރުން ގެންދަވަނީ ހުށަހަޅުއްވަމުންނެވެ.