ރިޕޯޓް

ޓީސީ ޓީމަށް ދެ ގައުމުގައި 43 ދުވަހު ކަރަންޓީން، އެންމެންގެ ރައްކާތެރިކަމަށްޓަކައި ދެއްކީ ރީތި މިސާލެއް

އައިދާ އަބްދުލް ހަކީމް

މިހާތަނަށް އެއްވެސް ބޭހެއް ނުވަތަ ވެކްސިނެއް ވެސް ހޯދިފައިނުވާ ކޮވިޑް 19 އެންމެ ފުރަތަމަ ޗައިނާގެ ވުހާން ސިޓީން ފެނުމާއެކު ބަލީގެ ނުރައްކާ ބޮޑުކަން ދުނިޔޭގެ ސަމާލުކަމަށް އައީ އެބަލި ހަލުވިކަމާއި އެކު ފެތުރި މަރުވާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވާން ފެށުމުންނެވެ. ބަލީގެ ނުރައްކާ ދުނިޔެއަށް ފެތުރޭން ފެށި ދަނޑިވަޅުގައި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އާ ދެކޮޅަށް، މިިދޔަ މަހު 10 ވަނަ ދުވަހުމެޗް ކުޅެން އެގައުމަށް ދިޔަ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބުން ވަނީ އެންމެންގެ ރައްކާތެރިކަމަށް ޓަކައި 43 ދުވަސް ކަރަންޓީނުގައި، ހޭދަކޮށް ރީތި މިސާލެއް ދައްކައިފައެވެ.

އެމެޗަށް ފަހު ޓީސީން އެނބުރި މާލެ އަންނަގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، ކޮވިޑް 19 ބަންގުލަދޭޝުން ފެނުމާ ގުޅިގެން ބަންގުލަދޭޝަށް ދަތުރު ކޮށްފައިވާ މީހުން 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ހޭދަ ކުރަން ޖެހޭ ގޮތަށް ސަރުކާރުން ނިންމި އެވެ. އެގޮތަށް ސަރުކާރުން ނިންމުމުން ޓީސީގެ މެނޭޖުމަންޓާއި ކުޅުންތެރިން ވެސް އެ ނިންމުމަށް އިހުތިރާމްކޮށް އެ ކަރަންޓީނު ފުރިހަމަކުރަން ނިންމިއެވެ.

ޓީސީގެ ފުރަތަމަ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި، ސަރުކާރުން ހަމަޖެއްސީ، އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯގެ މެރީނާ ބީޗް ހޮޓެލް އެވެ. ކަރަންޓީނުގެ 14 ދުވަސް އެ ހޮޓަލުގައި ފުރިހަމަކުރަމުން ދަނިކޮށް ލަންކާ ސަރުކާރުން ވަނީ ކޮވިޑް 19 އާ ގުޅިގެން އެ ގައުމު ލޮކްޑައުން ކޮށް ކާފިއު އިއުލާން ކޮށްފައެވެ. އެހެންކަމުން ކަރަންޓީނުގެ މުއްދަތުގެ ހަމަވުމުންވެސް ޓީސީގެ ކުޅުންތެރީންނަށް އެނބުރި ގައުމަށް އާދެވޭނެ ގޮތެއް ނުވިއެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކަރަންޓީންގެ މަރުހަލާ ނިމެން އޮތް ނަމަވެސް، މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ޓީސީގެ ޓީމަށް ތިބެން ޖެހުނީ މެރީނާބޭ ހޮޓަލުގައި ތާށި ވެފަ އެވެ.

