ހަސަން ލަތީފް

ކޯލިޝަންގެ އެއްބަސްވުމަކަށް ވާނީ ލިޔުމުގައި ހަތަރު ލީޑަރުންގެ ސޮއި އޮވެގެން: ހަސަން ލަތީފު

ޝަހީދާ އަބްދުﷲ ސައީދު

ސަރުކާރުގެ ކޯލިޝަންގެ އެއްބަސްވުމެއް ކަމަށްބުނެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ގެންގުޅޭ ލިޔުމަކީ ރަނގަޅު ލިޔުމެއް ނޫން ކަމަށާއި ކޯލިޝަން އެއްބަސްވުމަކަށް ވާނީ އެ އެއްބަސްވުމުގައި ހަތަރު ލީޑަރުންގެ ސޮއި އޮވެގެން ކަމަސް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ދުވަހު ނޫސް އަވަސް އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ޕާޓީތަކުން ވާދަކޮށް ގިނަ ގޮނޑި ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިހާރު ގެންގުޅޭ ލިޔުމަކީ މަޖިލީހުގެ އިންތިޚާބާއި ގުޅޭ އެއްބަސްވުމެއް ނޫންކަމަށް ވިދާޅުވެ ހަސަން ވިދާޅުވީ އެއީ ކޯލިޝަން އުފެދިގެން އައި ގޮތާއި، މަޖިލީހުގެ މަސައްކަތާ ގުޅޭ ގޮތުން އޮތް ލިޔުމެއް ކަމަށެވެ. އަދި އެލިޔުމަކީ ހަތަރު ޕާޓީން އެއްބަސްވި ލިޔުމެއް ނޫން ކަމަށާއި އެއްބަސް ނުވެވުނީ ބައެއް ޕާޓީތަކަށް އޭގައި ގަބޫލު ނުކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ މަޖިލިސް އިންތިހާބަށް އެކުގައި ނުކުތުމަށް މަޝްވަރާތަކެއް ކުރި ނަމަވެސް މިހާ ހިސާބަށް އައިއިރު ގޮތެއް ނިންމިފައި ނުވާކަމަށެވެ. އެހެންކަމުން ޕާޓީތަކުން މަޖިލިސް އިންތިހާބުގައި ވަކިވަކިން ވާދަކުރުމަށްފަހު އެ ޕާޓީއަކަށް ކާމިޔާބު ކުރެވުނު އެންމެ ގިނަ ގޮނޑިތަކަކާ އެކު މަޖިލީހަށް ވަދެ ކޯލިޝަން ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ކޯލިޝަނުގައި ހިމެނޭ ފަރާތްތަކުން އެއްބަސްވުމެއްގެ ވާހަކަދައްކާތީ ކަންބޮޑުވާކަމަށް ވިދާޅުވެ ހަސަން ވިދާޅުވީ ކޯލިޝަންގެ އެއްބަސްވުމެއް ނަމަ، ހަތަރު ލީޑަރުންގެ ސޮއި އޮންނަންޖެހޭނެ ކަމަށެވެ. އަދި މީގެކުރިން ވެސް ބައެއް ކަންކަމުގައި ހަތަރު ލީޑަރުންގެ މެދުގައި އެއްބަސް ނުވެވިގެން އެމްޑީޕީން ވެސް އަދި ކޯލިޝަންގެ އެހެން ޕާޓީތަކުން ވެސް ކަންކަމުގައި ގޮތެއް ނުނިންމިފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ކޯލިޝަންގެ ތެރޭގައި އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ، ސަރުކާރުގެ މަގާމުތައް ބަހާނެ ގޮތާއި މަޖިލީހުގެ އިންތިޚާބުގައި އަމަލުކުރާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި އަދި އެވާހަކަތައް ލިޔުމުން ދިނުމަށް އެއް ޕާޓީއަކުން ވަރަށް ބޮޑަށް އެދުނު ކަމަށެވެ. އެހެންކަމުން އަނގަބަހުން ދެއްކި ވާހަކައެއް ލިޔުމެއްގެ ސިފައިގައި ދީފައިވާނެ ކަމަށާއި އެލިޔުމުގައި ސޮއިކުރެއްވީ އޭނާ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި އޭގެ ފަހުން އޭރުގެ ރިޔާސީ ކެންޑިޑޭޓު ސޮއިކުރެއްވުމަށް އެދުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ލިޔުމުގައި ސޮއިކުރެއްވިކަމަށް ހަސަން ވިދާޅުވިއެވެ.

ނަމަވެސް އެލިޔުމުގައި ހަތަރު ލީޑަރުން ސޮއިކުރައްވާފައި ނެތުމުން އެއީ ކޯލިޝަންގެ އެއްބަސްވުމަކަށް ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ސޮއިކުރައްވައިފައިވާ އެގްރީމެންޓުގައި ބުނާގޮތުން، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިއްސާ އަކީ 20 ޕަސެންޓެވެ.

އެ އެއްބަސްވުމުގެ ހިސާބަށް ބަލާނަމަ އަންނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ކުރިމަތިލެވޭނީ 35 ދާއިރާއަކަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާއަށް ކުރިމަތިލެވޭއިރު ޖުމްހޫރީ ޕާޓީއަށް ލިބޭނީ 22 ދާއިރާއެވެ. އަދި ރައީސް މައުމޫން ރިފޯމް މޫވްމެންޓަށް ލިބޭނީ 17 ދާއިރާއެވެ.

އަންނަ އަހަރު މާޗު މަހު ބާއްވާ އިންތިޚާބުގައި އެމްޑީޕީން 87 ދާއިރާއަށް ވާދަކުރަން އެޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.