އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅުގެން ދިމާވެފައިވާ މި ހާލަތުގައި، ރައްޔިތުންގެ ޖީބަށް ލުއި ކުރުމަށް މިހިނގާ އޭޕްރީލް މަހާއި މެއި މަހުގެ ކަރަންޓު ބިލާއި ފެންބިލު ހިލޭ ކުރަން، ރެކޮމަންޑޭޝަންއެއްގެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ، (އެސްއޯއީ) ކޮމިޓީއަށް ރޭ ހުށަހެޅި ހުށަހެޅުން ފާހެއް ނުވިއެވެ.
ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، އެސްއޯއީ ކޮމިޓީން އެކުލަވާލަންޖެހޭ ރިޕޯޓްގައި ހިމަނާ ރެކޮމަންޑޭޝަނެއްގެ ގޮތުގައި ހިމަނަން އެ ހުށަހެޅުން ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމެވެ.
އެހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދެވެ. އެއީ ޖޭޕީގެ މެންބަރެކެވެ.
މި ހުށަހެޅުމަށް ތާއީދު ނުކުރައްވާކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދެވިއެވެ.
އެގޮތުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އެހެންބައެއް ފަރާތްތަކުންވެސް ބައެއް ރަށްރަށުގައި ކަރަންޓުގެ ހިދުމަތްދޭއިރު، ކަރަންޓްބިލު ފެންބިލު އެއްކޮށް ކަނޑާލަން މަޝްވަރާކުރާއިރު، ކޮމެޓީގެ މެއިންޑޭޓުގައި އެދެވެނީ ކިހާ ހިސާބަކަށްތޯ ވިސްނައިލަން ޖެހޭ ކަމަށެވެ. އަދި ކުރީގެ ސަރުކާރުގައި އާރާއިބާރު ލިބިފައި އޮތްއިރު އެފަދަ ކަމަކަށް މަސައްކަތް ކުރުމެއްނެތި މިދަނޑިވަޅުގައި ސަރުކާރަށް ނުވާނެ ކަންކަން ކަނޑައެޅިގެން އެނގިތިބެ މިފަދަ ދަނޑިވަޅެއްގައި އެފަދަ ކަންކަން ހުށަހެޅުމުން ޝިޔާމުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދު ވިދާޅުވީ، ޝިޔާމުގެ އެހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކަމަށާއި، ނަމަވެސް މިވަގުތު ސަރުކާރުގެ ހާލަތު ދެނެނުގަނެ މިހާލަތުގައި އެކަމަށް ތާއީދު ކުރެއްވެން ނެތް ކަމަށެވެ.
ފޭދޫ ދާއިރާގެ މެންބަރު މުހަައްމަދު ނިހާދު ވިދާޅުވީ، ސަރުކާރާއި ކުންފުނިތަކުން މިހާލަތުގައި ވަކި ސިނާރިއޯއަކަށް ބައްލަވައިގެން ހިދުމަތްތައް ދިނުން ކުރިއަށް ގެންދާއިރު، ސިޔާސީ މަންފާއެއް ނެގުމަށް ފިތުނަ ފަސާދަ އުފެއްދުމަށް ޝިޔާމު ހުށަހެޅުއްވި އެ ހުށަހެޅުއްވުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ރޭ ކޮމިޓީއަށް މެންބަރުން ވަޑައިގެންނެވި އަދަދަށް ބަލާއިރު، އެ ހުށަހެޅުން ފަސްވާން ހަތް ވޯޓު ބޭނުން ވެއެވެ. ނަމަވެސް އެ ހުށަހެޅުން ފާސްކުރަން ލިބުނީ އެންމެ ހަތަރު ވޯޓެވެ. ނުފެންނަ ކަމަށް އެއް މެންބަރު ވޯޓު ދެއްވިއެވެ.
ދެން ތިއްބެވި މެންބަރުން ވޯޓެއް ނުދެއްވައެވެ.
ބާރަ މެންބަރުން ހިމެނިވަޑައިގަންނަވާ މި ކޮމެޓީގައި އެމްޑީޕީގެ އަށް މެންބަރުން ތިއްބަވައެވެ. ދެން ތިއްބަވަނީ، ޕީއެންސީގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދާއި، ޕީޕީއެމްގެ މެންބަރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ އިތުރުން، އަމިއްލަ މެންބަރު ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިީމް ނަސީމާއި ޖޭޕީގެ މެންބަރު އިސްދޫ ދާއިރާގެ އަލީ ހަމީދެވެ.