ފޮރިން މިނިސްޓްރީ އާއި މޯލްޑިވިއަންގެ އެހީތެރިކަމާއެކު މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ، އެޓީމު ރާއްޖެ ގެނައެވެ. އޭރު ރާއްޖޭން އަމަލުކުރާ އުސޫލުތައް ވެސް އޮތީ ބަދަލުވެފައެވެ. ރާއްޖޭގެ ބޯޑަރުން އެތެރެވާ މީހުން އެއީ ކޮންމެ ގައުމަކުން އަޔަސް އެބަޔަކު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހެއެވެ. އެހެންވެ ޓީސީގެ ކުޅުންތެރީންނަށް އަނެއްކާވެސް ދާން ޖެހުނީ 14 ދުވަހުގެ ކަރަންޓީނަށެވެ. ރާއްޖެއިން ބޭރުގައި ހޭދަވި މުއްދަތަށް ފަހު އަނެއްކާވެސް ރާއްޖެ ގެނެސް ރާއްޖޭގައި ކަރަންޓީން ކުރުމުން ޓީމުގެ ބައެއް މީހުން އެކަމާ ހިތްހަމަ ނުޖެހުނެވެ. ސަބަބަކީ 14 ދުވަހުގެ ކަރަންޓީނަކަށްފަހު ޓެސްޓެއްވެސް ނުހަދައި އަނެއްކާވެސް ކަރަންޓީނަށް ދާން ޖެހުމުންނެވެ. ނަމަވެސް ޓީމުން ނިންމީ އެޗްޕީއޭގެ އިރުޝާދުގެ ދަށުން ހުރިހާ ކަމެއް ސަރުކާރުން އެދޭގޮތަށް ކުރިޔަށް ގެންދިއުމަށެވެ. އަދި އެކަމާ ގުޅިގެން ޓީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޓީމުގެ ވަކިވަކި މެންބަރުން ފާޅުކުރާ ޝުއޫރަކީ އެ ކުލަބުގެ ވިސްނުން ނޫން ކަމަށެވެ.

ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ(ޝާޒް) ބުނީ ޓީމު މާލެއިން ފުރި އިރު އެފަދަ ކަމެއް ވެދާނެ ކަމަށް އެއްވެސް ވަރަކަށް ތައްޔާރު ވެފައި ނުވާކަމަށެވެ. ޓީމު ތައްޔާރުވެގެން ތިބީ މެޗު ކުޅުމަށްފަހު އަނެއްދުވަހު ރާއްޖެ އައުމަށެވެ. ނަމަވެސް ކަންތައް ދިމާވީ ހީކުރި ގޮތާއި މުޅިން ހިލާފަށެވެ. މެޗް ކުޅެން އޮތްދުވަހުގެ އެއްދުވަސް ކުރިން، ކަރަންޓީން ވާން ޖެހޭކަން އެނގުމުން އެކަމާ ކުޅުންތެރިން ވިސްނުމުގެ ސަބަބުން މެޗަށް ސަމާލުކަން ދޭންޖެހޭވަރަށް ސަމާލުކަން ނުދެވުނުކަން ޝާޒް ފާހަގަކުރިއެވެ.

"އަސްލު ކުޅުންތެރިން ދިޔައީ ކަރަންޓީނަކަށް ތައްޔާރުވެގެން ނޫން. އެހެންވީމަ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހުނު. ކުއްލިޔަކަށް ނިންމި ނިންމުމެއް ވީމަ ކުޅުންތެރިން ވެސް އެކަމަށް އެހާ ރެޑީ ވެފައެއް ނޫން ތިބީ" ޝާޒް ބުންޏެވެ.

ޓީސީގެ ރައީސް އަހްމަދު އައްބާސް (އައްބު) ވިދާޅުވީ ލަންކާގައި ކަރަންޓީން އިންތިޒާމު ހަމަޖެހިފައި ހުރީ ވަރަށް ފުރިހަމަކޮށް ކަމަށާއި ނަމަވެސް ދިމާވި މައްސަލައަކީ ކުޅުންތެރިންނަށް ރާއްޖެ ނާދެވި ދިގުލައިގެންދާ ދުވަސްތަކުގައި ބައެއް ކުޅުންތެރިންގެ އާއިލާތަކަށް ދިމާވަމުންދިޔަ މާލީ ގެއްލުންތަކާއި ގުޅިގެން ކުޅުންތެރިން މެންޓަލީ ބަލިކަށިވާން ފެށުން ކަމަށެވެ. އަދި އެމީހުންގެ ލޯބިވާ އާއިލާތައް ހާލުގައި ޖެހެން ފެށުމުން ކުޅުންތެރިންނަށް އެކަންވީ ވަރަށް ހިތްދަތި ކަމަކަށް ކަމަށެވެ.

