ރައްޔިތުންގެ މަޖިލިސް

ޗުއްޓީއަށް ނުގޮސް މަޖިލީހުގެ މި ހިނގާ ދައުރު 31 މެއި އަށް އިތުރުކުރަން ނިންމައިފި

އިބްރާހިމް ޒަކީ

މިމަހުގެ ނިޔަލަށް ކަނޑައަޅާފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ، ޖަލްސާތައް އަންނަ މެއި މަހުގެ ނިޔަލަށް އިތުރުކުރަން ނިންމައިފިއެވެ.

އެކަން އެގޮތަށް ނިިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ރިއާސަތުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުގައި ވިދާޅުވެފައިވަނީ، މިމަހުގެ ނިޔަލަށް ނިމޭނެކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު އަންނަ މެއި މަހުގެ 31 ގެ ނިޔަލަށް ދިގުކޮށްލުމައް ނިންމަވާފައިވާ ކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ކަނޑައެޅޭނީ އެ ހުށަހެޅުން މަޖިލީހުން ފާސް ކުރުމުން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑުމެން މިތިބި ނުރައްކާތެރި ފައްތަރެއްގައި، މީ ރައްޔިތުންގެ މަޖިލިސް ބަންދުކޮށްފައި ބޭއްވުން ބުއްދިވެރި ވަގުތެއްނޫން،" ކަމަށެވެ.

މިވަގުތުގައި މަޖިލިސް މެންބަރުންވެސް އޮންކޯލް ގައި ތިބުން ބޭނުންތެރި ކަމަށާއި، މިދިޔަ ތިންހަތަރު ފަސް ހަފްތާއެއްގެ ތެރޭގައި މަޖިލިސް ޖަލްސާތައް ބާއްވަމުން ދިއުމުން، ސަރުކާރަށްވެސް ބޭނުންވާ އެތައްކަމެއް މަޖިލީހުން ކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ހިންގާ ކަންތައްތައް ބަލައި، ޖަވާބުދާރީ ކުރުވައި ރައްޔިތުންނަށް ސާފުކޮށްދީ ހެދުމަށް މަޖިލީހުގެ ދައުރު ވަރަށްބޮޑު ކަމަށެވެ.

މީގެ އިތުރުން ކުރަން މަޖުބޫރު ހަރަދުތައްވެސް ބޭކާރުގޮތުގައި ކުރެވިގެންދާން، އެއްވެސް މެންބަރަކު ބޭނުމެއްނުވާނެ ކަމަށާއި، އެހެންކަމުން ކަންކަން ހިނގަމުންދާގޮތް ބަލައި ރައްޔިތުންގެ މަޖިލީހުން އެކި އެކިމުއައްސަސާތަކަށް ދެވެންއޮތް އިރުޝާދެއް ދިނުމަކީ ބޭނުންތެރިކަމެއް ކަމަށްވެސް ވިދާޅުވިއެވެ.