"ގިނަ ކުޅުންތެރިންނަށް ބަލާނަމަ އެމީހުންނަކީ ދުވަހުން ދަވަހަށް ކުރާ މަސައްކަތުން އާއިލާތައް ބަލަހައްޓަމުން ދިޔަބައެއް. ކުއްލިޔަކަށް އެމީހުން އެހާ ގިނަ ދުވަހު ތާށިވުމުން ބައެއް ކުޅުންތެރިންގެ ފަރާތުން އެ ފްރަސްޓްރޭޝަން އައި. އެކަމަކުވެސް އެމީހުން އޭރުވެސް ގަބޫލު ކުރީ ދިވެހި ގައުމާއި އެމީހުންގެ ލޯބިވާ އާއިލާތައް ގާތަށް ދާއިރު އެމީހުންގައިގައި އެބަލި ނެތްކަން ޔަގީން ކުރުމަށް" އައްބު ވިދާޅުވިއެވެ.

ރާއްޖެ އައުމަށްފަހު ޓީމު ކަރަންޓީނުގައި ތިބީ ފުރަވެރި ރިސޯޓުގައެވެ. އެ ރިސޯޓުގެ ކަންކަން ހުރިގޮތް ކިޔައިދެމުން ޓީސީގެ ކެޕްޓަން އަހްމަދު ފައްރާހް ބުނީ އެތަނުގެ އެކަމަޑޭޝަން ރަނގަޅު ކަމަށެވެ. އަދި ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރި ދިވެހި ސިފައިންނަށް ސެލިއުޓް ނަގާކަމަށް ވެސް ފައްރާހް ބުންޏެވެ.

"ރާއްޖޭގެ ކަރަންޓީން ފެސިލިޓީތައް ގޯހެއް ނޫން އަދި އެތާ ތިބޭ ސިފައިން ވެސް ވަރަށް ރަނގަޅު. ހަމަ ސެލިއުޓް ނަގާވަރު. އެކަމަކު ކެއުމުގެ ކަންކަން ދިޔައީ އެހާ ހިތްހަމަޖެހޭ ގޮތަކަށް ނޫން. ހުރިހާ އެންމެންވެސް ތިބީ ހަމަ ޝުކުރުކޮށްގެން އެންމެންނަށް ވެސް އެނގޭ މީ ކްރައިސް އެއްކަން. ބޭނުންހާ އެއްޗެއް ކާން ނުލިބޭނެކަން. އެކަމަކު އެޔަށްވުރެ ކެއުން ރަނގަޅުކުރެވޭނެ." ފައްރާހް ބުންޏެވެ.

ކަރަންޓީނުގައި 43 ދުވަސް ހޭދަކުރުމަށްފަހު ކޮވިޑް 19 އަށް ނެގެޓިވް ވުމުން މިމަހުގެ 24 ވަނަ ދުވަހު އާއިލާ ކައިރިއަށް އާދެވުނު އިރު މާލެ އޮތީ ލޮކްޑައުންގައެވެ. އަނެއްކާވެސް ޓީމަށް މި ޖެހުނީ އިތުރު ކަރަންޓީނެކެވެ. މިފަހަރު އާއިލާ އާއެކު ގޭގައި ކަރަންޓީން ވާން މަޖުބޫރު ވީއެވެ. އެހެން ނަމަވެސް ކުޅުންތެރިންގެ ހިތްހަމަ ޖެހުމަކީ ކިތައްމެ ގިނަ ދުވަހު ގޭގައި ތިބެންޖެހުނު ކަމުގައިވިޔަސް މި ރަމަޟާން މަހު އެމީހުންގެ އާއިލާ އާއި އެކު ތިބުމުގެ ފުރުސަތު ލިބުމުންނެވެ. ކަރަންޓީނުގައި ދޮޅުމަހެއްހާ ދުވަސް ޓީމުން ހޭދަކުރީ އެމީހުންނާއި އެމީހުންގެ އާއިލާ އަދި ހުރިހާ ދިވެހީންގެ ރައްކާތެރިކަމަށްޓަކަ އެވެ.